ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލާގައި ސިއްރުން ހެކިބަސް ދިން މީހާ، އޭނާގެ ހެކިބަސް އަނބުރާ ގެންދަން ބޭނުންވާ ކަމަށް ބުނެ ކްރިމިނަލް ކޯޓަށް ފޮނުވި ކަމަށް ބުނާ ސިޓީގެ ސައްހަ ކަން ކަށަވަރު ކުރަން ކޯޓުން މަސައްކަތް ކުރާނެ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީންގެ ބެންޗުން ބުނެފި އެވެ.
ޔާމީން މަރުގެ މައްސަލައިގައި މީގެކުރިން ކްރިމިނަލް ކޯޓުގައި ހިންގި ޝަރީއަތަށް ފަހު ދައުވާ ލިބުނު ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި ހުޅުމާލޭ ނަމްބަރު 11399 އަހުމަދު ޒިހާން އިސްމާއިލް އުމުރަށް ޖަލަށްލާން ހުކުމްކުރި އެވެ. އެ މީހުންގެ މައްޗަށް ސާބިތުކުރަން އެންމެ ބޮޑު ހެއްކެއްގެ ގޮތުގައި އޮތީ ސިއްރު ހެކިވެރިޔާގެ ހެކިބަހެވެ.
ނަމަވެސް، ކްރިމިނަލް ކޯޓުން މައްސަލައިގެ ހުކުމް ނެރުނުއިރު އެ ހެކިވެރިޔާ އޭނާގެ ހެކިބަސް އަނބުރާ ގެންދަން ބޭނުންވާ ކަމަށް ބުނެ ސިޓީއެއް ފޮނުވާފައިވާ ކަން ވަނީ ފާހަގަކޮށްފަ އެވެ. ހުކުމްގައި ކޯޓުން ނިންމާފައި އޮތީ އެ ސިޓީއާ މެދު ބަހުސެއް ނުކޮށް، އެއަށް ރިއާޔަތް ވެސް ނުކޮށް، ހެކިވެރިޔާގެ ހެކިބަހަށް ބުރަދަން ދޭށެވެ.
ކްރިމިނަލް ކޯޓުން އިއްވި މި ހުކުމް ހައިޝަމް އާއި ޒިހާންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކުރުމުން މިދިޔަ ޑިސެމްބަރު މަހު އެ ކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލްކޮށް، މައްސަލަ އަނބުރާ ބެލުމަށް ފޮނުވައިފަ އެވެ. ހައި ކޯޓުން އެންގީ ސިއްރު ހެކިވެރިޔާ ފޮނުވި ސިޓީއާ މެދު ދެ ފަރާތަށް ވާހަކަ ދައްކަން ފުރުސަތުދީ، އެއާ މެދު ގޮތެއް ކަނޑައެޅުމަށެވެ.
އެ އެންގުމާ އެއްގޮތަށް ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް އަލުން ފަށައިފަ އެވެ. މިއަދު ހަވީރު ކޯޓުގައި ލައިވްކޮށްގެން ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ސިޓީއާ ގުޅޭ ގޮތުން މައްސަލަ ބަލަން އެކުލަވާލި ބެންޗުން ދައުލަތާ ސުވާލުކުރި އެވެ.
ދައުލަތު ވަކީލް ވިދާޅުވީ އެ ސިޓީއަކީ ސިއްރު ހެކިވެރިޔާ ފޮނުވި ސިޓީއެއް ކަން ކަށަވަރު ކުރަން މިހާތަނަށް ދައުލަތަށް އެއްވެސް ފިޔަވަޅެއް އެޅިފައިނުވާ ކަމަށެވެ. އެހެން އެކަން ދިމާވީ، ވަކީލް ވިދާޅުވި ގޮތުގައި އެފަދަ ސިޓީއެއް އޮތް ކަން ދައުލަތަށް ވެސް އެނގުނީ ކްރިމިނަލް ކޯޓުގެ ހުކުމްގެ ތެރެއިން ކަމަށްވާތީ އަދި ކްރިމިނަލް ކޯޓުން އެ ސިޓީ ބަލައިނުގަންނަން ނިންމާފައިވާތީ އެވެ. ހައި ކޯޓުގައި ދައުލަތުން ވަކާލާތު ކުރަމުންދިޔައީ އެ ނިންމުން ރަނގަޅު ކަމަށް ބަލައިގެން ކަމަށާއި އެހެންކަމުން އެ ސިޓީއާ މެދު އިތުރު ފިޔަވަޅުތަކެއް އެޅިފައިނުވަަނީ ކަމަށެވެ.
ނަމަވެސް، ހައި ކޯޓުގެ ނިންމުމާ އެކު އެ ސިޓީގެ ސައްހަކަން ކަށަވަރު ކުރުމުގެ ހާލަތު މިހާރު ވުޖޫދުވެފައިވާ ކަމަށް ވަކީލް ވިދާޅުވި އެވެ. ބެންޗުގެ ރިޔާސަތުގައި އިންނެވި އިބްރާހިމް އިހުސާން ވަނީ ހައި ކޯޓުން އެގޮތަށް ޑިސެމްބަރު ނިންމިިއިރު، އެހާ ދުވަސްވެފައިވާއިރު ސިޓީއާ މެދު އެއްވެސް ގޮތެއް ދައުލަތުން ނިންމާފައިވޭތޯ ސުވާލު ކުރައްވައިފަ އެވެ.
ދައުލަތުގެ ވަކީލް ވިދާޅުވީ ކްރިމިނަލް ކޯޓުގައި ކުރިއަށްދާ މައްސަލައަކަށްވާތީ އަޑުއެހުމުގެ ކުރިން ސިޓީއާ މެދު އެއްވެސް ފިޔަވަޅެއް އަޅަން ބޭނުން ނުވީ ކަމަށެވެ.
ގާޒީ ވަނީ އެ ސިޓީގެ ސައްހަކަން ކަށަވަރު ކުރަން ކޯޓުން އިޖުރާއަތްތައް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެފަ އެވެ. ދައުލަތަށާއި ދައުވާ ލިބޭ މީހުންގެ ވަކީލުންނަށް ގާޒީ އެންގެވީ އެ ސިޓީއާ މެދު ދެކޭ ގޮތާ މެދު ވާހަަކަ ދައްކަން ތައްޔާރުވުމަށެވެ. އެކަމަށް މި މަހުގެ 26 ވަނަ ދުވަހަށް އަޑުއެހުމެއް ތާވަލުކުރި އެވެ.
ގާޒީ އިހުސާން ވިދާޅުވީ މި މައްސަލައިގެ ދައުވާ ލިބޭ ދެ މީހުންނަކީ ބަންދުގައި ގިނަ ދުވަހު ތިބި ބަޔަކަށްވާތީ މައްސަލަ އަވަހަށް ނިންމަން ބޭނުންވާ ކަމަށާއި ހައި ކޯޓުން އަންގާފައިވަނީ ވަކި ކަމެއް ބެލުމަށް ކަމަށްވާތީ ބާއްވާނީ ވެސް އެންމެ އަޑުއެހުމެއް ކަމަށެވެ.
"މައްސަލައަކީ އެންމެ އަވަހަށް ނިންމަން ޖެހޭ މައްސަލައެއް. މި މައްސަލައިގަ ހަމައެކަނި ދައުވާ ލިބޭ މީހުންގެ ހައްގެއް ނޫން، މައްސަލައިގެ ވިކްޓިމްގެ ގޮތުގައި ނިޔާވެ ދިޔަ ފަރާތުގެ ހައްގާއި އަދި ސޮސައިޓީގެ ހައްގު ވެސް އެބައޮތް ވަރަށް ބޮޑަށް. އެހެންވެ އެ ހުރިހާ ކަމަކަށް ބަލައި މައްސަލަ އަވަހަށް ބަލައި ގޮތެއް ކަނޑައެޅުމަކީ މުހިންމު ކަމެއް،" ގާޒީ އިހުސާން ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުން ކުރިން ވަނީ ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ވެސް ކަނޑައަޅައިފަ އެވެ. އޭގެ ތެރެއިން އިސްމާއިލް ރަޝީދާއި ދިފްރާންގެ މައްސަލަ ދައުލަތުން ހައި ކޯޓަށް ގެންދިޔަ އެވެ.
އެ މައްސަލައިގައި ވެސް ހައި ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ މާއްދާއަކާ ގުޅޭ ގޮތުން އިތުރަށް ވާހަކަ ދައްކައި އަލުން ގޮތެއް ކަނޑައަޅަން އަންގައިފަ އެވެ. ކްރިމިނަލް ކޯޓުން މި ބައިގެ ޝަރީއަތް ވެސް ގެންދަނީ އެކުއެކީގަ އެވެ.
މައްސަލަ ބަލަން ކްރިމިނަލް ކޯޓުގެ އިސްގާޒީ އާދަމް މުހައްމަދަށް ލިބިދޭ ބާރުގެ ދަށުން އެކުލަވާލި ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ރިޔާސަތުގައި އިންނެވި ގާޒީ އިހުސާންގެ އިތުރުން ގާޒީ މުހައްމަދު މިސްބާހު އަދި ގާޒީ އަލީ ނަދީމެވެ.
ދައުވާ ލިބޭ އިސްމާއިލް ރަޝީދުގެ ފަރާތުން މި މައްސަލައިގައި ބެންޗެއް އެކުލަވާލި ސަބަބާއި ލައިވްކޮށް ޝަރީއަތް ކުރިއަށް ގެންދާ ސަބަބު ސާފުކޮށްދިނުމަށް ޝަރީއަތާ ސުވާލުކުރި އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ގާޒީ އިހުސާން ވިދާޅުވީ މައްސަލައަކީ ބަންދުގައި ބަޔަކު ވަރަށް ގިނަ ދުވަހު ހޭދަކުރާ މައްސަލައަކަށްވާއިރު، މައްސަލަ ދިގުލައިގެންދާ ސަބަބު މުޖުތަމައުއަށް ސާފުވާން ޖެހޭ ކަމަށެވެ. އެއީ ކޯޓަށް ތައްޔާރު ނުވެވެނީތޯ ނުވަތަ ވަކީލުންނަށް ތައްޔާރު ނުވެވެނީތޯ ނޫނީ ނިޒާމުގެ ތެރޭގައި ހުރި އެހެން ގޮންޖެހުންތައް ކަން ވެސް އެނގެން ޖެހޭ ކަމަށެވެ.
ޔާމީންގެ ރަޝީދުގެ މަރުގެ މައްސަލައިގައި ކުށް ސާބިތުވެފައި ތިބި ދެ މީހެއްގެ ހުކުމް ހައި ކޯޓުން ބާތިލް ކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. އަދި ހަމައެހެންމެ، 2022 ވަނަ އަހަރު ހަތަރު މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމަށް ވެސް ފާޑުކިޔުން އަމާޒުވި އެވެ. ޔާމީންގެ މަރަށް އިންސާފު ނުލިބި ލަސްވަމުން ދިޔުމަކީ އާއިލާގެ ކަންބޮޑުވުމެކެވެ.