މައިމުޅަވުމުގެ ސަބަބުން ތަރިކައިން ބަންޑާރަ ގޯތި ނުލިބޭ ގޮތަށް އޮންނަ އޮތުން ބަދަލު ކުރަން ބިމާ ބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ. 

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ބިމާ ބެހޭ ގާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުގެ ފުރަތަަމަ ކިޔުން އިއްވުން މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ. 

ބިމާ ބެހޭ ގާނޫނުގެ 15 ވަނަ މާއްދާއަށް ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ ބަންޑާރަ ގޯއްޗެއް ދޫކޮށްފައިވާ މީހަކު މަރުވެއްޖެ ނަމަ، އެ ގޯއްޗެއްގައިވާ އިމާރާތާއި ނުއުފުލޭ މުދާ ތަރިކައިގެ އުސޫލުން ލިބޭ މީހުންނާއި އަދި ބިމުގެ ތަނަވަސްކަން ލިބިފައިނުވާ މައިމުޅަވާ ދަރިންގެ މެދުގައި ބަންޑާރަ ބިމުން ލިބިދޭން ޖެހޭނެ ކަމަށެވެ. 

ތަނަވަސްކަން ހުރި ކަމަށް ބަލާނީ އިސްލާހުގެ ބިލުގައިވާ ގޮތުން ގަތުމަކުން، ވިއްކުމަކުން، ހިބައަކުން ނުވަތަ ވަސިއްޔަތަކުން ނުވަތަ ތަރިކައަކުން ބިމެއް ނުވަތަ ފްލެޓެއް ރަޖިސްޓްރީ ކުރެވިފައިވުމެވެ. ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުއަކުން ބިމެއް ނޫނީ ފްލެޓެއް ލިބިފައިވުމެވެ. 

މިހާރު ގާނޫނުގައި އޮންނަ މާއްދާގައި ބުނަނީ ބަންޑާރަ ގޯއްޗެއް ދޫކުރެވިފައިވާ މީހަކު މަރުވެއްޖެ ނަމަ، އެ ގޯއްޗެއްގައިވާ އިމާރާތާއި ނުއުފުލޭ މުދާ، ތަރިކައިގެ އުސޫލުން ލިބޭ ބައެއްގެ މެދުގައި، އެ ގޯއްޗެއް ވަކިގޯތިތަކަކަށް ބައިކޮށް ވަކިކޮށްދެވިދާނެ ކަމަށެވެ. 

އެހެންކަމުން މައިމުޅަވާ މީހުންނަށް ތަރިކައިން ބަންޑާރަ ގޯއްޗެއް ލިބޭ ގޮތަކަށް މިހާރު ގާނޫނުގައި ނޯވެ އެވެ. މައިމުޅަވުމުން ތަރިކައިން ލިބޭ ބައި އުނިވުމަކީ އިސްލާމީ ޝަރީއަތުގައި އެކަން އޮންނަ ގޮތެވެ. އެހެންވެ، ކޯޓުތަކުން ތަރިކަ ބެހުމުގައި އަމަލު ކުރަމުންދަނީ އެ އުސޫލަށެވެ. 

މައިމުޅަވުމަކީ މައިންބަފައިން ދުނިޔޭގައި ތިއްބާ ދަރިންމަރުވާ ހާލަތުގައި މަރުވެފައިވާ ދަރިއެއްގެ ދަރިންނަށް ތަރިކަ މުދަލުން ނުލިބޭ ހާލަތެއް ދިމާވުމެވެ.

އިސްލާހުގައި މިކަން މާނަކޮށްދީފައިވަނީ ގޮތުން ނަމަ، މައިމުޅަ ދަރިންނަކީ އެ ދަރީގެ ބައްޕަ ނުވަތަ މަންމަ ހުރި ނަމަ، އެ ބައްޕައަކަށް ނުވަތަ މަންމައަކަށް ލިބޭ އެކަމަކު ތަރިކައިގެ މައްޔިތާގެ ކުރިން އެ މީހުން މަރުވުމުން އެ މީހުންނަށް އަދި އެ މީހުންގެ ދަރިންނަށް ތަރިކަ ނުލިބޭ މިފަދަ މީހުންގެ ދަރިންނެވެ.