މާލޭހިޔާ އާއި ސިނަމާލޭގެ މެއިންޓަނެންސާ ގުޅޭ ގިނަ މައްސަލަތަކެއް ހުރުމުން، އެތަން މަރާމާތުކުރަން އިމާރާތުގެ އެސެސްމަންޓެއް ހަދަން ނިންމާފައިވާ ކަަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ. 

ސިނަމާލެ އާއި މާލޭ ހިޔާގައި އުޅޭ މީހުންނާ އެކު، ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ މުލީއާގޭގައި ބައްދަލުކުރައްވައިފަ އެވެ.

އެ ބައްދަލުކުރެއްވުމަށް އިޝާރާތް ކުރައްވައި، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ އެ ދެ އިމާރާތުގެ މެއިންޓެނަންސާ ގުޅޭ ގިނަ މައްސަލަތަކެއް އެ މީހުން ފާހަގަކޮށްފައިވާ ކަމަށެވެ. 

އެއީ މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި ތަނަކަށް ވި ނަމަވެސް އެއީ އާންމު ރައްޔިތުންގެ ދިރިއުޅުމާއި ރައްކާތެރިކަމާ ގުޅުފައިވާ ތަނަކަށް ވާތީ، އެތަން މަރާމާތުކުރުމަށް މިނިސްޓްރީން އެސެސްމަންޓެއް ހެދުމަށް ނިންމާފައިވާ ކަމަށް މުއްތަލިބު ވިދާޅުވި އެވެ. 

https://www.facebook.com/photo?fbid=10103141538829830&set=pcb.10103141538999490

އެތަނުގެ އެސެސްމަންޓެއް ހަދަން ނިންމިއިރު ރައީސް މުއިއްޒުގެ މޭޔަރު ކަމުގައި ވަނީ ސިނަމާލެ އާއި މާލޭ ހިޔާގެ ފްލެޓްތައް ތަޅާލައި، އެ މީހުން ދިރިއުޅެން އެހެން ފްލެޓްތަކެއް އަޅަން ނިންމައިފަ އެވެ. އަދި އެ އިމާރާތް ޑިޒައިންކުރުމުގެ އެއްބަސްވުމެއްގައި ހޮންކޮންގުގެ އެސްއެފް ޕްރޮޖެކްޓް ކޮންސަލްޓެންސީއާ އެކު އޮގަސްޓް 17، 2023 ގައި ސޮއިކުރި އެވެ.

ސިޓީ ކައުންސިލުން އޭރު ހެދި އެއްބަސްވުމުގެ ދަށުން 1،500 ހައުސިން ޔުނިޓް އަޅަން ވަނީ ހަމަޖެހިފަ އެވެ. އެއީ މާލެހިޔާ އަދި ސިނަމާލެ ފްލެޓުތައް ހިމެނޭ 23،476 އަކަ މީޓަރުގެ ބިމެއްގަ އެވެ. ނަމަވެސް، އެ ސަރަހައްދުގައި ހޭންޑްބޯޅަ ކޯޓު އޮތުމުން 3،310 އަކަ މީޓަރު ވަނީ އުނިކޮށްފަ އެވެ. އެހެންވެ، ފްލެޓުގެ އަދަދު 1،360 އަށް ވަނީ މަދުކޮށްފަ އެވެ.

މިދިޔަ ޖެނުއަރީ މަހުގެ ފަސްވަނަ ދުވަހު ރައީސް ވަނީ މާލެހިޔާ/ސިނަމާލެ ފްލެޓުތަކުގެ ޖޫރިމަނާ ނުދެއްކޭ މީހުންގެ ޖޫރިމަނާ މާފުކޮށް، ފައިސާގެ އިނާޔަތެއް ދޭން ނިންމައިފަ އެވެ. އެކަން މާލެ ސިޓީ ކައުންސިލަށް ވަނީ އެ މަހުގެ ހަތްވަނަ ދުވަހު އަންގަވައިފަ އެވެ. މިދިޔަ އާދިއްތަ ދުވަހު ވަނީ އެކަން ފްލެޓުތަކުގެ ވެރިންނަށް އަންގަން ފަށައިފަ އެވެ. 

ރައީސް ނިންމެވި ކަންކަން: 

  • ފްލެޓުތަކުގެ ޖޫރިމަނާތައް އެއްކޮށް މާފުކުރުން. 
  • ސްޓްރަކްޗާ ހަލާކުވެފައިވާތީ އާއި އެކަމަށް ސަރުކާރުން ހައްލެއް ހޯދައި ނުދެވި ގިނަ ދުވަސްވެފައިވާތީ އެމީހުންނަށް އެއް ލައްކަ ރުފިޔާގެ އިނާޔަތެއް ދިނުން. 
  • އިނާޔަތް ދޭއިރު ފްލެޓުގެ ވެރި ފަރާތުން ފްލެޓަށް ދައްކަންޖެހޭ ޖުމްލަ އަދަދު ލައްކައަކަށް ވުރެ ބޮޑުވާނަމަ، އެ ފައިސާ އިން އުނިވާނެ. ފްލެޓަށް ދައްކަންޖެހޭ ފައިސާ އެއްލައްކައަށް ވުރެ ކުޑަ ނަމަ، އެ އަދަދު ކެނޑުމަށް ފަހު ބާކީވާ މިންވަރެއް ފްލެޓުގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކުރުން. 
  • ފްލެޓު މިލްކުކުރުމަށް ފައިސާ ދައްކާ ނިންމާފައިވާ މީހުންނަށް އެއްލައްކަ ރުފިޔާ އެއްކޮށް ޖަމާކޮށްދޭނެ.

އެ ފްލެޓުތަކުގައި ދިރިއުޅޭ މީހުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ މާލޭ ހިޔާ އަދި ސިނަމާލެ ފްލެޓްތައް ބާވެ، ރޫޅެމުންދާ މައްސަލައަކީ ވަރަށް ކަންބޮޑުވެވަޑައިގަންނަވާ މައްސަލައެއް ކަމަށެވެ.

ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް އިޖުތިމާއީ ދުޅަހެޔޮކަން އިތުރުކުރުމަށް މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައި، ރައްޔިތުންގެ ހިޔާލާއި އިހުސާސްތައް ރައީސް މުއިއްޒު އަޑުއެއްސެވި ކަމަށް ރައީސް އޮފީހުން ބުންޏެވެެ. 

ސިޓީ ކައުންސިލުން މި އަހަރު ކުރީކޮޅުގައި ބުނެފައިވާ ގޮތުގައި ސިނަމާލެ އާއި މާލެ ހިޔާގެ ބާ އިމާރާތްތައް ތަޅާލާނީ މިހާރު އެ ތަންތަނުގައި ދިރިއުޅޭ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖެހުމުންނެވެ.