ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އަލީ އަފްލަހު ދެ އަހަރު ވަންދެން ކުއްޖަކަށް ގޯނާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން އިއްޔެ ބުނި ގޮތުގައި އުމުރުން 14 އަހަރުން ފެށިގެން 16 އަހަރު ވަންދެން އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތުހުމަތުކުރެވެ އެވެ. އެ މައްސަލާގައި އަފްލަހް ހައްޔަރުކޮށްފައިވަނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ އެކި ދުވަސް މަތިން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކޮށެވެ.
ސްކޫލް ކުދިންނަށް އޮންލައިންކޮށް ޓިއުޝަންގެ ހިދުމަތް ދޭ "ބްރައިޓް މައިންޑްސް"ގެ ކުރީގެ ވެރިޔާ އަފްލަހު، 27، ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން މިހާރު ވަނީ ބަންދުގައި 30 ދުވަހު ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި، ބްރައިޓް މައިންޑްސް އެޑިއުކޭޝަން ޕްރައިވެޓް ލިމިޑެޓްގެ ކުރީގެ ވެރިޔާ އަދި ޓީޗަރު އަފްލަހު ހައްޔަރުކުރީ ކުޑަ އަންހެން ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރުމާ އެކު ރާއްޖެއިން ބޭރުގައި "ފިލައިގެން" ގިނަ ދުވަސްތަކެއް ވަންދެން އުޅުމަށް ފަހު، އިންޑިއާގެ މުމްބާއީގެ ފްލައިޓަކުން އެނބުރި ރާއްޖެ އައުމާ އެކުގަ އެވެ.
މި މައްސަލައިގެ ތުހުމަތުކުރެވިފައި ވަނިކޮށް ބްރައިޓް މައިންޑްސް އެޑިއުކޭޝަން ޕްރައިވެޓް ލިމިޑެޓުގެ ހިއްސާ އަފްލަހުގެ ބޭބެ އާއި ބޭބެގެ އަނބިމީހާގެ ނަމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވަނީ ބަދަލުކޮށްފަ އެވެ.