ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ބޭނުންކުރަން ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ބަގީ ސަޕްލައިކޮށްދޭނެ ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލުން އިއުލާނުކޮށްފި އެވެ. 

ގާތްގަނޑަކަށް 2.9 މިލިއަން ރުފިޔާ ހަރަދުކޮށްގެން 10 ބަގީ ގެނެސްގެން މާލޭ ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ހިދުމަތް އޭޕްރީލް 2023 ގައި ވެސް ފެށި އެވެ. މަހަކު 390،000ރ. ދީގެން ބަގީގެ ހިދުމަތް ދޭން އޭރު ހަވާލުކުރީ ޕިންކް ސްކައި މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ.

އެކަމަކު ހައެއްކަ މަސް ފަހުން އެ ހިދުމަތް ހުއްޓުނު ގޮތަށް ބަގީގެ ހިދުމަތް އެއްކޮށް ހުއްޓުނުތާ ދެ އަހަރު ވެއްޖެ އެވެ. 

ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ވިލިމާލޭގައި އަލުން ރަނގަޅު ފެންވަރެއްގައި ބަގީގެ ހިދުމަތް ތައާރަފުކުރުމަށް، ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ބަގީ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަމުން އަންނަ ކަމަށެވެ. 

އެ ހިދުމަތް އަލުން ފެށުމަށް ހޯދަނީ 9 ބަގީ އެވެ. 

ބަގީ ސަޕްލައިކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. 

ބަަގީގެ ތަފްސީލު:

  • 11 ސީޓުގެ 4 ބަގީ، 8 ސީޓުގެ ތިން ބަގީ، އަދި ދެ ކާގޯ ބަގީ.
  • ބެޓެރީ ލައިފް ގިނަ ވަގުތު ހިފެހެއްޓޭނެ ވެހިކަލްތަކެއް. 
  • lvtong ބްރޭންޑުގެ ބަގީ.
  • ވެހިކަލްތައް ގެންނައިރު ސިޓީ ކައުންސިލުގެ ލޯގޯ ވެހިކަލްގައި ހުންނަންޖެހޭ. 
  • ބަގީ ސަޕްލައިކޮށްދޭ ފަރާތުން މަދުވެގެން އެއް އަހަރަށް ސްޕެއާ ޕާޓްސް ލިބޭނެ އިންތިޒާމު ހަމަޖައްސަންޖެހޭ.

ކައުންސިލުން ބުނީ ބިޑު ހުށަހަޅަން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 26 ގައި މައުލޫމާތު ސާފުކުރުމަށް މާލެ ސިޓީ ކައުންސިލް ހޯލަށް ދިއުމަށެވެ. އަދި އަގު ހުށަހެޅުމުގެ ފުރުސަތު އޮންނާނީ މާޗު 5 ވަނަ ދުވަހުގެ 11:30 ގަ އެވެ.

އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނިތަކާއި ޕާޓްނާޝިޕްތަކާއި ލޯކަލް އިންވެސްޓްމެންޓް އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަނި ކަމަށް އިއުލާނުގައިވެ އެވެ. 

ވިލިމާލޭގައި އޭރު ބަގީގެ ހިދުމަތް ފެށީ އެކި ކަހަލަ މުދަލާއި ލަގެޖް އަދި ފޮށިގަނޑު ފަދަ ތަކެތި އުފުލޭ ގޮތަށް ހަދާފައިވާ ދެ ބަގީ އާއި ކުއްލި ހާލަތްތަކުގައި ބަލި މީހުންނަށް ދަތުރުކުރެވޭނެ ގޮތަށް ހަދާފައިވާ ބަގީ ވެސް ބޭނުންކޮށްގެންނެވެ. 

ބަގީގެ ހިދުމަތް އޭރު ފެށިއިރު ވިލިމާލޭގައި އެމްޓީސީސީން ދިޔައީ ބަހުގެ ހިދުމަތް ވެސް ދެމުންނެވެެ.