މާލޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި 464،819ރ. ރިކަވާކޮށްފައިވާ ކަމަށް ބުނެފި އެވެ. 

ފުލުހުން ވަނީ ހެންވޭރާއި ގަލޮޅު އަދި މާފަންނު ޕޮލިސް ސްޓޭޝަނުން ފާއިތުވި 48 ގަޑިއިރު ކޮށްފައިވާ ބައެއް މަސައްކަތްތަކުގެ ތަފާސްހިސާބުތައް އާންމުކޮށްފަ އެވެ. އޭގައިވާ ގޮތުން ގަލޮޅު ޕޮލިހުން ވަނީ އެކި މައްސަލަތަކުގައި ގެއްލުނު 365،099ރ. ރިކަވާކޮށްފަ އެވެ. އަދި ހެންވޭރު ޕޮލިހުން 65،000ރ. ރިކަވާކޮށްފައިވެ އެވެ. 

މާފަންނު ޕޮލިހުންގެ ތަފާސްހިސާބުތަކުގައިވާ ގޮތުން 138،552ރ. ގެއްލިގެން ރިޕޯޓުކޮށްފައިވާއިރު އޭގެ ތެރެއިން 34،720ރ. އަނބުރާ ހޯދައިދީފައިވެ އެވެ.

މާފަންނު ޕޮލިހުން ވަނީ މަގުމަތިން 256 މީހަކު ހުއްޓުވައި ސުވާލުކޮށްފަ އެވެ. އަދި 777 ލޮކޭޝަނެއް ބަލާފައިވާއިރު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެެ. 

ހެންވޭރު ޕޮލިހުން ވަނީ 146 މީހަކު މަގުމަތިން ހުއްޓުވައި 752 ލޮކޭޝަނެއް ބަލައިފަ އެވެ. އަދި އެކަކު ހައްޔަރުކޮށްފައިވެ އެވެ. 

ގަލޮޅު ޕޮލިހުން މަގުމަތިން 151 މީހަކު ހުއްޓުވައި ސުވާލުކޮށްފައިވާ ކަމަށާއި 738 ލޮކޭޝަނެއް ވެސް ބަލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ގަލޮޅު ޕޮލިހުން ވަނީ ތިން މީހަކު ހައްޔަރުކޮށްފަ އެވެ.