ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާން އެކަށީގެންވާ ވަރަށް މީހުން ރީ-ރަޖިސްޓްރީކޮށްފައި ނުވާތީ ސިނާއީ ސަރަހައްދާއި ބޭރު އެއްވެސް ގައުމެއްގައި ވޯޓުފޮށި ނުބަަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އެ ކޮމިޝަންގެ ނައިބު ރައީސް އަބްދުއްރަހްމާން ސޮލާހު ރަޝީދު "މިހާރު"އަށް ވިދާޅުވީ ރީ-ރަޖިސްޓްރީކުރުމުގެ މުއްދަތު މިދިޔަ އާދިއްތަ ދުވަހު ހަމަވިއިރު ފޯމު ހުށަހެޅީ 26،454 މީހުން ކަމަށެވެ. އެއީ؛

- ރަށްރަށާއި މާލޭގައި ވޯޓުލާން: 24،429 މީހުން

- ޖަލުތަކުގައި ވޯޓުލާން: 1،326 މީހުން

- ސިނާއީ ސަރަހައްދުގައި ވޯޓުލާން: 11 މީހުން

- މެލޭޝިޔާގައި ވޯޓުލާން: 499 މީހުން

- ސްރީލަންކާ: 189 މީހުން

- ބޭރުގެ އެއްވެސް ގައުމަކުން ވޯޓުފޮށީގެ އަދަދު ހަމަވާ ވަރަށް ރީރަޖިސްޓްރީއެއް ނުވޭ.

ރިސޯޓާއި ސިނާއީ މަސައްކަތްކުރާ ތަނެއްގައި ވޯޓުފޮށި ބަހައްޓާނީ މަދުވެގެން 30 މީހުން ރަޖިސްޓްރީވުމުންނެވެ. އަދި ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބަހައްޓާނީ އެ ގައުމަކަށް ވޯޓުލާން މަދުވެގެން 2،000 މީހުން ރަޖިސްޓްރީކޮށް، މަދުވެގެން އެއް ދާއިރާއަކުން 40 މީހުން ރަޖިސްޓްރީވެއްޖެ ނަމަ އެވެ. 

ސޮލާހު ވިދާޅުވީ އެ އަދަދަށް ރީ-ރަޖިސްޓްރީވެފައިނުވާތީ ރާއްޖެއިން ބޭރާއި ސިނާއީ އެއްވެސް ރަށެއްގައި ވޯޓު ފޮއްޓެއް ނުބަހައްޓާނެ ކަމަށެވެ. ގިނަ އަދަދެއްގެ ދިވެހިން މަސައްކަތްކުރާ ހުޅުލޭ އެއާޕޯޓުގައި ވޯޓުލާން ވެސް ރީ-ރަޖިސްޓްރީވެފައިވަނީ 11 މީހުންނެވެ. 

"ރީ-ރަޖިސްޓްރޭޝަނަށް 21 ރިސޯޓުން 30 މީހުން ވެސް ހަމަވީ،" އޭނާ ވިދާޅުވި އެވެ.

އީސީން މިއަދު ކުރި އިއުލާނުގައި ބުނީ ވޯޓުފޮށި ނުބަހައްޓަން ނިންމައިފި ނަމަ، އެ ވޯޓުފޮއްޓަށް ވޯޓުލާން ރަޖިސްޓްރީކުރި މީހުން އެހެން ވޯޓު ފޮއްޓަކަށް ރީ-ރަޖިސްޓްރީކުރަން މުއްދަތެއް ދޭނެ ކަމަށެވެ. އަދި އެ މުއްދަތުގައި ރަޖިސްޓްރީ ނުކުރާ މީހުން ވޯޓުލާން ރަޖިސްޓްރީވެފައި އޮންނާނީ އެ މީހަކު ރަށްވެހިވެފައިވާ ތަނެއްގަ އެވެ.