އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން އަދި ދީނީ ގޮތުން ވެސް ރާއްޖެ ދަތުރުކުރަމުން ދަނީ ރަނގަޅު އަމާޒަކަށް ކަމަށާއި އެކަން ދެމެހެއްޓުމަށް ސަރުކާރަށް ވޯޓު ދޭންޖެހޭ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެ އެވެ. 

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ގދ. ތިނަދު އަށް ވާދަކުރާ ކެންޑިޑޭޓުންގެ މާލޭ އޭރިއާގެ ކެމްޕެއިން އޮފީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ޝަހީމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބެއްލެވުމުގެ ދަށުން ރާއްޖެ ދަނީ ރަނގަޅު އަމާޒަކަށް ކަމަށެވެ.  

އެ ހާލަތު ދެމެހެއްޓުމަށް ސަރުކާރުގެ ކެންޑިޑޭޓުން ނުވަތަ ސަރުކާރުގެ ތަސައްވަރަށް ތާއީދު ކުރާނެ ބަޔަކަށް ވޯޓު ދޭން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

ޝަހީމް ވިދާޅުވި ގޮތުގައި އެ ގޮތަށް ވޯޓު ދިނުމަކީ ސަރުކާރު ބަދަހިކަމާ އެކު ދެމެހެއްޓުމަށް އެޅޭނެ ބިންގަލެކެވެ.  

"އެހެންކަމުން މި ހާލަތު ދެމެހެއްްޓުމަށްޓަކައި މިހާރު ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ސަރުކާރުގެ ކެންޑިޑޭޓުންނަށް، ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓުންނަށް، ސަރުކާރުގެ ތަސައްވުރަށް ތާއީދު ކުރާ ކެންޑިޑޭޓުން މި އިންތިހާބު ކާމިޔާބު ކުރުމަކީ ކުރިއަށް އޮތް ދުވަސްތަކުގައި މި ވެރިކަން އިތުރަށް ބަދަހިކަމާ އެކު ދެމެހެއްޓުމަށް އެޅިގެންދާނެ ވަރުގަދަ ބިންގަލަކަށް ވާނެ." ޝަހީމް ވިދާޅުވި އެވެ. 

މިނިސްޓަރު ވިދާޅުވީ ތިނަދު އަށް މިހާތަނަށް އައިސްފައިވާ ތަރައްގީ އައީ ޕީއެންސީގެ ފިކުރުގެ ތެރެއިން ކަމަށާއި އެ ރަށުގެ ބަނދަރާއި ހިއްކާފައި އޮތް ސަރަހައްދާއި އިސްލާމީ މަރުކަޒަަށް ބެލިޔަސް އެކަން ސާފުވާނެ ކަމަށެވެ. އަދި ރައީސް މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު ހިންގެވި ޕްރޮޖެކްޓްތަކުގެ އަސަރު ތިނަދޫން ފެންނަން ހުންނާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ. 

ތިނަދޫ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވާދަކުރައްވާ ބޭފުޅުންނާ އެކު މެޑަމް ސާޖިދާ މުހައްމަދާއި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ފޮޓޯއަކަށް ހުއްޓިވަޑައިގެން.
ތިނަދޫ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވާދަކުރައްވާ ބޭފުޅުންނާ އެކު މެޑަމް ސާޖިދާ މުހައްމަދާއި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ފޮޓޯއަކަށް ހުއްޓިވަޑައިގެން.

ޝަހީމް ވިދާޅުވީ ތިނަދޫގެ މޭޔަރު ކަމަށް ވާދަކުރައްވާ މުހައްމަދު އަޖީބަކީ އެ ސިޓީ އަށް ލިބޭނެ "ޖަވާހިރެއް" ކަމަށެވެ. ޕީއެންސީގެ މެމްބަރުން ރަނގަޅަށް މަސައްކަތްކޮށްފި ނަމަ، އެންމެ ގިނަ ވޯޓާ އެކު ހޮވޭނެ ކެންޑިޑޭޓަކީ ވެސް އަޖީބު ކަމަށް ޝަހީމް ވިދާޅުވި އެވެ. 

ޕީއެންސީން ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވާދަކުރާ އިންތިހާބަށް ނިކުންނަނީ ވަރަށް ގާބިލު ބޭފުޅުން ކަމަށް ޝަހީމް ވިދާޅުވި އެވެ. އިހުލާސްތެރިކަމާއި އެކުވެރިކަމާ އެކު މަސައްކަތްކޮށްފި ނަމަ އެ ބޭފުޅުންނަށް ކާމިޔާބު ހޯދައިދެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.