ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ގދ. ތިނަދޫއަށް މިއަދު ވަޑައިގެންފި އެވެ.

މިއަދު މެންދުރު އެކަމަނާ ތިނަދޫއަށް ވަޑައިގަތުމުން އެރަށުގެ ބަނދަރު ސަރަހައްދަށް ގިނަ ބަޔަކު އެއްވެ، ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. 

ފަސްޓްލޭޑީގެ އެ ދަތުރުފުޅުގައި ޕީއެންސީގެ މެމްބަރުންނާ ބައްދަލު ކުރައްވާނެ އެވެ. އަދި ރަށުގެ ތަރައްގީއާ ގުޅޭ އެކި ކަންކަމާ ގުޅޭ މަޝްވަރާތައް ކުރަން ވެސް ހަމަޖެހިފައިވެ އެވެ.

މެޑަމް ސާޖިދާ، ގދ. ތިނަދޫއަށް ވަޑައިގަތުމުން މަރުހަބާ ކިޔަނީ.-- ފޮޓޯ: ޕީއެންސީ
މެޑަމް ސާޖިދާ، ގދ. ތިނަދޫއަށް ވަޑައިގަތުމުން މަރުހަބާ ކިޔަނީ.-- ފޮޓޯ: ޕީއެންސީ

ތިނަދޫއަށް ކުރައްވާ އެ ދަތުރުފުޅަށްފަހު، ފުވައްމުލަކަށް ވެސް އެކަމަނާ ވަޑައިގަންނަވާނެ އެވެ. އަދި އައްޑޫއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގަ އެވެ. 

ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދުކުރުމަށް މާލޭގެ ޖަލްސާތަކުގައި ވެސް ފަސްޓްލޭޑީ ކުރިން ބައިވެރިވެވަޑައިގެންފައިވެ އެވެ. އަދި އެކަމަނާ ވަނީ ކައުންސިލު އިންތިހާބަކީ އާންމުކޮށް މަދު ބަޔަކު ވޯޓުލާ އިންތިހާބެއް ނަމަވެސް، މިފަހަރުގެ އިންތިހާބުގައި ގިނަ ބަޔަކު ވޯޓުލުމަށް ގޮވާލައްވައިފަ އެވެ.

މެޑަމް ސާޖިދާ، ގދ. ތިނަދޫއަށް ވަޑައިގަތުމުން މަރުހަބާ ކިޔަައި ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: ޕީއެންސީ
މެޑަމް ސާޖިދާ، ގދ. ތިނަދޫއަށް ވަޑައިގަތުމުން މަރުހަބާ ކިޔަައި ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: ޕީއެންސީ

މީގެ އިތުރުން ސަރުކާރުން ގެންނަ ތަރައްގީ ކަށަވަރުކުރަން ޕީއެންސީއަށް ނިސްބަތްވާ ކެންޑިޑޭޓުން ކައުންސިލްތަކާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ހޮވަން ވެސް އެކަމަނާ ކުރިން އެދިވަޑައިގެންފައިވެ އެވެ.