ސަރުކާރުން ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިތައް ކާމިޔާބުކޮށް، ބޭނުންވާ ކުރިމަގު ލިބޭނީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތަކަށް ޕީއެންސީގެ ކެންޑިޑޭޓުން ހޮވައިގެން ކަމަށް ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ. 

މާލޭ ސިޓީގެ އަންހެނުން ކުރިއަރުވާ ކޮމިޓީގެ ރައީސް ކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އައިޝަތު އަލައިކާ އަދުނާންގެ ކެމްޕެއިން ޖަގަހަ ހުޅުވަން މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވާހަކަ ދައްކަވަމުން ސާޖިދާ ވިދާޅުވީ އަންހެނުން ކުރިއަރުވާ ކޮމިޓީގެ މެންބަރުންނަކީ ދާއިރާގެ ރައްޔިތުންނާ އެންމެ ގާތުން ބައްދަލުވެ، އެމީހުން އިހުސާސްތައް އެންމެ ގާތުން އެނގޭނެ ބޭފުޅުން ކަމަށެވެ. އެހެންކަމުން، ކައުންސިލްތަކާ ހަމައަށް ރައްޔިތުންގެ ވާހަކަތައް ގެންދަން ވެސް އެންމެ ފަސޭހަވާނީ އެ ކޮމެޓީގެ ބޭފުޅުންނަށް ކަމަށް އެކަމަނާ ވިދާޅުވި އެވެ. 

"ގިނަ ފަހަރު އަޅުގަނޑަށް ވެސް އަންހެން ބޭފުޅުން ކައިރީގައި ބުނެލަން ބޭނުންވާ ވާހަކަތައް ބުނެލަން ފަސޭހަވޭ. ހިއްސާކުރަން ފަސޭހަވޭ. އެހެންވީމަ އެންމެ ގާތުން ރައްޔިތުން ދިރިއުޅެމުންދާނެ ގޮތް ދެކޭނެ އަދި ފެންނާނެ ބޭފުޅުންނަކީ ކޮމިޓީގެ ބޭފުޅުން ކަން ޔަގީން،" ސާޖިދާ ވިދާޅުވި އެވެ. 

އެހެންކަމުން އެ ކޮމިޓީއަށް ހޮވާ ބޭފުޅުން ވާން ޖެހޭނީ ސަރުކާރާއި ރައްޔިތުން ގުޅުވައިދޭ ބަޔަކަށް ކަމަށް ސާޖިދާ ވިދާޅުވި އެވެ. އަދި އެ ގުޅުން ގުޅުވޭނީ ސަރުކާރާ އެކު މަސައްކަތް ކުރާ ބަޔަކަށް ކަމަށާއި އެ ބަޔަކީ ޕީއެންސީގެ ކެންޑިޑޭޓުން ކަމަށް އެކަމަނާ ވިދާޅުވި އެވެ. 

"ޕީއެންސީގެ ކެންޑިޑޭޓުންނަށް ތިޔަ ބޭފުޅުން ވޯޓު ދެއްވާ. އެހެން ނޫނީ ސަރުކާރާއެކު މި އެކުވެގެން މަސައްކަތެއް ނުކުރެވޭނެ. އޭރުން އަޅުގަނޑުމެން ބޭނުންވާ ލަނޑުދަނޑިތައް ހާސިލް ކުރެވޭނީ، އަޅުގަނޑުމެން ބޭނުންވާ މަގަށް ކުރިއަށް ދެވޭނީ،" ސާޖިދާ ވިދާޅުވި އެވެ.