އެކަކު އަނެކަކަށް ބަދުބަސް ނުބުނެ، ފުރައްސާރަ ނުކޮށް މި ފެށި ރޯދަމަހާ އެކު، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ކެމްޕެއިން ކުރުމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ރޭ އެދިވަޑައިގެންފި އެވެ. 

ފަސްޓް ލޭޑީ އެކަމަށް އެދިވަޑައިގަތީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ އަންހެނުންގެ ގޮފިން އިންތިޒާމު ކޮށްގެން ބޭއްވި މާހެފުމެއްގަ އެވެ. 

ފަސްޓް ލޭޑީ ވިދާޅުވީ، އެކަކު އަނެކަކަށް ފުރައްސާރަ ނުކޮށް ކަންކަން ކުރުމަކީ ވެސް އަޅުކަމެއް ކަމަށެވެ. އަދި މީސްމީހުންނާ ވާހަކަ ދައްކާއިރު އިހުތިރާމް ކުރުމަކީ ދީނީ ގޮތުން ވަރަށް މުހިންމު ކަމެއް ކަަމަށް ވިދާޅުވި އެވެ.

ޕީއެންސީގެ އަންހެނުންގެ ގޮފިން ރޭ ބޭއްވި މާހެފުމަށް ފަސްޓް ލޭޑީ ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ.
ޕީއެންސީގެ އަންހެނުންގެ ގޮފިން ރޭ ބޭއްވި މާހެފުމަށް ފަސްޓް ލޭޑީ ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ.

"އެހެންވީމާ މިއަދު އަޅުގަނޑުމެން ހިނގާށޭ ކަނޑައަޅަން، މިއަދު އަޒުމް ކަނޑައަޅަންވީއޭ ހިނގާށޭ އަޅުގަނޑުމެންނަކީ އަހުލާގު ރަނގަޅު، އެހެން މީހުންނަށް އިހުތިރާމްކުރާ އެހެން މީހުންނަށް ފުރައްސާރަ ނުކުރާ ބަޔަކަށް ވުމަށް،" އެކަމަނާ ވިދާޅުވި އެވެ. 

ފަސްޓް ލޭޑީ ވިދާޅުވި ގޮތުގައި އެ ގޮތުގެ މަތިން ކަންކަން ކޮށްގެން ޕީއެންސީން މަސައްކަތް ކުރަންވީ އަންނަ އޭޕްރީލް ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށެވެ.  

ޕީއެންސީގެ އަންހެނުންގެ ގޮފިން ރޭ ބޭއްވި މާހެފުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.
ޕީއެންސީގެ އަންހެނުންގެ ގޮފިން ރޭ ބޭއްވި މާހެފުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.

ސާޖިދާ ވިދާޅުވީ، ހުރިހާ ކަމެއްގައި ވެސް ދުނިޔެ އާއި އާހިރަތުގައި ދެބައި ހަމަހަމަކުރަންޖެހޭ ކަމަށާއި އެހެންވެ މި ރޯދަމަހުގެ އަޅުކަންތަކަށް ވަގުތު ދީ އަދި އެއާ އެކު ކެމްޕެއިނަށް ވެސް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. 

މިސާލު ދައްކަވަމުން އެކަމަނާ ވިދާޅުވީ، އޮފީސްތަކުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން ވެސް ރޯދަމަހުގެ ފަހު 10 އާ ހިސާބުން އޮފީހަށް ނުގޮސް ސަލާން ބުނާ ކަމަށެވެ. 

ޕީއެންސީގެ އަންހެނުންގެ ގޮފިން ރޭ ބޭއްވި މާހެފުމަށް ފަސްޓް ލޭޑީ ސާޖިދާ ވަޑައިގެން ބައެއް ބޭފުޅުންނާ އެކު ގުރޫޕް ފޮޓޯއެއް ނަންގަވަނީ.
ޕީއެންސީގެ އަންހެނުންގެ ގޮފިން ރޭ ބޭއްވި މާހެފުމަށް ފަސްޓް ލޭޑީ ސާޖިދާ ވަޑައިގެން ބައެއް ބޭފުޅުންނާ އެކު ގުރޫޕް ފޮޓޯއެއް ނަންގަވަނީ.

"އެ ވަގުތު އަޅުގަނޑުގެ ހިތަށް އަރަނީ އަޅުގަނޑުމެން މި ތިބެނީ ރައްޔިތުންނަށް ހިދުމަތް ދޭންށޭ. އެހެންވެއްޖިއްޔާ ރޭއަޅުކަން ކުރުމަށް ފަހު ވެސް އަޅުގަނޑުމެން ހަވާލުވެފައިވާ ޒިންމާއަކުން އަޅުގަނޑުމެންނަށް ބަރީއައެއް ނުވެވޭނެއޭ،" ފަސްޓް ލޭޑީ ވިދާޅުވި އެވެ.

"އިސްލާމްދީނަކީ ވަރަށް ފުރިހަމަ ދީނެއް. އަޅުގަނޑުމެން ޖެހޭ ހުރިހާ ކަންކަމެއް ހަމަހަމަކަން މަތީގައި ކުރުމަށް."