ގާސިމް މިނިވަންކުރުމަށް ރާއްޖޭގެ ސިޔާސީ ލީޑަރުން ގޮވާލައްވައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރުމާއެކު އޭނާ ދޫކޮށްލުމަށް ރާއްޖޭގެ ސިޔާސީ ލީޑަރުން މިރޭ ގޮވާލައްވައިފި އެވެ.


ގާސިމް ހައްޔަރު ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދުގެ އިތުބާރު ނެތް ކަމުގެ ވޯޓާއި ފުލުހުންނާއި ސިފައިންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.

މީގެ އިތުރުން ގާނޫނާ ހިލާފަށް ސަރުކާރު ބަދަލުކުރުމަށް ހިތްވަރު ލިބޭ ފަދަ އަމަލުތަކެއް ކުރާ ކަމަށް ތުހުމަތު ކުރެވޭތީ، މި މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވައި ހެކި ފޮރުވުމަށް މަސައްކަތް ކޮށްފާނެ ކަމަށް ފެންނާތީ އާއި ގާސިމް މުޖުތަމައުގެ ތެރެއަށް ދޫކޮށްފައި ބެހެއްޓުމަކީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާ ވެދާނެ ކަމެއް ކަމަށް ތަހުގީގަށް ފެންނަ ކަމަށް ކޯޓުން ނެރުނު އަމުރުގައިވެ އެވެ.

މަޖިލީހުގެ މާމިގިލީ ދާއިރާގެ ގާސިމް ހައްޔަރުކުރުމާ އެކު ކަންބޮޑުވުން ފާޅުކުރެއްވި ބޭފުޅުންގެ ތެރޭގައި ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދު ހިމެނިވަޑައިގަންނަވަ އެވެ. އަދި ގާސިމްގެ ދިފާއުގައި ތިއްބެވި ބައެއް ބޭފުޅުން ވަނީ އޭނާ އަސްލެއް ނެތް ތުހުމަތުތަކެއްގައި ހައްޔަރުކޮށްފައިވާތީ ވަގުތުން ދޫކޮށްލުމަށް ގޮވާލައިފަ އެވެ.

މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި ގާސިމް ހައްޔަރު ކުރި ހަބަރު އެއްސެވީ ހައިރާން ކަމާއެކުގަ އެވެ. ގާސިމް ވަގުތުން ދޫކޮށްލަން ޖެހޭ ކަމަށާއި ގާނޫނުގެ ވެރިކަން ދަމަހައްޓަންޖެހޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

މައުމޫން ކުރެއްވި ޓުވީޓު.

ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގާސިމް ހައްޔަރު ކުރުމުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ. އަދި ހުރިހާ ރައްޔިތުން ނިކުމެ، މުޒާހަރާ ކުރުމަށް އެ މަނިކުފާނު ވަނީ ގޮވާލައްވައިފަ އެވެ.

ނަޝީދު ކުރެއްވި ޓުވީޓު.

އިދިކޮޅު އިއްތިހާދުގެ ލީޑަރު އަދި ރައީސް ޔާމީން ސަރުކާރުގެ އެންމެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ސަރުކާރުން އިދިކޮޅު ފަރާތްތަކާ މެދު ފިޔަވަޅު އަޅަމުން ދާއިރު ދުނިޔޭގެ ގައުމުތަކުން މަޑުން ތިބެވެން ނެތް ކަމަށެވެ. އަދި ގާސިމް ހައްޔަރު ކުރީ ދޮގު އިލްޒާމެއް އަޅުވާފައި ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ކުރެއްވި ޓުވީޓު.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވިދާޅުވީ ގާސިމް މިނިވަން ކުރަން ޖެހޭ ކަމަށެވެ. އަދި ސިޔާސީ މައިދާނުގައި ރައީސް ޔާމީން ބަލިވެވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އުމަރު ކުރެއްވި ޓުވީޓު.

މަޝްހޫރު ގާނޫނީ ވަކީލު މައުމޫން ހަމީދު ކުރެއްވި ޓުވީޓެއްގައި ވަނީ ގާސިމް ހައްޔަރު ކުރީ އިންޓެލް ރިޕޯޓެއްގެ މައްޗަށް ކަމަށް ބުނާއިރު، ގާސިމާ ދެކޮޅަށް ހެކި ހުރިތޯ ސުވާލު ކުރައްވައިފަ އެވެ. އަދި އޭނާ ވަނީ ހައި ކޯޓުން ކުރި ހުކުމެއް ޓުވިޓާގައި އާންމު ކުރައްވައިފަ އެވެ.

މައުމޫން ހަމީދު ފާހަގަކުރެއްވި ޕޮއިންޓަކީ ކުށެއްގެ ތަހުގީގު ނިމި މައްސަލައެއްގައި ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް (ޕީޖީ) ފޮނުވާ މައްސަލައެއްގައި ހިމެނޭ ފަރާތެއް ބަންދުގައި ބަހައްޓަން ޖެހޭކަން ނުވަތަ ނޫންކަން ކަނޑައަޅާނީ ތަހުގީގު ކުރި ފަރާތުން ނޫން ކަމަށާއި އެކަމާ މެދު ގޮތެއް ނިންމާނީ ޕީޖީ ކަމަށެވެ.

މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމުގެ ތުހުމަތުގައި ދެ ފަހަރެއްގެ މަތިން ގާސިމް ފުލުސް އޮފީހަށް ހާޒިރުކޮށް އަދި އެ މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ފުލުހުން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވި އެވެ. އެކަމަކު ފުލުހުންގެ އެދުމަކަށް އެ މައްސަލަ އަނބުރާ މިއަދު ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ފުލުހުންނަށް ވަނީ ފޮނުވައިފަ އެވެ. އޭގެ ސަބަބެއް ކަމަށް ފުލުހުން ޕީޖީ އޮފީހުގައި ބުނެފައި ވަނީ އެ ތަހުގީގަށް އަދި އިތުރަށް ބައެއް ކަންކަން ފުރިހަމަވެފައި ނެތުމެވެ.

އިދިކޮޅު ފަރާތްތަކުން މ.ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި ގާސިމް ވިދާޅުވީ މަސީހާ ދެކޮޅަށް ވޯޓު ދެއްވާ މެމްބަރުންނަށް ޓިކެޓް ދީ އެ މެންބަރުން ހޮވުމަށް ގުޅިފައިވާ ސިޔާސީ ހަތަރު ޕާޓީން ކޮށްދެވެން ހުރި މަސައްކަތެއް ކޮށްދެއްވާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ޕާޓީތަކަކީ ޖުމްހޫރީ ޕާޓީގެ އިތުރުން، ޕީޕީއެމް، އެމްޑީޕީ އާއި އަދާލަތު ޕާޓީ އެވެ.

މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ކުރާ ތުހުމަތު ގާސިމް ވަނީ ތަކުރާރުކޮށް ދޮގުކުރައްވައިފަ އެވެ. ގާސިމް މީޑިއާގައި ވިދާޅުވެފައި ވަނީ އެއީ އެމަނިކުފާނުގެ ޕާޓީއާ ގުޅިގެން މަސައްކަތްކުރާ ޕާޓީތަކުގެ މެންބަރުންނަށް ނިސްބަތްކުރައްވާ ދައްކަވާފައިވާ ވާހަކައެއް ކަމަށާއި އެކަމަކު އެ ވާހަކަ އެކި މީހުންނަށް އެކި ގޮތަށް މާނަކުރެވިދާނެ ކަމަށެވެ.