އައިޖީއެމްއެޗުގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާލިބޭ އޭނާގެ ފިރިމީހާ މާވިން ވާގަސް ޖަލުގައި ހުރެ އިސްލާމްވެފައިވާ ކަން އިސްލާމިކް މިނިސްޓްރީން ކްރިމިނަލް ކޯޓަށް އަންގައިފި އެވެ. 

އޮކްޓޫބަރު، 2021 މޭރީ މަރާލި މައްސަލާގައި މާވިންގެ މައްޗަށް، އެނގިހުރެ މީހަކު މެރުމުގެ ދައުވާ ކުރާއިރު މާވިންއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށް ތުހުމަތު ކުރެވޭ ހަލީމަތު ލަމްހާގެ މައްޗަށް އެކަމުގައި ބައިވެރިވުމުގެ ދައުވާ ދައުލަތުން ކުރެ އެވެ.

އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ މިހާރު ބައްލަވާ ގާޒީ މުޒައްމިލު ނާސިރު ވިދާޅުވީ ޖަލު ބަންދުގައި ހުރި މާވިންއާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. ގާޒީ ވިދާޅުވި ގޮތުގައި އެ ސިޓީގައި އޮތީ މާވިން އިސްލާމްދީން ގަބޫލުކޮށް، އޭނާގެ ނަން ޔޫސުފްގެ ނަމަށް ބަދަލުކޮށްފައިވާ ކަމެވެ. 

އެހެންވެ، އޭގެފަހުން މާވިންއާ ގާޒީ މުހާތަބު ކުރެއްވީ ވެސް ޔޫސުފްގެ ނަމުންނެވެ. 

މާވިން އިސްލާމްވެފައިވާތީ އެކަމާ މެދު ދައުލަތުން ދެކޭ ގޮތް ސާފުކުރަން އޭނާގެ ވަކީލް ދައުލަތާ ސުވާލު ކުރެއްވި އެވެ. ދައުލަތުގެ ވަކީލް އަހުމަދު ނައުފަލް ވިދާޅުވީ އެކަމާ މެދު މަޝްވަރާ ކުރުމަށްފަހު ގޮތެއް ނިންމާނެ ކަމަށެވެ. އަދި އާންމުކޮށް ދައުލަތުން މީހުންނާ މުހާތަބު ކުރަނީ ޕާސްޕޯޓް ފަދަ ރަސްމީ ލިޔުމުގައި އޮންނަ ނަމުން ކަމަށް ވިދާޅުވި އެވެ. 

މާވިން އިސްލާމްވެފައިވާތީ އޭނާގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ، އަދަބަށް ބަދަލު އަންނާނެތޯ މަޝްވަރާ ކުރުމަށްފަހު ދައުލަތުން އެކަން ހާމަކުރާނެ ކަމަށް ވަކީލް ނައުފަލް ވިދާޅުވި އެވެ. 

މިއަދުގެ އަޑުއެހުމަކީ ހުލާސާ ބަޔާން އިއްވަން ބޭއްވި އަޑުއެހުމެކެވެ. ނަމަވެސް، ބައެއް ލިޔުންތައް ނުލިބޭތީ ދިފާއުއަށް އެކަމަށް ތައްޔާރު ނުވެވޭ ކަމަށް ބުނެ އިތުރު ވަގުތަށް ވަނީ އެދިފަ އެވެ. ގާޒީ ވަނީ ހުލާސާ ބަޔާނަށް ތައްޔާރުވާން މިހާރު ވެސް އެކަށީގެންވާ ވަގުތު ދެވިއްޖެ ކަމަށް ވިދާޅުވެ، އެހެން ނަމަވެސް، އިތުރު ފުރުސަތު ދޭން ނިންމައިފަ އެވެ. އަދި އަންނަ މަހަށް ހުލާސާ ބަޔާން އިއްވަން އަޑުއެހުމެއް ތާވަލުކުރި އެވެ. 

މާވިން އާއި ލަމްހާ މިއަދު ޝަރީއަތުގެ މަޖިލީހުގައި: މާވިން ވަނީ އިސްލާމްވެ، އެކަން އަންގާފައި
މާވިން އާއި ލަމްހާ މިއަދު ޝަރީއަތުގެ މަޖިލީހުގައި: މާވިން ވަނީ އިސްލާމްވެ، އެކަން އަންގާފައި

މީގެކުރިން މާވިން އާއި ލަމްހާގެ މައްސަލަ ވަކިން ކުރިއަށް ގެންދިޔަ ނަމަވެސް، މިހާރު ޝަރީއަތް ކުރިއަށް ގެންދަނީ އެއްކޮށެވެ. އަދި މިއަދު ޝަރީއަތަށް އެ ދެ މީހުން ހާޒިރުކޮށްފައިވަނީ ވެސް އެއް ހާޒިރެއްގަ އެވެ. 

އޮކްޓޫބަރު 2021 ގައި މޭރީގެ ބޮލާއި ކަރަށް ހަމަލާދީ ނޭވާ ހާސްކޮށްލައިގެން އޭނާ މަރާލިކަމުގެ ތުހުމަތު މާވިންގެ މައްޗަށް ދައުލަތުން ކުރެ އެވެ. އަދި މޭރީ ދަންޖެހި މަރުވި ކަމަށް ބުނެ އައިޖީއެމްއެޗަށް ގެންދިއުމުން، އޭނާގެ ހަށިގަނޑާއި އޭނާ ދަންޖެހުނު ކަމަށް ބުނާ ތަން ފުލުހުން ބެލިއިރު ޝައްކުތަކެއް އުފެދުނެވެ.

އެ މައްސަލާގައި ފުލުހުން އެންމެ ފުރަތަމަ ހައްޔަރުކުރީ އައިޖީއެމްއެޗްގައި ނަރުހަކަށް އޭރު އުޅުނު މާވިންނެވެ. އަދި ހޮސްޕިޓަލްގެ އީއާރްގައި ނަރުހަކަށް އުޅުނު ލަމްހާ ވެސް ފަހުން ހައްޔަރުކުރި އެވެ.

ދައުލަތުގެ ދައުވާގައި ބުނާ ގޮތުން މޭރީ މަރާލީ މާވިން އާއި ލަމްހާގެ ލޯބީގެ ގޮތުން ގުޅިގެން އުޅޭތީ އުފެދުނު މައްސަލަތަކެއްގެ ތެރެއިންނެވެ. ލަމްހާގެ މައްޗަށް ވަނީ މީހަކު މެރުމުގައި ބައިވެރިވުމާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާކޮށްފަ އެވެ.