ވެމްކޯގައި ކުނި އުކުމާއި މެނޭޖުކުރުމުގައި އުޅޭ މުވައްޒަފުންގެ ރައްކާތެރިކަމާ ގުޅޭ މައްސަލަ ބަލަން ފަށައި، އެކަމާ ގުޅޭ މައުލޫމާތު އެނގޭ ނަމަ ހިއްސާކޮށްދޭން އެޗްއާރުސީއެމުން މިއަދު އެދިއްޖެ އެވެ. 

އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނީ ވެމްކޯގައި މަސައްކަތުގެ މާހައުލުގައި ތަކުރާރުކޮށް މުވައްޒަފުންނަށް އަނިޔާތައް ލިބި އަދި މުވައްޒަފެއްގެ ފުރާނައަށް ގެއްލުންވި ހާދިސާތަކެއް ރިޕޯޓުކުރުމުން، އެ ކުންފުނީގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމާމެދު ކޮމިޝަނުން ކަންބޮޑުވާ ކަމަށެވެ.

އެފަދަ ހާދިސާތަކާ ހެދި ވެމްކޯގެ މަސައްކަތުގެ ރައްކާތެރިކަމުގައި އަޅާފައި ހުރީ އެކަށީގެންވާ ފިޔަވަޅުތަކެއް ކަމާ މެދު އާއްމުންގެ މެދުގައި ކަންބޮޑުވުން އެބައޮތް ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.

ވެމްކޯގެ މަސައްކަތު މާހައުލުގެ ރައްކާތެރިކަމާ ގުޅޭ ތަހުގީގެއް ފެށިއިރު، އެ ކުންފުނީގެ ވޯކު ސައިޓެއްގައި މި ފަހުން ހިނގި ހާދިސާއެއްގައި މުވައްޒަފަކަށް ވަނީ ބޮޑު އަނިޔާއެއް ލިބިފަ އެވެ.

މިދިޔަ އާދިއްތަ ދުވަހުގެ ރޭ ހިނގި އެ ހާދިސާގައި ފިރިހެން މުވައްޒަފަކަށް ބޮޑު އަނިޔާއެއް ލިބިގެން އައިޖީއެމްއެޗްގައި އަންނަނީ ފަރުވާ ދެމުންނެވެ. ވެންޓިލޭޓަރުގައި ބޭއްވުމަށް ފަހު، އެ މުވައްޒަފު މިހާރު އެޗްޑީޔޫއަށް ބަދަލުކޮށްފައިވާ ކަމަށް ވެމްކޯއިން ބުންޏެވެ.

އޭގެ އިތުރުން ކުނި މެނޭޖުކުރުމުގެ ތެރޭގައި ތިލަފުށީގައި މިދިޔަ މަހުގެ ފަހުކޮޅު ހިނގި ހާދިސާއެއްގައި ވެސް މުވައްޒަފަކު ވަނީ މަރުވެފަ އެވެ. 

އެޗްއާރުސީއެމުން ބުނީ ކުނި މެނޭޖުކުރުމަކީ އޭގެ ޒާތުގައި ނުރައްކާތެރި ކަންތައްތަކެއް ހިމެނޭ ކަމެއް ކަމަށެވެ. އޭގެ ތެރޭގައި ބަޔޮލޮޖިކަލް ކޮންޓެމިނެންޓުތަކާއި ނުރައްކާތެރި މާއްދާތަކާއި ތޫނު އެއްޗިއްސާއި ބޮޑެތި މެޝިނަރީތަކަށް ހުށަހެޅުމާއި ޖިސްމާނީގޮތުން ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ބުންޏެވެ. އެހެންވެ، ގާނޫނާ އެއްގޮތަށް އެކަށީގެންވާ މަސައްކަތު މާހައުލެއް އޭގެ އެންމެ ފުރިހަމަގޮތުގައި ތަންފީޒުކުރަމުންދާކަން ދެނެގަންނާނެ ކަމަށް ވެސް ބުންޏެވެ.

އެޗްއާރުސީއެމްގެ ތަހުގީގުގައި ބަލާ ކަންކަން

- މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން މަސައްކަތްތެރިންނަށް ލިބިދޭންޖެހޭ ރައްކާތެރިކަން ކަށަވަރުކޮށްދެވޭތޯ ބެލުން

- މަސައްކަތްތެރިން ހުށަހެޅިދާ ސިއްހީ ނުރައްކާތަކާއި މިކަންކަމާ ގުޅިގެން ޕީޕީއީ ފޯރުކޮށްދީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީޒުކުރާ މިންވަރު

- މަސައްކަތްތެރިންނަށް މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާ ގުޅޭގޮތުން އެކަށީގެންވަ ތަމްރީނުތައް ފޯރުކޯށްދީފައިވޭތީ ބެލުން

- މަސައްކަތުގެ މާހައުލުގައި ހިނގާ ހާދިސާތައް ރިޕޯޓުކޮށް ފިޔަވަޅު އަޅާތޯ ބެލުން

- ބިދޭސީ މަސައްކަތްތެރިން ނުވަތަ ނާޒުކު ހާލަތުގައި ތިބޭ މަސައްކަތްތެރިންނަށް އެއްވެސް ބާވަތެއްގެ ތަފާތުކުރުމެއް ގެންގުޅޭތޯ ބެލުން

- ބިރުދެއްކުމެއް ނުވަަތަ ބަދަލު ހިފުމުގެ ބިރެއް ނެތި މަސައްކަތުގެ ރައްކާތެރިކަމާ ގުޅޭ ކަންބޮޑުވުންތައް ފާޅުކުރުމުގެ ފުރުސަތު މަސައްކަތްތެރިންނަށް އޮވޭތޯ ބެލުން

އެ ކޮމިޝަނުން ބުނީ އެ އިދާރާއަށް ލިބިދޭ ބާރުގެ ދަށުން މަސައްކަތްކުރާ ތަންތަނަށް ޒިޔާރަތްކޮށް، އިންސްޕެކްޓުކުރުމާއި ލިޔެކިޔުންތައް ބެލުމާއި މެނޭޖްމަންޓާއި މުވައްޒަފުންނާ ބައްދަލުކޮށް މައުލޫމާތު ސާފުކުރާނެ ކަމަށެވެ.

އެ ތަހުގީގާ ގުޅޭ މައުލޫމާތު، ކުރީގެ މުވައްޒަފުންނާއި މިހާރުގެ މުވައްޒަފުން އަދި ކަމާގުޅުން ހުރި މައުލޫމާތު ލިބިފައިވާ މީހުން ހިއްސާކޮށްދިނުމަށް ވަނީ އެދިފަ އެވެ. އަދި އެ މައުލޫމާތު ފޯރުކޮށްދޭ މީހުންގެ ވަނަވަރު ސިއްރުކުރާނެ ކަމުގެ ޔަގީންކަން އެޗްއާރުސީއެމުން ވަނީ ދީފަ އެވެ.

ވެމްކޯ މުވައްޒަފުންގެ ރައްކާތެރިކަމާ ކަންބޮޑުވުންތަކެއް ހުރެގެން މީގެ ކުރިން ވެސް އެޗްއާރުސީއެމުން ވަނީ ތަހުގީގެއްކޮށްފަ އެވެ.