ވެމްކޯގެ ސައިޓެއްގައި ހިނގި ހާދިސާއެއްގައި ވެމްކޯގެ މުވައްޒަފަކު ވަރަށް ބޮޑަށް ޒަހަމްވެ ފަރުވާދެމުން އަންނައިރު، ވެމްކޯގެ މުވައްޒަފުންގެ މަސައްކަތު މާހައުލުގެ ރައްކާތެރިކަމާ ގުޅޭ ތަހުގީގެއް ހިންގަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ނިންމައިފި އެވެ. 

މިދިޔަ އާދިއްތަ ދުވަހު ވެމްކޯގެ މަސައްކަތުގައި އުޅެނިކޮށް އެ ކުންފުނީގެ މުވައްޒަފަކަށް އަނިޔާވެގެން އައިޖީއެމްއެޗުގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ދަނީ ފަރުވާދެމުންނެވެ. އަދި މިދިޔަ މަހު ތިލަފުށީގައި ހުންނަ ވެމްކޯގެ ސައިޓްގައި ބިދޭސީއަކު ވަނީ އެކްސްކަވޭޓަރަކުން ޖެހި މަރުވެފަ އެވެ. 

އެ މައްސަލަތައް ފެންމަތިވެފައި ވަނިކޮށް އެޗްއާރުސީއެމުން ބުނީ ވެމްކޯގެ މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާ ގުޅޭ ތަފާތު މައްސަލަތައް ތަކުރާރުކޮށް ދިމާވަމުންދާތީ، ވެމްކޯގެ މުވައްޒަފުންގެ މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން އަވަސް ތަހުގީގެއް ހިންގުމަށް އެ ކޮމިޝަނުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ. 

އެ މައްސަލަ ފުލުހުން ވެސް ދަނީ ބަލަމުންނެވެ. 

ކޮންޓެއިނަރެއްގެ ތެރެއަށް މީހަކު ވެއްޓިފައި އޮތް މަންޒަރު ފެންނަ ފޮޓޯއަކާ އެކު ސޯޝަލް މީޑިއާގައި މީހަކު ކުރި ޕޯސްޓެއްގައި ބުނި ގޮތުގައި ވެހިކަލް ޑަމްޕްކުރާ ކޮންޓެއިނާ ތެރެއަށް ވެމްކޯގެ ޑްރައިވަރު ވެއްޓުނީ ރޭމްޕް މަތިންނެވެ. އޭނާ ވެއްޓުނީ 12 ނުވަތަ 13 ފޫޓު މަތިން ކަމަށް އެ ޕޯސްޓްގައި ބުނެފައިވެ އެވެ.

އެ ހާދިސާގައި ޑްރައިވަރުގެ މޭކަށިގަނޑުގެ ތިން ތަނަކުން ބިނދިފައިވާ ކަމަށް އެ ޕޯސްޓްގައި ބުންޏެވެ.

އެކަމާ ގުޅިގެން ވެމްކޯގެ ބަހެއް ހޯދުމަށް "މިހާރު" އިން މަސައްކަތްކުރި ނަމަވެސް މިހާތަނަށް ބަހެއް ނުލިބެ އެވެ.