މިދިޔަ އަހަރުގެ އެޗްއާރްސީއެމްގެ އަހަރީ ރިޕޯޓު، "ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް"ގައި ފާހަގަކޮށްފައިވާކަންކަން އިސްލާހުކުރާނެ ކަމުގެ ޔަގީންކަން ފުލުހުން ދީފި އެވެ.
އިއްޔެ އާންމުކުރި އެ ރިޕޯޓުގައި ވަނީ ޖަލުތަކުގައި ގައިދީންނަށް ދޭ އަނިޔާ އާއި ބޭސްފަރުވާގެ ކަންކަމާއި ކުޑަކުދިންގެ ހިޔާގައި ބަލަހައްޓާ ކުދިންނަށް އަޅާ ފިޔަވަޅުތަކުގެ ވާހަކަ އެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މުއައްސަސާތަކުގެ ޒިންމާދާރުކަން އިތުރު ކުރުމާއި ދެފުށް ފެންނަ ގޮތަށް ކަންކަން ހިންގުމާއި އަދި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމުގައި މިނިވަން މުއައްސަތަކުން އަދާކުރާ މުހިންމު ދައުރު ބަލައިގަންނަ ކަމަށެވެ.
އެކަމަކު ރިޕޯޓާ ގުޅޭ ގޮތުން ބައެއް މީޑިއާތަކުން ހަބަރު ގެނެސްދިނުމުގައި ބޭނުންކޮށްފައިވާ ބައެއް ބަސް މަގާއި މާނަކޮށްފައިވާ ގޮތާ މެދު ކަންބޮޑުވާ ކަމަށް ފުލުހުން ބުންޏެވެ.
"ރިޕޯޓުގެ އަސްލު މަގްސަދާއި އޭގައި ބަޔާންކޮށްފައިވާ ކަންކަމުގެ ފުންމިނަށް ބެލުމެއްނެތި، މުއައްސަސާތަކަށް ކުރިމަތިވެފައިވާ ވަސީލަތްތަކާއި އޮޕަރޭޝަނަލް ގޮންޖެހުންތަކަށް ރިއާޔަތްނުކޮށް ހަބަރު ފަތުރާފައިވާކަން ފާހަގަކުރެމެވެ. އާންމުންނަށް ސައްހަ މައުލޫމާތު ފޯރުކޮށްދިނުމުގައި ކަންކަމުގެ އަސްލަށް ވާސިލުވެ، ޒިންމާދާރުކަމާއެކު ހަބަރު ފެތުރުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ،" އެ ބަޔާނުގައިވެ އެވެ.
އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަކީ މުޅި ނިޒާމަށް އަމާޒުކޮށްފައިވާ ކަންތައްތަކެއް ނޫންކަމަށާއި ވަކި މުއައްސަސާއަކަށް އެކަނި ދިމާވެފައިވާ ގޮންޖެހުންތަކެއް ނޫން ކަމަށް ފުލުހުން ބުންޏެވެ.
އެހެންވެ އެ ރިޕޯޓުގައި ހިމެނޭ ހޯދުންތަކަކީ ކަންކަން އިސްލާހު ކުރުމަށް ދީފައިވާ އިރުޝާދުތަކަކާއި ލަފާތަކެއް ކަމަށާއި އެއީ ގާނޫނީ ގޮތުން ކުށެއް ނުވަތަ ނުރަނގަޅު އަމަލެއް ހިންގާފައިވާކަން ކަނޑައަޅާ ނިންމުންތަކެއް ނޫން ކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެ އެވެ.