ދެކުނުގެ ރަށެއްގައި އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އަނިޔާ ލިބުނު މީހުންގެ ފޮޓޯ އާއި އެމީހުންގެ މައުލޫމާތު ސޯޝަލް މީޑިއާގައި ދައުރުނުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން އެދިއްޖެ އެވެ.
އެޗްއާރުސީއެމުން ބުނީ ރާއްޖޭގެ ދެކުނުގެ ރަށެއްގައި ހިންގާފައިވާ އަނިޔާވެރި އަމަލާ ގުޅުވައި ސޯޝަލް މީޑިއާ އަދި ނޫސްތަކުގައި މައުލޫމާތު އާންމު ކުރުމުގައި އަނިޔާ ލިބުނު ފަރާތްތަކުގެ ކަރާމާތަށް އުނިކަން އަތުވެދާނެފަދަ ޒާތީ މައުލޫމާތު އާންމު ނުކުރުމަށް އެދޭ ކަމަށެވެ.
އެ ކޮމިޝަނުން ވަނީ އަނިޔާ ލިބުނު ފަރާތްތައް އިތުރަށް އަނިޔާއަށް ހުށަހެޅިގެން ހިނގައިދާނެ ފަދަ އެއްވެސް މައުލޫމާތެއް ނުވަތަ ފޮޓޯއެއް ދައުރު ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.
އެ މައްސަލަ އަވަހަށް ތަހުގީގުކޮށް، އެ އަނިޔާވެރި އަމަލު ހިންގި ފަރާތްތައް ޝަރީއަތަށް ހުށަހެޅުމަށް ވެސް އެ ކޮމިޝަނުން ގޮވާލާފައިވެ އެވެ.
ޖިންސީ ގޯނާގެ މައްސަލައާ ގުޅިގެން އެކަމުގެ ތަހުގީގަށް މާލެއިން ހާއްސަ ފުލުހުންގެ ޓީމެއް ފޮނުވައި، އެ ރަށުގައި މިހާރު ހަރަކާތްތެރިވަމުން އެބަދެ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އެ މައްސަލައާ ގުޅިގެން މިހާތަނަށް ވަނީ ނުވަ ފިރިހެނަކު ވެސް ހައްޔަރުކޮށްފަ އެވެ.
އެ ހާދިސާގައި އަނިޔާ ލިބިފައިވަނީ އުމުރުން 22 އަހަރުގެ އަންހެނަކަށެވެ. އަދި އޭނާއަށް ގަދަކަމުން ގިނަ އަދަދެއްގެ ބަޔަކު ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތުހުމަތު ކުރާއިރު އޭނާގެ އިތުރުން ވެސް 18 އަހަރު ނުވާ ދެ ކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާ ކަމުގެ ތުހުމަތު ކުރެވެ އެވެ.
ފުލުހުން ބުނީ ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށާއި އަދި އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.