ދެކުނުގެ ރަށެއްގައި އަންހެނަކާއި ކުޑަކުދިންތަކެއް ރޭޕްކުރި މައްސަލާގައި ހައްޔަރުކުރި ނުވަ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށް، އެމީހުންގެ ވަނަވަރު ފުލުހުން މިއަދު އާންމުކޮށްފި އެވެ.
ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެގެން އުމުރުން 22 އަހަރުގެ އަންހެނަކު ރޭޕްކުރި މައްސަލައަކާއި އިތުރު ކުދިންތަކަކަށް ޖިންސީ ގޯނާކޮށްފައިވާ މައްސަލައެއް ފެންމަތިވީ މިދިޔަ ހަފްތާގަ އެވެ.
ނަމަވެސް އެއީ ކޮން ރަށެއްގައި ހިނގި ހާދިސާއެއް ކަމެއް ފުލުހުން ނުބުނެ އެވެ.
އެ މައްސަލައާ ގުޅިގެން ޖުމްލަ ނުވަ މީހަކު ހައްޔަރުކޮށްފައިވެ އެވެ. އެއީ؛
- މުހައްމަދު މައިސަން ޝިޔާޒު (21އ)
- އަހުމަދު އިފްތިޝާމް ޒަރީރު (24އ)
- ނަޖުމުﷲ ހަސަން (35އ)
- އާޒިމް މުފީދު (24އ)
- އަލީ ހުޒާމް ސައީދު (31އ)
- މުހައްމަދު ސޯލިހު އަހުމަދު (26އ)
- އަހުމަދު ނޫހު ނިޔާޒު (20އ)
- މުހައްމަދު މިޝަލް އަހުމަދު ޒުހައިރު (20އ)
- އަހުމަދު ސާނިޖު ސޯދިގު (32އ)
ފުލުހުން ބުނީ އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ވަނީ މުހައްމަދު ސޯލިހާއި މިޝަލް އާއި ނަޖުމުﷲ އާއި ނޫހުގެ ބަންދަށް ފަސް ދުވަސް އިތުރުކޮށްފައިވާ ކަމަށެވެ. އަދި މައިސަން އާއި އާޒިމްގެ ބަންދަށް 15 ދުވަސް އިތުރުކޮށްފައިވާއިރު، ސާނިޖުގެ ބަންދަށް ވަނީ 30 ދުވަސް އިތުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެެވެ.
ފުލުހުން ބުނި ގޮތުގައި އިފްތިޝާމް އާއި ހުޒާމްގެ 90 ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ރޭޕްގެ އެ މައްސަލައާ ގުޅިގެން އެކަމުގެ ތަހުގީގަށް މާލެއިން ހާއްސަ ފުލުހުންގެ ޓީމެއް ފޮނުވައި، އެ ރަށުގައި މިހާރު ހަރަކާތްތެރިވަމުން އެބަދެ އެވެ.
ފުލުހުން ބުނީ ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށާއި އަދި އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.