ލާމަރުކަޒީ ނިޒާމަށް އެންމެ ފަރިތަވާނީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
އެ ޕާޓީގެ ފަރާތުން އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ތަރާވީހުގައި އެ މަނިކުފާނު ވިދާޅުވީ ސިޔާސީ ވިސްނުމުގައި ސަރުކާރުން ކުރާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.
ހިދުމަތްކުރަނީ ދައުލަތަށް ކަމަށާއި އެކަމުގައި ހުރިހާ ރައްޔިތުން ހަމަހަމަވެ، އަދުލުވެރިވާނެ ކަމަށް ޕީއެންސީގެ ލީޑަރުގެ މަގާމު ވެސް ފުރުއްވާ ރައީސް މުއިއްޒު ވިދާޅުވި އެވެ.
ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމާއި ކޮންމެ އަތޮޅެއްގެ އެއް ރަށުން އައިޑީކާޑު/ޕާސްޕޯޓު ލިބޭނެ ގޮތް ހަދަން ފެށީ ރައީސް ވިދާޅުވި ގޮތުގައި، ލާމަރުކަޒީ ނިޒާމަށް ކަންކަން ތަންފީޒުކުރާށެވެ.
އޭގެ އިތުރުން، ކޮންމެ އަތޮޅަކުން އެސްޓީއޯ ރޭޓުން ތެޔޮ ފޯރުކޮށްދިނުމާއި ކޮންމެ ރަށެއްގައި ފިޓްނެސް ރެކްރިއޭޝަން ސެންޓަރާއި ވޭސްޓު މެނޭޖްމަންޓު ސެންޓަރު ހަދައި ކޮންމެ ރަށެއްގައި ހަގީގީ ލާމަރުކަޒީ ނިޒާމުން، ހުރިހާ އެންމެން ހަމަހަމަކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
"ލާމަރުކަޒީ ނިޒާމު، ހަގީގީ މާނައިގައި މި ތަންފީޒު ކުރަނީ އަޅުގަނޑުމެން، މި ސަރުކާރުން. އެކަން އަޅުގަނޑުމެން ފަހުރުވެރިކަމާ އެކު ފާހަގަކުރަން. މިއަދު ލާމަރުކަޒީ ދުވަހު، މިއަދަކީ ލާމަރުކަޒީ ދުވަސް. މި ދުވަހު ފަހުރުވެރިކަމާ އެކު އަޅުގަނޑުމެން މި ފާހަގަކުރަނީ، އަމަލީގޮތުން އަޅުގަނޑުމެން މި ދަނީ ތަންފީޒުކުރަމުން، ނަތީޖާ ނެރެދެމުން،" ރައީސްކަމަށް އިންތިހާބުވުމުގެ ކުރިން މާލޭގެ މޭޔަރުކަން ކުރެއްވި ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރަށްރަށަށް ވަޑައިގެން ކައުންސިލްތަކާ ބައްދަލުކުރައްވައި، އެ މީހުން އެދޭ ކަންތައްތައް ވެސް ކޮށްދެއްވަމުން އަންނަ ކަމަށެވެ.
"ލާމަރުކަޒީ ނިޒާމާ އެންމެ ފަރިތަ، ލާމަރުކަޒީ ނިޒާމު އެންމެ ފުރިހަމައަށް ގަބޫލުކުރާ، ލާމަރުކަޒީ ނިޒާމު އަމަލީ ގޮތުން އެންމެ ފުރިހަމަ އަށް ތަންފީޒުކުރާ ޕާޓީއަކީ ޕީއެންސީ. އެހެންވީމާ، ދޫންޏަށް ވޯޓު ދޭންވީ،" ރައީސް ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ ރަށްރަށުގައި ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެކަމަކު ސަރުކާރުގެ ވައުދު ފުއްދަން 57 ރަށެއްގެ ކައުންސިލުން ދަތިތައް ކުރަމުން އަންނަ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ އެ ރަށްރަށުގައި މަސައްކަތް ނުފެށި ދިގުލައިގެން ދަނީ މި ސަރުކާރުގެ ވިސްނުމާ ދެކޮޅު ކައުންސިލްތަކުން އެކި އުޒުރުތައް ދައްކައިގެން ބިން ހަވާލުނުކޮށް ހުރުމުން ކަމަށެވެ.
ވައުދުތައް ފުއްދަން މަސައްކަތްޕުޅު ކުރައްވަނީ އިހުލާސްތެރިކަމާ އެކު ކަމަށާއި އަދި އެ މަސައްކަތްތައް ބާރު ސްޕީޑުގައި ގެންދަން ޕީއެންސީގެ ކެންޑިޑޭޓުން ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ހޮވައިދިނުމަށް ރައީސް މުއިއްޒު އެދިވަޑައިގަތެވެ.