ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތި ދިނުމާއި ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރަން ހިތްވަރުދޭ ކަމުގެ ތުހުމަތަށް އިއްޔެ ހައްޔަރުކުރި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ބަންދަށް ކްރިމިނަލް ކޯޓުން ހަ ދުވަސް އިތުރުކޮށްފި އެވެ.
ގާސިމްގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާސިމާ ދެކޮޅަށް ކުރާ ތުހުމަތާ ގުޅޭ ހެކި ހަ ދުވަސް ތެރޭގައި ހުށަހެޅުމަށާއި ރަނގަޅަށް ވައި ލިބޭ ތަނެއްގައި ގާސިމް ބަންދުކޮށްފައި ބެހެއްޓުމަށް ފަނޑިޔާރު ފުލުހުންނަށް އަމުރުކުރެއްވި ކަމަށެވެ.
ހަވީރު 4:00 ގައި ކޯޓަށް ހާޒިރުކުރި ގާސިމްގެ ބަންދާ މެދު ގޮތެއް ނިންމާފައި ވަނީ އޭގެ ދޮޅު ގަޑިއެއްހާއިރު ފަހުންނެވެ. ބަންދުގެ މުއްދަތު އިތުރުކުރުމާ އެކު ފުލުހުންގެ ލޯންޗެއްގައި ގާސިމް ވަނީ އަލުން ދޫނިދޫއަށް ގެންގޮސްފަ އެވެ.
ގާސިމް ކޯޓަށް ހާޒިރުކުރުމާ ދިމާކޮށް ފުލުހުން ވަނީ ކްރިމިނަލް ކޯޓުގެ އިމާރާތް ކައިރީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. އަދި ރައީސުލް ޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު ކަމަށްވާ ހިލާލީގެ ކައިރިން، ސަލްސާ ރޯޔަލްއާ ހިސާބުން ބެރިކޭޑް ޖަހައި މަގު ބަންދުކޮށް، އެތަނަށް އެއްވި އާންމުން ފުލުހުން ފަހަތަށް ޖެއްސި އެވެ.
ސަރުކާރާ ދެކޮޅު ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ދިއްގަރު ދާއިރާގެ ފާރިސް މައުމޫނާއި ޔުމްނާ މައުމޫން އަދި ޖަލަށް ލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮއްކޮ އާދަމް އާޒިމް އާއި އެހެން ބައެއް ބޭފުޅުން ވެސް ވަނީ ގާސިމް ހައްޔަރުކުރުމާ ދެކޮޅު އިހްތިޖާޖުގައި ބައިވެރިވެ ވަޑައިގެންފަ އެވެ. މި ބޭފުޅުންގެ އިތުރުން އިދިކޮޅު ޕާޓީތަކުގެ އިސް ބޭފުޅުން ވެސް އިހްތިޖާޖުގައި ބައިވެރިވެ ވަޑައިގަތެވެ.
ގާސިމް މިނިވަންކުރުމަށް ގޮވާލައި މަގުމައްޗަށް އެއްވި ބައެއް މީހުން ފަހަތަށް ޖެއްސުމުގެ ތެރޭގައި، އެތަނަށް އެއްވެ ތިބި އާންމުންނާއި ބައެއް ނޫސްވެރިންގެ މޫނަށް ވެސް ފުލުހުން ވަނީ ޕެޕަސްޕްރޭ ޖަހައިފަ އެވެ.
ގާސިމް ހައްޔަރުކުރުމަށް ނެރުނު ކޯޓު އަމުރުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާއި ނައިބު ރައީސް މޫސާ މަނިކަށް އިތުބާރު ނެތް ކަމަށް ފާސްކުރަން ހުށަހަޅާފައިވާ މައްސަލާގައި މެންބަރުންނަށް ރިޝްވަތު ދޭން މަސައްކަތްކޮށް ގާނޫނާ ހިލާފަށް ސަރުކާރު ބަދަލުކުރަން މަސައްކަތް ކުރައްވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. އަދި ދައުލަތުގެ ސަލާމަތީ ބާރުތަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ. ގާސިމް ހައްޔަރުކުރަނީ މި މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވައި ހެކި ފޮރުވުމަށް މަސައްކަތް ކޮށްފާނެ ކަމަށް ފެންނާތީ ކަމަށް ކޯޓުގެ އަމުރުގައިވެ އެވެ.