ރައްޔިތުންނަށް ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ ހައްގު ދޫކޮށްލައިފި ނަމަ، އެ ދޫކޮށްލެވެނީ އަަޅުގަނޑުމެންނަށް ލިބިފައިވާ މިނިވަންކަން ކަމުގައި، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ހަރުގެ ކައިރީގައި އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމުގައި ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ވިދާޅުވީ ރައްޔިތުންނަށް އޮތް ހަމައެކަނި ހަތިޔާރަކީ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ހައްގާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު ކަމަށެވެ. މި ދެ ހައްގު ދޫކޮށްލައިފި ނަމަ، އެ ދޫކޮށްލެވެނީ ގައުމުގެ އިންސާފާއި އަދުލުވެރިކަމާއި ދަރީންގެ މުސްތަގުބަލު ކަމަށް ވެސް އަލީ ވިދާޅުވި އެވެ. އަންނަން އޮތް ޖީލުގެ މުސްތަގުބަލަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަން ދޫނުކޮށް ހިފަހައްޓަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ސަރުކާރަށް އޮތް ހަމައެކަނި ޕްރެޝަރަކީ ކޮންމެ ރެއަކު، މަގުތަކަށް އެއްވާ އެއްވުން. ޝުއޫރު ފާޅުކުރާތީ ޕްރެޝަރުގައި ސަރުކާރު އޮންނަން ޖެހޭ،" އަލީ ވިދާޅުވި އެވެ.
އަލީ ވިދާޅުވީ ސިޔާސީ އިދިކޮޅު ލީޑަރުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލަން ސުޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ 1 ގައި ނެރުނު އަމުރު ތަންފީޒު ކުރަންދެން މަގުމަތީގައި ތިބޭނެ ކަމަށެވެ. އަދި އެ އަމުރަކީ ރާއްޖޭގައި މިހާތަނަށް ސަރުކާރުން "ބޮލާލައި ޖެހި" ފުރަތަމަ އަމުރު ކަމަށް އޭނާ ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން ދިގު ދަތުރެއް ކުރަމުންދާ އިރު، ބައެއް ފަހަރު ކަންތައްތައް ހިނގާ ގޮތުން މާޔޫސްކަމެއް އައި ނަމަވެސް، އެ ހިތްދަތިކަމުން އަރައިގަނެވޭނެ ކަމަށް ވިދާޅުވެ، އަލީ ވަނީ ރައްޔިތުންނަށް ހިތްވަރު ދެއްވައިފަ އެވެ. ކޯޓުތަކާއި ރައްޔިތުންގެ މަޖިލީހުން ގާނޫނީ ވާޖިބު އަދާކުރަމުން ދާއިރު، ގާނޫނީ ވާޖިބު އަދާކުރާ ތަން ނުފެންނަނީ ފުލުހުންނާއި ސިފައިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސިޔާސީ ބައެއް ބޭފުޅުންނާއި ފަނޑިޔާރުންނަށް ޓެރަރިޒަމްގެ ދައުވާ ކުރާކަން ފާހަގަ ކުރައްވައި، އަލީ ވިދާޅުވީ ފަހުގެ ތާރީހެއްގައި މިއީ ދުނިޔޭގެ އެއްވެސް ގައުމެއްގައި މިހާތަނަށް ހިނގާފައިވާ ކަމެއް ނޫން ކަމަށެވެ.
އެންމެ ގިނަ ޓެރަރިސްޓުން ތިބި ގައުމަކަށް ރާއްޖެ ވެފައިވާއިރު، ރާއްޖެއަކީ ސުލްހަމަސްލަސްކަމުގައި ނަމޫނާ ގައުމެއް ކަމަށް ވެސް އަލީ ވިދާޅުވި އެވެ.
އަލީގެ ވާހަކައިގައި ނުސީދާ ގޮތެއްގައި ރައީސް އަބްދުﷲ ޔާމީނަށް ފާޑު ވިދާޅުވި އެވެ. އަލީ ވިދާޅުވި ގޮތުގައި ހަފުތާއަކު ދެ ފަހަރު، ސިންގަޕޫރަށް ފުރާ މީހަކު، ފުރަން ނުކެރިގެން އުޅެނީ ރައްޔިތުން ދައްކަމުން އަންނަ ހިތްވަރާ ހެދި އެވެ. ރައްޔިތުން ދެމިތިބިހާ ހިނދަކު، މަޖިލީހުގެ މެމްބަރުންނާއި ސިޔާސީ ޕާޓީތަކުގެ އިސް ވެރިން ތިއްބެވީ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.
އަލީ ވިދާޅުވީ އިދިކޮޅު ލީޑަރުން ޖަލުގައި ތިއްބެވީ އަމިއްލަ ކަމެއް ކުރަން ނޫން ކަމަށާއި އެ ބޭފުޅުން ތިއްބެވީ ދިވެހިންގެ މުސްތަގުބަލަށްޓަކައި ކަމަށެވެ. އަދި އެ ބޭފުޅުން ޖަލުގައި ތިބިހާ ހިނދަކު އިސްލާހީ މަސައްކަތްތައް ހުއްޓާނުލާނެ ކަމަށް ވެސް އަލީ ވިދާޅުވި އެވެ.
އަލީގެ ވާހަކަ ނިންމަވާލައްވަމުން ކުރިއަށް އޮތް ދުވަސްތަކުގައި ރައްޔިތުން އެއް ގޮތެއްގައި ތިބޭނަމަ، ވަރަށް އުފާވެރި ހަބަރެއް ލިބޭނެ ކަމަށް ވިދާޅުވި އެވެ.