ކ. މާފުށްޓާއި އެ ރަށުގެ ހިއްކި ސަރަހައްދު ގުޅުވައިދޭ ބްރިޖު މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
އެ މަސައްކަތް ރަސްމީކޮށް ފަށަން މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދާއި މާފުށީ ދާއިރާގެ މެމްބަރު ހުސައިން ރިޒާ އާއި އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދުގެ އިތުރުން މާފުށީ ކައުންސިލް މެމްބަރުން ބައިވެރިވެވަޑައިގަތެވެ.
އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ. މާފުއްޓާއި ހިއްކި ސަރަހައްދު ގުޅާލުމަށް ނިންމާފައި ވަނީ ދަށުން އޮއެ ދެމޭގޮތަށް ހަދާ ބްރިޖަކުންނެވެ.
މާފުށީގައި 25 ހެކްޓަރުގެ ބިމެއް ހިއްކައި ނިންމާލީ 2021 ވަނަ އަހަރެވެ. އެ ބިން ހިއްކީ ދައުލަތުން 118 މިލިއަން ރުފިޔާ ހަރަދުކޮށްގެންނެވެ. އެ ހިއްކި ބިމުގެ 45 ޕަސެންޓު ބޭނުން ކުރަން ނިންމާފައި ވަނީ އެ ރަށުގެ މީހުންނަށް ގޯތި ދިނުމަށެވެ.
ރާއްޖޭގައި ގެސްޓްހައުސް ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ މާފުށީގައި ހިއްކި ބިމުން 300 ގޯތި ވަނީ ދޫކޮށްފަ އެވެ.