ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ބިމާއި ފްލެޓު ލިބޭނެ ކަމަށް ބުނެ އާންމުންގެ އަތުން ފައިސާ ނަގަމުންދާކަމުގެ މައުލޫމާތު ލިބެމުން އަންނަ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ. 

ހައުސިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މިނިސްޓްރީން ހިންގާ ބޯހިޔާވަހިކަމުގެ ހުރިހާ މަޝްރޫއުތަކެއްގައި ވެސް ގޯއްޗާއި ފްލެޓު ދިނުމުގެ މަސައްކަތް ކުރަނީ ގެޒެޓުގައި އާންމުކޮށްފައިވާ އުސޫލުތަކާއި އިޖުރާއަތްތަކާ އެއްގޮތަށް ކަމަށެވެ. 

މިނިސްޓްރީން ބުނީ ގެޒެޓުގައި އާންމުކޮށްފައިވާ އުސޫލުތައް ނުވަތަ މިނިސްޓްރީން އާންމުކޮށްފައިވާ އިއުލާނަކާ ހިލާފަށް އެއްވެސް މީހަކަށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއުއަކުން ގޯއްޗާއި ފްލެޓު ލިބުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ. 

ސްކޭމްތަކަށް ސަމާލުވުމަށް އަންގައި މިނިސްޓްރީން ބުނީ ސަރުކާރުން ހިންގާ ޕްރޮގްރާމެއްގެ ދަށުން ދޫކުރާ ގޯއްޗާއި ފްލެޓު ހޯދުމަށް އެއްވެސް މީހަކާ އެެކު ފައިސާގެ މުއާމަލާތެއް ނުކުރާނެ ކަމަށެވެ. 

"އެކި ފަރާތްތަކުން ހިންގަމުންދާ މިފަދަ ސްކޭމްތަކަށް އާންމު ރައްޔިތުން ސަމާލުވުމަށް ދަންނަވަމެވެ. އަދި ސަރުކާރުން ހިންގާ ޕްރޮގްރާމެއްގެ ދަށުން ދޫކުރާ ގޯތި ނުވަތަ ފްލެޓު ހޯދުމުގެ ގޮތުން އެއްވެސް ފަރާތަކާ ފައިސާ ނުވަތަ އެފަދަ އެހެން މުއާމަލާތެއް ނުކުރުމަށް އިލްތިމާސްކުރަމެވެ."

މިނިސްޓްރީން ވަނީ އުސޫލާއި އިއުލާނުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ބޭރުން ގޯއްޗާއި ފްލެޓު ހޯދުމަށް އެއްވެސް މީހަކާ އެކު ފައިސާގެ މުއާމަލާތެއް ކޮށްފައިވާ ނަމަ، އެކަން ލަސްނުކޮށް ޕޮލިހުންގެ އެންޓި ސްކޭމް ސެންޓަރުގެ ހޮޓްލައިން ނަމްބަރު 125 އަށް ގުޅައި ރިޕޯޓުކުރަން އެދިފަ އެވެ. 

މީގެ ކުރިން ވެސް ވަނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަމުންދާ ދަނޑިވަޅުތަކާ ދިމާކޮށް ފްލެޓު ލިބޭ ކަމަށް ބުނެ އެޗްޑީސީގެ ނަމުގައި ގުޅައި، އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތަކެއް ފެންމަތިވެފަ އެވެ.