ހުޅުމާލެއިން ދުވަހު ކުއްޔަށާއި މަހު ކުއްޔަށް އެޕާޓްމަންޓް ދޭކަމަށް ބުނެ، ސޯޝަލް މީޑިއާގައި މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ މައްސަލަތަކެއް ފާހަގަކުރެވިފައިވާތީ ސަމާލުވާން ފުލުހުން އިލްތިމާސްކޮށްފި އެވެ.
ފުލުހުން ރޭ ބުނީ، މަކަރާއި ހީލަތް ހަދާ މީހުން ސޯޝަލް މީޑިއާގައި ފޭކް އެކައުންޓްތައް ހަދައިގެން ބޭނުން ކުރަމުން ދަނީ Hulhumale Daily Rent Apartment" (@hulhumaleapartment)" ފަދަ ޓިކްޓޮކް އެކައުންޓްތަކާއި 7217905 ނަމްބަރު ބޭނުންކޮށްގެން ކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
އެފަދަ މައްސަލަތަކުގައި ފައިސާ ޓްރާންސްފާ ކުރާ އެކައުންޓްތަކުގެ ވެރިފަރާތްތަކުގެ ބައިވެރިވުމެއް މިފަދަ މަކަރާއި ހީލަތުގެ އަމަލުތައް ހިންގުމުގައި ނޯންނަކަން ވެސް ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މަކަރާއި ހީލަތް ހަދާ ގޮތް
- އޮޅުވާލައިގެން އިޝްތިހާރުކުރުން: މީހުން ޝައުގުވެރި ކުރުވުމަށްޓަކައި އެހެން މީހުންގެ އެޕާޓްމަންޓްތަކުގެ ވީޑިއޯ އާއި ފޮޓޯ ވަގަށް ނަގައިގެން ބޭނުންކުރުމާއި އެކަށީގެން ނުވާ ހެޔޮ އަގުތަކުގައި ކުއްޔަށްދޭ ކަމަށް ބުނެ އިޝްތިހާރުކުރުން.
- އަވަސްއަރުވާލައިގެން ފައިސާ ހޯދަން އުޅުން: މެސެޖިން ޕްލެޓްފޯމްތަކުން މުއާމަލާތް ކުރަން ފެށުމުން، އެޕާޓްމަންޓް ހޯދުމަށް އެހެން ކަސްޓަމަރުން ވެސް އެދެމުންދާ ކަމަށް ބުނެ އަވަސްއަރުވާލައި، ބުކިން ކަށަވަރު ކުރުމަށް ވަގުތުން އެޑްވާންސް ފައިސާ ދެއްކުމަށް ޑިމާންޑްކުރުން.
- އެޑްވާންސް ފައިސާ އަތުލުން: ވަކި ބޭންކް އެކައުންޓްތަކަކަށް 2،550ރ. އާއި 10،000ރ. އާ ދެމެދުގެ އަދަދަކުން އެޑްވާންސް ފައިސާ ޖަމާކުރުމަށް ބުނުން.
- ވަގު ލިޔެކިޔުމާއި އައިޑީ ބޭނުންކުރުން: އިތުބާރު ހޯދުމުގެ ގޮތުން ވަގަށް ނަގާފައިވާ އައިޑީ ކާޑާއި ސައްހަ ނޫން ލިޔެކިޔުންތައް ޗެޓް މެދުވެރިކޮށް ފޮނުވުން.
- ފައިސާ ލިބުމުން ރިޕްލައި ކުރުން ހުއްޓާލުން: ފައިސާ ޓްރާންސްފާ ކުރި ސްލިޕް ފޮނުވުމާ އެކު، އެ ފަރާތްތަކާ ކުރަމުންދިޔަ މުއާމަލާތްތައް ވަގުތުން ހުއްޓާލައި، އެޕާޓްމަންޓް ހަވާލުނުކޮށް އަދި ފައިސާ ވެސް އަނބުރާ ނުދިނުން.
ފުލުހުން ވަނީ އެޕާޓްމަންޓެއް ކުއްޔަށް ނެގުމުގެ ކުރިން ތަން ބަލައި ބަލައި ޔަގީންކޮށް، އިމާރާތުގެ ވެރިފަރާތް ނުވަތަ ހުއްދަ އޮތް އެޖެންޓާ ބައްދަލުނުކޮށް އެއްވެސް އެޑްވާންސް ފައިސާއެއް ނުވަތަ ބުކިން ފީއެއް ޓްރާންސްފާ ނުކުރުމަށް އިލްތިމާސް ކޮށްފަ އެވެ.
އޭގެ އިތުރުން ކުއްޔަށް ހިފުމުގެ އެއްބަސްވުންތައް ހެދުމުގެ ކުރިން، ތަނުގެ މިލްކުވެރިކަން ސާބިތުކޮށްދޭ ސައްހަ ލިޔުމެއް ނުވަތަ ތަން ކުއްޔަށް ދިނުމުގެ ރަސްމީ ހުއްދަ އޮތްކަން ޔަގީން ކުރުމަށައި ވަގުތު ކުޑަތަން ވެފައިވާ ކަމަށް ބުނެ އަވަހަށް އޮންލައިންކޮށް ފައިސާ ޓްރާންސްފާ ކުރުމަށް މަޖުބޫރުކުރާ ހާލަތްތަކުގައި ފައިސާ ނުދެއްކުމަށް ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.
ސައްހަކަން ކަށަވަރުނުވާ ސޯޝަލް މީޑިއާ ޕްރޮފައިލްތަކާއި ޕްރައިވެޓް މެސެޖިން އެޕްލިކޭޝަންތައް މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ނުހިންގަން ވެސް ފުލުހުން އެދެ އެވެ.
ފުލުހުން ވަނީ އެޕާޓްމަންޓް ނުވަތަ ދުވަހު ކުއްޔަށް ދޭނެ ކަމަށް ބުނެ މަކަރާއި ހީލަތް ހިންގާ އަމަލެއް ފާހަގަކުރެވިއްޖެ ނަމަ ލަސްނުކޮށް ފުލުހުންގެ ނަމްބަރު 3322111 އަށް ގުޅުމަށް ނުވަތަ ފުލުހުންގެ އެންޓި ސްކޭމް ސެންޓަރަށް ރިޕޯޓުކުރުމަށް އެދިފަ އެވެ.