އެމްބިއުލާންސްތައް މަރާމާތުކޮށް ބަލަހައްޓަން އެމްޕީއެލްއާއެކު ހެލްތު މިނިސްޓްރީން ރޭ ސޮއިކޮށްފި އެވެ.

އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، ސަރުކާރުގެ ސިއްހީ ހިދުމަތްދޭ ތަންތަނުގައި ބޭނުންކުރާ އެމްބިއުލާންސްތައް މަރާމާތު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު މުއީނާއި ހެލްތުގެ ސްޓޭޓް މިނިސްޓަރު އިސްމާއިލް އަބްދުالله އެވެ.

ހެލްތު މިނިސްޓްރީން މިދިޔަ ހަފުތާގައި ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ބައެއް ރަށްރަށުގައި އެމްބިއުލާންސްތައް މަރާމާތުނުކޮށް، ގިނަ ދުވަސްވުމުން ބޭނުން ނުކުރެވޭ މިންވަރަށް ހަލާކުވެފައިވާ ކަމަށެވެ.

އެހެންވެ، އެ ތަކެތި މަރާމާތުކުރެވޭނެ ގޮތްތައް ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. 

މިނިސްޓްރީން މިހާރު ގެންދަނީ އެމްބިއުލާންސް ހަލާކުވެފައިވާ ރަށްރަށަށް އާ އެމްބިއުލާންސްތައް ފޮނުވަމުންނެވެ. އަދި ރޭގެ ރަސްމިއްޔާތުގައި އިތުރު 14 ރަށަކަށް އާ އެމްބިއުލާންސް ހަވާލުކޮށްފައިވެ އެވެ.

އެ ރަށްތަކަށް އެމްބިއުލާންސްތަކުގެ ތަޅުދަނޑި ހަވާލުކޮށްދެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމެވެ. 

ހެލްތު މިނިސްޓްރީން ބުނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އެކަނި ވެސް 56 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މި އަހަރުގެ ތެރޭގައި އިތުރު އެމްބިއުލާންސްތައް ހަވާލުކުރާނެ ކަމަށް ބުންޏެވެ.

އެމްބިއުލާންސްތައް ބަލަހައްޓަން އެމްޕީއެލްއާ ހަވާލު ކުރިއިރު، ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން އެމްބިއުލާންސްތައް ރާއްޖެ ގެނައުމުގެ މަސައްކަތް ވެސް ސަރުކާރުން ހަވާލުކޮށްފައި އޮތީ އެމްޕީއެލްއާ އެވެ.