އަންނަ ހޮނިހިރު ދުވަހުން ފެށިގެން މާލޭގައި ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނަން ފަށާނެ ކަމަށް މޯލްޑިވްސް ޒަކާތު ހައުސް އިން ބުނެފި އެވެ.
ޒަކާތު ހައުސް އިން ބުނި ގޮވާމުން ޒަކާތް ބަލައިގަންނާނީ މިމަހުގެ 14 ވަނަ ދުވަހާއި 15 ވަނަ ދުވަހުގެ ހެނދުނު 10:00 އިން 12:00 އަށް ކަމަށެވެ. އަދި މިމަހުގެ 16 އިން 18 ވަނަ ދުވަހުގެ ނިޔަލަށް ޒަކާތް ބަލައިގަންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00 އަދި މެންދުރު ފަހު 1:00 އިން ހަވީރު 3:00 އާ ހަމައަށެވެ.
އެ ހުރިހާ ދުވަހެއްގައި ވެސް ޒަކާތް ބަލައިގަތުން ކުރިއަށް ދާނީ މާލޭގެ ސީއެޗްއެސްއީ އިމާރާތުގަ އެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ދައްކާނީ އެ ބަޔަކު އާންމު ގޮތެއްގައި ކެއުމަަށް ބޭނުންކުރާ ގޮވާމުގެ ބާވަތްތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަންނާނީ އާދައިގެ ހަނޑޫ، ތައިލެންޑް ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ އަދި ގޮދަން ފުށެވެ.
ޒަކާތު ހައުސް އިން ވަނީ އޮންލައިންކޮށް، ހަތް ޕްލެޓްފޯމެއް މެދުވެރިިކޮށް ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސައިފަ އެވެ.
އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކޭ ގޮތްތައް:
- ދިރާގު މޯބައިލް އެޕާއި ދިރާގު ޕޭ
- އުރީދޫ، އެމްފައިސާ މޯބައިލް އެޕް
- މޯލްޑިވްސް އިސްލާމިކް ބޭންކުގެ މޯބައިލް އެޕް
- ބޭންކް އޮފް މޯލްޑިވްސްގެ މޯބައިލް އެޕް
- ފަހިޕޭ މޯބައިލް އެޕް
- އަވަސް މޯބައިލް އެޕް
- ބަނޑޭރި ޕޭ ވެބްސައިޓް
މި ރޯދަމަހުގެ ފުރަތަމަ 15 ގައި ފިތުރު ޒަކާތުގެ ގޮތުގައި 5،482،171ރ. ލިބިފައިވެ އެވެ. އެއި މިދިޔަ އަހަރު އެ މުއްދަތުގައި ލިބުނު އަދަދާ އަޅާ ބަލާއިރު، 23 ޕަސެންޓް އިތުރު އަދަދެކެވެ. މިދިޔަ އަހަރު އެ މުއްދަތުގައި ލިިބިފައި ވަނީ 4,460,199ރ. އެވެ.