އެކި މައްސަލަތަކުގައި ގެއްލުނު 200،000 އަށް ވުރެ ގިނަ ރުފިޔާ 48 ގަޑިއިރު ނުވަތަ ދެ ދުވަސް ތެރޭގައި ފުލުހުން ހޯދައިދީފި އެވެ.
ފުލުުހުން ބުނީ މި ފައިސާ ހޯދުނީ މާލޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކަމަށެވެ.
ހެންވޭރާއި ގަލޮޅު އަދި މާފަންނު ޕޮލިސް ސްޓޭޝަނުން މިދިޔަ ހޯމަ އަދި އަންގާރަ ދުވަހު ކޮށްފައިވާ މަސައްކަތްތަކުގެ ތަފާސްހިސާބު އާއްމުކޮށްފައިވާ އިރު 62،4000 ރުފިޔާ ގެއްލިގެން މާފަންނު ޕޮލިހަށް ރިޕޯޓްކޮށްފައި ވެ އެވެ. އޭގެ ތެރެއިން 2،400ރ. ވަނީ އަނބުރާ ހޯދައި ދީފަ އެވެ.
ގެއްލިގެން ހޯދައިދޭން އެދި ހެންވޭރު ޕޮލިހަށް ހުށަހެޅި 24،400 ރުފިޔާގެ ތެރެއިން ހޯދުނީ 4،000 ރުފިޔާ އެވެ. ގަލޮޅު ޕޮލިހުން ވަނީ އެކި މައްސަލަތަކުގައި ގެއްލުނު 224،600ރ. ހޯދައިފަ އެވެ. އެއީ 48 ގަޑިއިރު ތެރޭ ހޯދި ޖުމްލަ 231،000ރ. އެވެ.
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ އެ މުއްދަތުގައި ވައްކަމާއި ފޭރުމުގެ ތުހުމަތުގައި 11 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެ މުއްދަތުގައި ހެންވޭރު ޕޮލިހުން ވަނީ 156 މީހަކު މަގުމަތިން ހުއްޓުވައި 572 ލޮކޭޝަނެއް ބަލައި ދެ މީހުން ހައްޔަރުކޮށްފަ އެވެ.
ގަލޮޅު ޕޮލިހުން މަގުމަތިން 122 މީހަކު ހުއްޓުވައި ސުވާލުކޮށްފައިވާއިރު 703 ތަނެއް ވަނީ ބަލައިފަ އެވެ. އަދި މާފަންނު ޕޮލިހުން 151 މީހަކު ހުއްޓުވައި 341 ތަނެއް ބަލާފައިވެ އެވެ.