އދ. ދިގުރަށުގައި ބިދޭސީން އުޅޭ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި މަރުވި ފަސް މީހުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު މިއަދު ބަންގްލަދޭޝަށް ގެންދަން ނިންމައިފި އެވެ.
ބަންގްލަދޭޝްގެ ނޫހެއް ކަމަށްވާ ދަ ޑެއިލީ ސްޓާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އަލިފާނުގެ ހާދިސާގައި މަރުވި ސާދަރު އަލީ އާއި ޝަފީގުލް އިސްލާމުގެ ހަށިގަނޑު މިއަދުގެ ވަގުތެއްގައި ބަންގްލަދޭޝަށް ގެންދާނެ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު އަލިފާނުގެ ހާދިސާ ހިނގީ ހާރު ކެއުމަށް ކާއެއްޗެހި ތައްޔާރުކުރުމަށް އުޅުމުގެ ތެރޭގައި ގޭސް ސިލިންޑަރު ގޮވައިގެންނެވެ.
އެ ހާދިސާގައި މަރުވި އެންމެންނަކީ ވެސް ބަންގްލަދޭޝްގެ މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ރާޖު އުދިން އިސްލާމް އާއި ސާދަރު އަލީ އާއި ރޮބިން މޮއްލާ އާއި ޝަފީގުލް އިސްމާލް އަދި ނޫރްނަބީ ސަރްކާރް އެވެ.
އެ ހާދިސާގައި ޖަމާލް އުދިން އާއި ސައްދާމް ހޮސެއިން ކިޔާ މީހަކަށް ވެސް އަނިޔާވެގެން އަންނަނީ ފަަރުވާދެމުންނެވެ.
އައިޖީއެމްއެޗުން އިއްޔެ ބުނެފައިވާ ގޮތުގައި ފިހިގެން ފަރުވާދެމުން އަންނަ ދެ މީހުންގެ ވެސް ހާލު ސީރިއަސް އެވެ. އެ މީހުންނަށް ފަރުވާދެނީ ވެންޓިލޭޓަރުގަ އެވެ.
އެ މީހުންގެ ހާލު ބެލުމަށް، ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައި ކޮމިޝަނަރު، ޑރ. އެމްޑީ ނަޒްމުލް އިސްލާމް އާއި އިތުރު އޮފިޝަލުން ވަނީ އައިޖީއެމްއެޗަށް ވަޑައިގެން އެމީހުންގެ ހާލު އޮޅުންފިލުވައިފަ އެވެ. އަދި އެ ހާދިސާގައި މަރުވެފައިވާ މީހުން ގަލޮޅު މޯޗަރީގައި ބައިތިއްބާފައި ވާއިރު އެތަނަށް ވެސް ސަފީރު ޒިޔާރާތްކުރެއްވި ކަމަށް އެ ނޫހުގައި ބުންޏެވެެ.
އެ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ވެސް ހައި ކޮމިޝަނުން ވަނީ ގުޅައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނެފައި ކަމަށް އެ ނޫހުގައިވެ އެވެ.
އަލިފާން ރޯވި ތަނަށް ގޮސް، އެ ތަން ވެސް ހައި ކޮމިޝަނުގެ އޮފިޝަލުން ބަލާފައިވާއިރު އެ ހާދިސާގައި ގެއްލުންވި ބަންގްލަދޭޝްގެ އިތުރު މީހުންނަށް ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާ ކަމަށްވެ އެވެ.
ފުުލުހުން ބުނެފައިވާ ގޮތުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓު ލިބުނީ އެރޭ ދަންވަރު 1:57 ހާއިރު އެވެ. އަދި 1:58 ގައި ފުލުހުން އެ ސަރަހައްދަށް ދިޔައިރު ބަދިގެ ތެރެއިން ވަރަށް ބޮޑަށް އަލިފާނުގެ އަސަރު ފެންނަމުން ދިޔަ އެވެ.
ގޭތެރޭގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރަން ޖެހުނީ ފުލުހުންނާއި އާންމުން ގުޅިގެން ގޭގެ ބިތްދޮށު ފާރު ތަޅާލައިގެންނެވެ.
އެތަނަށް ފުލުހުން ވަތްއިރު ހަބަރު ހުސްވެފައި ތިބި ހަތް މީހަކު އެ ތަނުން ނެރެ، އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔަ އެވެ. އެކަމަކު އޭރު ވެސް އޭގެތެރެއިން ފަސް މީހުން އޮތީ މަރުވެފަ އެވެ.