ގާނޫނުއަސާސީގައި ހުރި މައްްސަލަތައް ހައްލުކުރަން ހުށަހަޅާ އިސްލާހުތަކުގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ބަދަލު ކުރުމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ހިފެހެއްޓުމުގެ އިސްލާހު ވަރަށް އަވަހަށް ހުށަހަޅާނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ. 

އުޝާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނުއަސާސީގައި މައްސަލަތަކެއް އެބަހުރި ކަމަަށާއި އެކަންކަން އިސްލާހުކުރަން ޖެހޭކަން އެއީ އެންމެން ވެސް ގަބޫލުކުރާ ހަގީގަތެއް ކަމަށެވެ. އަދި އެކަންކަން ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިތުރު ތިން އިސްލާހެއް މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އުޝާމް ވިދާޅުވި ތިން އިސްލާހަކީ: 

1. ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުން.

2. ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރުން.

3. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވަމުންދާ މައްސަލައަށް ހައްލެއް ގެނައުން.

އޭގެ ތެރެއިން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހު ސަރުކާރުގެ ފަރާތުން ހުށަހަޅައި، މިހާރު މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. ނަމަވެސް، އެ އިސްލާހު ތަސްދީގު ކުރުމުގެ ކުރިން ރައްޔިތުންގެ އާންމު ވޯޓެއް އެކަމުގައި ނަގަން ގާނޫނު ލާޒިމް ކުރާތީ ލޯކަލް ކައުންސިލް އިންތިހާބާއެކު އެ ވޯޓު ނަގަން ވަނީ ނިންމައިފަ އެވެ. 

ލޯކަލް ކައުންސިލް އިންތިހާބުގެ ތެރޭގައި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ފެންނަ ނުފެންނަ ވޯޓު ކުރިއަށް ގެންދާތީ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ފާޑުވިދާޅުވެފަ އެވެ. އޭނާ ވަނީ ދުސްތޫރީ ބޮޑެތި ކަންކަން ޕާކްކޮށްފައި، ދެ އިންތިހާބު އެއްކުރަން އުޅޭ އެޖެންޑާ ސާފުކޮށްދޭން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. 

ސުއޫދުގެ އެ ވާހަކައަށް ރައްދު ދެއްވައި އުޝާމް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އިސްލާހުގެ މަސައްކަތް މިވަގުތު ކުރިއަށް ގެންދަނީ ކީއްވެގެންތޯ ކުރެވޭ ސުވާލުގެ ޖަވާބު ވަރަށް ސާފު ކަމަށެވެ. 

"ގާނޫނުއަސާސީއަށް ގެންނަން ނިންމާފައިވާ އިސްލާހުތަކުގެ ތެރެއިން، މި އިސްލާހަކީ، އެއަށް އަމަލުކުރަން ފެށުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ސީދާ ގާނޫނުއަސާސީން ލާޒިމްކުރާ އިސްލާހެއް. އަދި ގާނޫނުއަސާސީއަށް ދެން ގެންނަންޖެހޭ އިސްލާހުތަކަކީ އެއަށް އަމަލުކުރުމަށްޓަކާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގާނޫނުއަސާސީ ލާޒިމްކުރާ އިސްލާހުތަކެއް ނޫން،" އުޝާމް ވިދާޅުވި އެވެ. 

ކައުންސިލް އިންތިހާބަށްޓަކައި ތައްޔާރުވަމުންދާ ވަގުތު، ފެންނަ ނުފެންނަ ވޯޓާއި ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓުލުން އެކުއެކީގައި ބޭއްވުމަކީ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހިނގާނެ ހަރަދުން އެތައް މިލިއަން ރުފިޔާއެއް ސަލާމަތްކުރެވޭނެ ކަމެއް ކަމަށް އުޝާމް ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ މުޅި ރާއްޖޭގައި އެފަދަ ވޯޓެއް ވަކިން ނަގާނަމަ އެންމެ ކުޑަމިނުން 80 ވަރަކަށް މިލިއަން ރުފިޔާ ހޭދަވާނެ ކަމަށާއި އަދި ކައުންސިލް އިންތިހާބާއެކު މިވޯޓު ބާއްވާނަމަ އެތައް ގުނައެއް ހަރަދު ކުޑަވެ، ދައުލަތުގެ ބަޖެޓަށް ލުއިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

"ގާނޫނުއަސާސީއަށް ދެން ގެންނަން ބޭނުންވާ އިސްލާހުތައް ވެސް މާލަސްތަކެއް ނުވެ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާނެ. މިހާރު ހިނގަމުންދަނީ މިކަމުގެ އެންމެ ފަހުގެ މަޝްވަރާތައް،" އުޝާމް ވިދާޅުވި އެވެ. 

ބޮޑު ދެ އިންތިހާބު އެއްކޮށްލަން ފެންނަ ކަމަށް ސަރުކާރުން ކެމްޕެއިން ކުރަމުންދާއިރު، އިދިކޮޅު އެމްޑީޕީން ގެންދަނީ އެކަމާ ދެކޮޅަށް ކެމްޕެއިން ކުރަމުންނެވެ. އެ ވޯޓު ހުއްޓުވުމަށް އެމްޑީޕީން ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ވެސް ވަނީ ހުށަހަޅައިފަ އެވެ. ނަމަވެސް ވަގުތީ އަމުރަކަށް ވެސް އެދިފައިވާ އެ މައްސަލައާ ގުޅޭގޮތުން ހައި ކޯޓުން މިހާތަނަށް ވަކި ގޮތެއް ނުނިންމަ އެވެ.