ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަކީބު (ޝަކިއްބެ) ބައްދަލުކުރުމަށް އިދިކޮޅު އެމްޑީޕީގެ އިސްވެރިން، އެ އޮފީސް ހިންގާ އިމާރާތަށް މިއަދު ހިނގައްޖެ އެވެ.
އެެންމެ ބޮޑު އިދިކޮޅު ޕާޓީގެ އިސްވެރިން ދައުލަތުގެ މީޑިއާގެ އެންމެ އިސްވެރިޔާ ޝަކީބުއާ ބައްދަލުކުރަން ދިޔައީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބާ އެކު ބާއްވާ ފެންނަ ނުފެންނަ ވޯޓަށް އާންމުން ހޭލުންތެރިކުރުމަށް އެ މީޑިއާ އިން ގެނެސްދޭ ޕްރޮގްރާމުތަކުގައި ހަމަހަމަ ފުރުސަތެއް ނުދޭ ކަމަށް ބުނެ އެވެ.
އެމްޑީޕީގެ ކަންބޮޑުވުމަކީ އެ ޕާޓީން ބުނި ގޮތުގައި ހަމައެކަނި ސަރުކާރުގެ ސްޓޭންޑު އާންމުންނަށް ގެނެސްދޭތީ އެވެ.
އެ މައްސަލާގައި އިއްޔެ އެމްޑީޕީން ޕީއެސްއެމަށް ފޮނުވި ސިޓީގައި ވަނީ މިއަދު މެންދުރު 1:00 ގައި އެމްޑީ ޝަކީބުއާ ބައްދަލުކުރުމަށް ދާނެކަން އަންގައިފަ އެވެ. އެކަމަކު މިހާތަނަށް ވެސް ސިޓީއަށް ޖަވާބެއް ނުލިބޭ ކަަމަށް އެ ޕާޓީން ބުންޏެވެ.
ނަމަވެސް ޕީއެސްއެމްގެ އިސް އޮފިޝަލަކު ވިދާޅުވީ، ޝަކީބު މި ވަގުތު ހުންނެވީ އުމްރާގެ އަޅުކަމަށް މައްކާގައި ކަން އެމްޑީޕީ އަށް އަންގާފައިވާނެ ކަމަށާއި އެ ޖަވާބާ ގުޅިގެން އިތުރު ބޭފުޅަކާ ބައްދަލުކުރަން އެދިފައި ނެތް ކަމަށެވެ.
އެމްޑީޕީން ކަނޑައެޅި ގަޑިއަށް މިއަދު ޕީއެސްއެމްގެ ރިސެޕްޝަނަށް އެމްޑީޕީގެ އިސްވެރިން ވަޑައިގަތުމުން އެތަނުން އަންގާފައި ވަނީ ޝަކީބު މިވަގުުތު ހުންނެވީ ރާއްޖެ އިން ބޭރުގައި ކަމަށެވެ. އެހެންވެ، އެ ޕާޓީން އެދުނީ ވަގުތީ ގޮތުން ތަން ހިންގުމާ ހަވާލުވެ ހުންނެވި ބޭފުޅަކާ ބައްދަލުކޮށް ދިނުމަށެވެ.
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ ޕީއެސްއެމްގެ އިދާރާ ހުރީ ހުޅުވާފައި ކަމަށާއި އެކަމަކު އެތަނުގައި ބައްދަލުކުރާނެ މީހަކު ނެތް ކަމަށެވެ.
ޕީއެސްއެމް ހިންގަމުންދަނީ އެ ތަނުގެ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ، ޣަފޫރު ވިދާޅުވި ގޮތުގައި އެ ޓީވީ ސްޓޭޝަނުން އަމަލުކުރަމުން ދަނީ ޕީއެންސީގެ ކެމްޕެއިނު ޖަގަހައެއް ގޮތަށެވެ. އަދި ޖަވާބުދާރީ ނުވެ، ބޭނުންހާ ކަމެއް ނުކުރެވޭނެ ކަމަށް ވިދާޅުވެ ޣަފޫރު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
"މިސަރުކާރު އައި ފަހުން ކަނޑައެޅިގެން ޕީއެސްއެމްގެ ގާނޫނާ ހިލާފަށް ހިނގަމުން އެ ދަނީ. އަނެއްހެން ބުނަންޏާ ޕީއެންސީގެ ކެމްޕެއިން ޖަގަހައެއްގެ ގޮތުގައި ހިނގަމުން އެ ދަނީ،" ކަންބޮޑުވުން ފާޅުކުރައްވަމުން ޣަފޫރު ވިދާޅުވި އެވެ.
މިހާތަނަށް ޕީއެސްއެމްގެ އެއްވެސް ބޭފުޅަކާ ބައްދަލުވެފައި ނުވާތީ އެމްޑީޕީގެ އިސްވެރިން ތިބީ ޕީއެސްއެމްގެ ރިސެޕްޝަނުގައި މަޑުކޮށްގެންނެވެ.