ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ އެކު، މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ނަގާ ފެންނަ ނުފެންނަ ވޯޓަށް އާންމުން ހޭލުންތެރި ކުރުވުމުގެ ތެރެއިން މި ވަގުތު އިސްކަންދެނީ ގާނޫނުއަސާސީ އިސްލާހުކުރި ރައްޔިތުންގެ ހާއްސަ މަޖިލިހުގެ މެމްބަރުކަން ކުރެއްވި ތަޖުރިބާކާރު ބޭފުޅުން މެދުވެރިކޮށް މައުލޫމާތު ގެނެސްދޭން ކަމަށް ދައުލަތުގެ މީޑިއާ ޕީއެސްއެމުން މިއަދު ބުނެފި އެވެ. 

ދައުލަތުގެ މީޑިއާ އިން އެހެން ބުނީ، އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ދިމާކޮށް، ހަމަހަމަކަމެއް ނެތި އެ މީޑިއާ އިން މައުލޫމާތު ގެނެސްދޭ ކަމަށް ބުނެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަކީބް (ޝަކިއްބެ) އާ ބައްދަލުކުރަން އެދި އިދިކޮޅު އެމްޑީޕީން ފޮނުވި ސިޓީ އަށް ދިން ޖަވާބުގަ އެވެ. 

އެ ސިޓީގައި ޕީއެސްއެމުން ބުނީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ދިމާކޮށް، ރައްޔިތުންނަށް އެ މީޑިއާ އިން ގެނެސްދެނީ ފަންނީ އަދި އިޖުތިމާއީ މައުލޫމާތުތައް ހިމެނޭ ޕްރޮގްރާމްތަކެއް ކަމަށް ވާތީ މި ވަގުތު ސިޔާސީ ޕާޓީތަކަށް ފުރުސަތު ދޭން ހަމަޖެހިފައި ނެތް ކަމަށެވެ. 

"މި ކުންފުނިން އިސްކަންދެމުން ގެންދަނީ ކުރީގެ ރައްޔިތުންގެ ހާއްސަ މަޖިލިހުގެ މެމްބަރުކަން އަދާކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅުން މެދުވެރިކޮށް މައުލޫމާތު ގެނެސްދިނުމަށެވެ. އަދި މިހާތަނަށް މިފަދަ އެއްވެސް ޕްރޮގްރާމަކަށް ސިޔާސީ ޕާޓީއެއް ތަމްސީލްކުރާ ފަރާތަކަށް އެ ހައިސިއްޔަތުން ފުރުސަތު ދީފައެއް ނުވާނެ އެވެ،" ދައުލަތުގެ މީޑިއާގެ ޖަވާބުގައި ވެ އެވެ. 

އިދިކޮޅު ފަރާތްތަކަށް ހަމަހަމަ ފުރުސަތު ނުލިބޭ މައްސަލާގައި ޕީއެސްއެމްގެ އެމްޑީ ޝަކީބްއާ ބައްދަލުކުރަން އެމްޑީޕީން މިއަދު ބޭނުންވިޔަސް އެ ކުންފުނިން ބުނި ގޮތުގައި އޭނާ މި ވަގުތު ހުންނެވީ ރާއްޖެ އިން ބޭރުގަ އެވެ.

ޝަކީބް ރާއްޖެ ވަޑައިގަންނަވަނީ މި މަހުގެ ފަހުކޮޅު ކަމަށް ވާތީ އެމްޑީޕީން ބޭނުންވާ ބައްދަލުވުމަށް އޭގެ ފަހުން އެދުމަށް ވެސް ޕީއެސްއެމުން ސިޓީގައި ވެ އެވެ. 

ޕީއެސްއެމްގެ އެމްޑީ ޝަކީބު މިވަގުތު ހުންނެވީ އުމްރާގެ އަޅުކަމަށް މައްކާގަ އެވެ. 

ޝަކީބް ވަޑައިގެން ނެތަސް ޕީއެސްއެމްގެ އެހެން އިސްވެރިއަކާ ވެސް ބައްދަލުކުރަން ޑިމާންޑުކޮށް އެމްޑީޕީގެ އިސްވެރިން މިއަދުގެ މެންދުރު އެކެެއް ޖެހިއިރުން ފެށިގެން ތިބީ އެ ކުންފުނީގެ ރިސެޕްޝަން އޭރިއާގަ އެވެ. 

އެކަމާ ގުޅިގެން ޕީއެސްއެމުން ސޯޝަލް މީޑީއާގައި ކުރި ޕޯސްޓެއްގައި ބުނީ، ޝަކީބް ރާއްޖޭގައި ވަޑައިގެން ނޫޅުއްވާ ކަން އެމްޑީޕީ އަށް އަންގާފައި ވަނިކޮށް ވެސް އެ ކުންފުނީގެ އޮފީހަށް ގޮސް "މިނިވަން ދައުލަތުގެ މީޑިއާ" ގެ މުވައްޒަފުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަން ފަށާފައިވާ ކަމަށެވެ. 

އަދި ޕީއެސްއެމްގެ ހިންގުމަށް ހުރަސްއަޅައި ކުރާ ކަންކަން ވަގުތުން ހުއްޓާލަން އެ ކުންފިނިން އެމްޑީޕީ އަށް ގޮވާލި އެވެ. 

ޕީއެސްއެމްގެ ރިސެޕްޝަން އޭރިއާގައި ހުންނަވައި، އެމްޑީޕީގެ ވަގުތީ ޗެެއާޕާސަން އަބްދުލްޣަފޫރު މޫސާ ވިދާޅުވީ، ޕީއެސްއެމް ހިންގަމުންދަނީ އެ ތަނުގެ ގާނޫނާ ހިލާފަށް ކަމަށެވެ.

ޣަފޫރު ވިދާޅުވި ގޮތުގައި އެ ޓީވީ ސްޓޭޝަނުން އަމަލުކުރަމުން ދަނީ ޕީއެންސީގެ ކެމްޕެއިނު ޖަގަހައެއް ގޮތަށެވެ. އަދި ޖަވާބުދާރީ ނުވެ، ބޭނުންހާ ކަމެއް ނުކުރެވޭނެ ކަމަށް ވިދާޅުވެ ޣަފޫރު ކަންބޮޑުވުން ފާޅުކުރެއްވި އެވެ. 

"މިސަރުކާރު އައި ފަހުން ކަނޑައެޅިގެން ޕީއެސްއެމްގެ ގާނޫނާ ހިލާފަށް ހިނގަމުން އެ ދަނީ. އަނެއްހެން ބުނަންޏާ ޕީއެންސީގެ ކެމްޕެއިން ޖަގަހައެއްގެ ގޮތުގައި ހިނގަމުން އެ ދަނީ،" ކަންބޮޑުވުން ފާޅުކުރައްވަމުން ޣަފޫރު ވިދާޅުވި އެވެ.

ނަމަވެސް އެމްޑީޕީ އަށް ދިން ޖަވާބުގައި ޕީއެސްއެމުން ބުނީ، އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ގާނޫނާ އެއްގޮތަށް ކަމަށެވެ. ވަކިފަރާތަކަށް ނުޖެހި، މިނިވަންކަމާ އެކު ރައްޔިތުންނަށް ތެދު މައުލޫމާތު ފޯރުކޮށްދިނުމުގެ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރާ ކަމަށް ޕީއެސްއެމުން ބުންޏެވެ. 

"އަދި ތިޔަ ޕާޓީން މި ރާއްޖޭގައި ވެރިކަން ކުރެއްވިއިރު ވެސް ޕަބްލިސް ސާވިސް މީޑިއާ މި ގޮތުގައި ދެމިއޮތެވެ. އެހެންކަމުން، މި މުއައްސަސާގެ މިނިވަންކަމާ ގުޅުވައި މި ކުންފުންޏާ މެދު ރައްޔިތުންގެ މެދުގައި ނަފްރަތު އުފެދޭ ގޮތަށް ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް އިލްތިމާސް ކުރަމެވެ،" ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޔާމީން ސޮއިކުރައްވައި އެމްޑީޕީ އަށް ޕީއެސްއެމުން ފޮނުވި ސިޓީގައި ވެ އެވެ.