ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ މޫސާ އަލީ ޖަލީލަކީ ގައުމީ ދިފާއީ ހިދުމަތުގައި މުޅި އުމުރު ހޭދަކުރެއްވި ގައުމީ ބަތަލެކެވެ. އޭނާ އެންމެ ބޮޑަށް ފާހަގަވަނީ ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލައިން ގައުމު ސަލާމަތް ކުރުމަށް އަމިއްލަ އިސްނެގުމަށް ސިފައިންގެ ތެރޭގައި ކުރެއްވި މަސައްކަތެވެ. 

ތިރީގައި މިވަނީ މާލޭގެ މޭޔަރުކަމުގެ ކެމްޕެއިންގެ ތެރެއިން އޭނާ ދެއްވަން ބޭނުންވި މެސެޖުތަކެކެވެ. 

ކެމްޕެއިން ފެށިގެން މިހާތަނަށް އައިއިރު ރައްޔިތުންގެ ވިސްނުން ހުރީ ކޮން ގޮތަކަށްތޯ؟ ބައެއް މީހުންގެ ނަޒަރުގައި މޫސާ ޖަލީލަކީ ގައުމީ ބަތަލެއް ކަމަށް ވިޔަސް ސިޓީއެއް ހިންގުމުގެ ގާބިލްކަން ނެތް ކަމަށް ދައްކަން ބައެއް މީހުން މަސައްކަތް ކުރާ ތަން ފެނޭ. ކިހިނެއްތޯ އެކަމާ މެދު ދެކެވަޑައިގަންނަވަނީ؟

އެނގިވަޑައިނަންނަވާނެ ފަދައިން އަޅުގަނޑަކީ ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ހިޔާރު ކުރެއްވި ކެންޑިޑޭޓް. އެންމެ ފުރަތަމަ ކަމަކަށް ވެސް އަޅުގަނޑުގެ މަސައްކަތް ބައްޓަން ކުރާނީ އެ މަނިކުފާނު ގެންގުޅުއްވާ ޕޮލިސީ އަސާސްތަކުގެ މައްޗަށް. އެއީ ތަރައްގީ، ރައްކާތެރިކަން، ހަމަޖެހުން. މި ތިން އަސާސަކީ އަޅުގަނޑު ވަރަށް ފަރިތަ ތިން ތަނބު. އަޅުގަނޑުގެ ގައުމީ ހިދުމަތުގެ ރާސްތާ ވަރަށް ދިގު. އަދި ގިނަ މަރުހަލާތައް މި ހުރީ ހަމަޖެހުމާއި ރައްކާތެރިކަން ދެމެހެއްޓުމުގެ ކަންކަން ރާވައި ހިންގުމުގައި. 

އިތުރަށް ދެން މެނިފެސްޓޯއެއްގެ ސިފައިގައި ކަރުދާހެއް ތައްޔާރުކޮށްގެން ނެރުމުގެ ބޭނުންތެރިކަން ވެސް އެބައޮތް. އެ މަސައްކަތް ދަނީ ކުރެވެމުން.

އަޅުގަނޑަށް މިހާތަނަށް ރައްޔިތުންގެ ފަރާތުން ލިބޭ ފީޑްބެކާ މެދު ވަރަށް ވެސް ހިތްހަމަޖެހޭ. ދެވޭ ކޮންމެ މަގަކުން ދެވޭ ކޮންމެ ގޭބީސީއަކުން ބައްދަލުވާ ކޮންމެ ރައްޔިތެއްގެ ފަރާތުން ލިބޭ ލޯތްބާއި ބަލައިގަތުމަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން.

މި ދެންނެވި މެނިފެސްޓޯ ނުވަތަ އެކްޝަން ޕްލޭން ތައްޔާރުވެގެންދާއިރު މާލޭ ސިޓީ އަށް ކުރީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މޭސްތިރިކަމުގައި ހެދިފައި އޮތް ލޭންޑްޔޫސްޕްލޭނާއި އެކްޝަން ޕްލޭނަށް ވަރަށް ބޮޑަށް ރިއާޔަތް ކުރެވިގެންދާނެ. އަދި ގްރޭޓާ މާލެ އަށް މިހާރު އެކަށަ އެޅިފައި ހުރި ތަރައްގީގެ މަޝްރޫއުތައް ބާރު ސްޕީޑުގައި ހިންގުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަން އަޅުގަނޑު ގަސްދުކުރަން. 

ލޯކަލް އިންތިހާބުގެ ކެމްޕެއިނާ ގުޅުވައިގެން ޕީއެންސީން އެންމެ ފަހުން މާލޭގައި ބޭއްވި ސައިކަލް ބުރުގައި މޫސާ ޖަލީލް ބައިވެރިވެވަޑައިގަންނަވަނީ.
ލޯކަލް އިންތިހާބުގެ ކެމްޕެއިނާ ގުޅުވައިގެން ޕީއެންސީން އެންމެ ފަހުން މާލޭގައި ބޭއްވި ސައިކަލް ބުރުގައި މޫސާ ޖަލީލް ބައިވެރިވެވަޑައިގަންނަވަނީ.

މާލެ އާއި ވިލިލާމާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ މީހުންގެ ޝަކުވާތައް މޫސާ ޖަލީލް ތި ގެންދަވަނީ ވަރަށް ގާތުން އަޑުއައްސަވަމުން. ތިޔަ ވިދާޅުވާ ތަރައްގީގެ މަޝްރޫއުތައް، މިސާލަކަށް މަގުތަކުގެ ހާލަތު ރަނގަޅު ކުރުން ފަދަ ކަންކަމާއި ޓްރެފިކަށް ހައްލު ގެނައުމުގެ ކަންކަން އެދެވޭހާ ބާރު ސްޕީޑުގައި ގެންގޮސްދިނުމަށް ގެންގުޅުއްވަނީ ކޮން ސްޓްރެޓެޖީއެއްތޯ؟

ދުނިޔޭގެ ނިސްބަތުން ވެސް މާލެ ސިޓީއަކީ ޔުނީކް ނުވަތަ ދެވަނައެއް ނުވާ ކެޕިޓަލްއެއް. މާލެ ސިޓީގެ މޫނުމަތި އެއީ ވަރަށް ޗާލު އަދި ޒިޔާރަތްކުރާ މީހުންނާއި ތަނުގައި އުޅޭ މީހުންގެ ހިތްތަކަށް ހަމަޖެހުން ގެނެސްދޭ މާހައުލެއް ކަމުގައި ހެދުމަށް ކުރެވޭ މަސައްކަތުގައި ސިޓީ ކައުންސިލުން އިސްދައުރެއް އަދާކުރުމަށް ސްޓްރެޓަޖީތަކެއް އަޅުގަނޑު އެކުލަވާލާނަން. މޫނުމަތި އެކުލެވޭ ބޭރުމަގުގެ އިތުރުން އެތެރޭގެ މަގުތަކާއި ގޯޅިތައް އެއީ ރިވެތިކޮށް ބެލެހެއްޓޭ އަދި ދުއްވާ އެއްޗެހީގެ އިތުރުން ހިނގާބިގާ މީހުންގެ ރައްކައުތެރިކަން ދެމެހެއްޓުމަށްޓަކައި ވަކި ގޮތަކަށް ތަރުތީބު ކުރެވިގެން ބެލެހެއްޓޭނެ އިންތިޒާމްތައް އަޅުގަނޑު ރާވާނަން.

ޓްރެފިކަށް ހައްލު ގެނައުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް ފުރިހަމައަށް އިޖާބަދީ، ގަވާއިދުތައް ހެދުމާއި ތަންފީޒު ކުރުމަށް އަޅުގަނޑު އިސްކަންދޭނަން.

މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ދައުލަތުގެ އެކި މުއައްސަސާތަކާއި އެކީ އިށީންނާނަން. ބޯހިޔާވަހިކަމުގެ ދަތިތަކާ ގުޅިފައިވާ އެކިއެކި ކަންކަމަށް ހައްލު ހޯދައިދެވޭތޯ އެކިއެކި އަވަށްތައް ވަކިވަކިން އަޅުގަނޑު މި ގެންދަނީ މައްސަލަތައް ނޯޓު ކުރަމުން. އަދި ކޮންމެ އަވަށެއްގައި ފަސޭހަކަމާ އެކީގައި ރައްޔިތުންނަށް ހިދުމަތް ދެވޭނެ އިންތިޒާމްގެ ވިއުގައެއް އަޅުގަނޑުގެ ރޭވުމުގައި ހިމަނާނަން. މި ކަންކަމަށް ހައްލު ހޯދުމުގައި ކެމްޕޭންގައި ރައްޔިތުން ދެއްވާ ހިޔާލުތަކަށް އަޅުގަނޑު ފަށްފަށުން ޝުކުރު ދަންނަވަން.

މަގުތައް ތޮއްޖެހުމުގެ މައްސަލައަކީ މާލޭގެ ރައްޔިތުންނަށް ހައްލެއް ބޭނުންވާ އެންމެ ބޮޑު އެއް ކަންތައް. މޫސާ ޖަލީލްގެ މޭޔަރުކަމުގައި މަގުތައް މެނޭޖު ކުރައްވަން ގެންގުޅުއްވާނެ އުސޫލުތަކަކީ ކޮބައިތޯ؟

ޕީއެންސީ އޮފީހުގައި ބޭއްވި ހަރަކާތެއްގައި ރައީސް މުއިއްޒު، މޫސާ ޖަލީލާ ވާހަކަފުޅު ދައްކަވަނީ.
ޕީއެންސީ އޮފީހުގައި ބޭއްވި ހަރަކާތެއްގައި ރައީސް މުއިއްޒު، މޫސާ ޖަލީލާ ވާހަކަފުޅު ދައްކަވަނީ.

މިހާރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ މޯލްޑިވްސް 2.0 އާއި އެލައިންވޭތޯ އަޅުގަނޑު މަސައްކަތް ކުރާނަން ޓްރެފިކް ލައިޓް، ސައިންތައް، އަދި މަގުތައް ބެލެހެއްޓުމުގައި ވެސް ޑިޖިޓަލް ސާވިސް އެކުލެވޭ ކަހަލަ ގޮތަކަށް.

އަޅުގަނޑު އެންމެ ބޮޑު އިސްކަމެއް ދޭނީ ރައްޔިތުންގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދީ ދެމެހެއްޓުމަށް. އެގޮތުން މަގުތަކާއި އިމާރާތްތަކުގެ ރައްކައުތެރިކަން ދެމެހެއްޓުމަށް ބޭނުންވާ ބިލްޑިން ކޯޑު، ފަޔާ ކޯޑު ފަދަ ސަލާމަތްތެރިކަން ދެމެހެއްޓުމަށް ހަދަންޖެހޭ ގަވާއިދުތައް ހަދައި، ތަންފީޒު ކުރުމުގެ އިންތިޒާމްތައް ރޭވޭނެ. ހާއްސަ ޓާސްކް ފޯސްތަކެއް އުފައްދައި،  ސަލާމަތްތެރިކަން ފޯރުކޮށްދިނުމަށް 24 ގަޑިއިރުގެ ހިދުމަތް ދެވޭނެ އިންތިޒާމްތައް ރޭވޭނެ. މި މަސައްކަތުގައި ފުލުހުންގެ އެހީތެރިކަން އިތުރުކޮށް ބައިވެރިކުރުމަށް އަޅުގަނޑު މިގެންދަނީ ވިސްނަމުން.

މާލެ ސިޓީ ކައުންސިލްގެ ހިންގުމަށް ރަނގަޅު ބަދަލުތަކެއް ގެނެވޭނެ ވަރަށް ބޮޑަށް ގަބޫލުކުރެވޭ. އޭގެ ތެރޭގައި ކައުންސިލަރުން އިތުރަށް ހަރަކާތްތެރި ކުރުވުމާއި އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތައް އިތުރަށް ހަރުދަނާ ކުރައްވާނެ ވާހަކަ ކެމްޕެއިންގެ ތެރޭގައި ދައްކަވާކަން ފާހަގަވޭ. ކޮބައިތޯ މި ކަންކަން ކުރިމަގުގައި ރާވަން ގެންގުޅުއްވާ ވިސްނުންތަކަކީ؟

ތިޔަ ވިދާޅުވި ދެކަމަކީ ވެސް މިހާރު ލާމަރުކަޒީ ގާނޫނަށް ގެނެވުނު ބަދަލާ އެކު ކުރަންޖެހޭ ކަންކަން. އަޅުގަނޑުގެ މޭޔަރު ކަމުގައި ކޮންމެ ކައުންސިލަރަކީ ވަކި މައްސޫލިއްޔަތުތައެއް އެސައިން ކުރެވޭ، ޖަވާބުދާރީވަނިވި ބަޔަކަށް ހެދޭނެ.

އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ، އަންހެނުން ބާރުވެރިކުރެވުމުގެ ސިޔާސަތުގެ ދަށުން އެކަނބަލުންގެ ދައުރު ކައުންސިލްގެ ކަންކަން ނިންމުމުގައި އިތުރަށް ފުޅާކޮށް މުޅި ކައުންސިލްގެ ގަވާނަންސް އިތުރަށް ހަރުދަނާ ކުރެވޭނެ.

ލޯކަލް އިންތިހާބުގެ ކެމްޕެއިނާ ގުޅުވައިގެން ޕީއެންސީން އެންމެ ފަހުން މާލޭގައި ބޭއްވި ސައިކަލް ބުރުގައި ނައިބު ރައީސް ހުސައިން އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމާ އެކު، މޫސާ ޖަލީލް ބައިވެރިވެވަޑައިގަންނަވަނީ.
ލޯކަލް އިންތިހާބުގެ ކެމްޕެއިނާ ގުޅުވައިގެން ޕީއެންސީން އެންމެ ފަހުން މާލޭގައި ބޭއްވި ސައިކަލް ބުރުގައި ނައިބު ރައީސް ހުސައިން އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމާ އެކު، މޫސާ ޖަލީލް ބައިވެރިވެވަޑައިގަންނަވަނީ.

މިގޮތުން ކައުންސިލަރުންނާއި ޕްރޮފެޝަނަލް މުވައްޒަފުންގެ ގުޅުމާއި އޯގަނައިޒޭޝަނަލް ސްޓްރަކްޗަރަށް ގެންނަންޖެހޭ ބަދަލެއް އޮތްތޯ ބަލައި، ޓާސްކްފޯސްތައް ރުކުރުވާލުމުގެ މަސައްކަތް ކުރެވޭނެ. އޭގެ ބޭނުމަކީ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް އޮމާންކަމާ އެކީ ފޯރުކޮށްދިނުން. ދައުލަތުން ކައުންސިލްތަކާއި އ.ތ.މ ކޮމިޓީއަށް ދެއްވާ ބްލޮކް ގްރާންޓް އެންމެ އެދެވޭ ގޮތުގައި ބޭނުންހިފުމަށް އެކައުންޓިބިލިޓީ މެޝާތަކެއް ގާއިމް ކުރެވޭނެ. އަދި ލޯންގް ޓާމް ޕްލޭނެއްގެ ދަށުން ކުރަން ބޭނުންވާ ކަންކަމުގެ ތެރެއިން މެދު އަދި ކުރުރާސްތާގައި ކުރަންޖެހޭ ކަންތައްތައް ކުރުމާއި ހިންގާންޖެހޭ މަޝްރޫއުތައް ވަކި ތާވަލެއްގެ ދަށުން ކުރެވޭނެ އިންތިޒާމް އަޅުގަނޑު ރާވާނަން. 

މަނިކުފާނުގެ އާއިލާގެ ބޭފުޅުން އަދި ގާތް އެކުވެރިންގެ ތެރެއިން ސިޔާސީ ގޮތުން ހިޔާލު ތަފާތު ފަރާތެއް އެބަވޭ. ސަޕޯޓް ހޯއްދެވުމުގައި ހުރަސްތައް ކުރިމަތިވޭތޯ؟

އަޅުގަނޑުގެ އަންހެނުން ޖަޒީލާ އާއި އާއިލާގެ ފަރާތުން ލިބޭ ސަޕޯޓަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން. އަޅުގަނޑުގެ މަންމަ ރަޒިއްޔާއަކީ ވެސް ކޮމިއުނިޓީ ހިދުމަތުގެ ތެރެއިން ވަރަށް ގިނަ ފަރާތްތަކެއްގެ ލޯބި ލިބިވަޑައިގެން ހުންނެވި ބޭފުޅެއް. އަޅުގަނޑުމެންނަކީ ގައުމުގެ ހާދިމުން. ގައުމުގެ ކަންކަން ރަނގަޅު ކުރުމުގައި ނުގުޑާ ފަދަ އަޒުމެއްގައި ދެމިތިބުމުގައި ކޮންމެ ދުވަހަކުމެ މި މަސައްކަތް ކުރެވެނީ. 

ހިޔާލު ތަފާތުވުމަކީ މައްސަލައެއް ނޫން. ގައުމު އާރާސްތު ކުރުމުގައި ބިނާކުރަނިވި ހިޔާލުތައް ނެރެވޭނީ ވެސް ތަފާތު ފިކުރުތަކުގެ ބޭފުޅުންގެ މަޝްވަރާގެ މަތީން. އެގޮތުން މި ކެމްޕެއިން ތެރެއިން ވަރަށް ގިނަ ތަފާތު އެކި ދާއިރާގެ ބޭފުޅުންނާ މިދަނީ ބައްދަލުކުރެވި ވާހަކަ ދެކެވެމުން.

މޫސާ އަލީ ޖަލީލް ޕީއެންސީގެ ކެމްޕެއިން ހަރަކާތެއްގައި
މޫސާ އަލީ ޖަލީލް ޕީއެންސީގެ ކެމްޕެއިން ހަރަކާތެއްގައި

އަޅުގަނޑަށް ރައްޔިތުން ކުރައްވާ އިތުބާރާއި ދެއްވާ އިހުތިރާމަށް ފަށްފަށުން ޝުކުރު ދަންނަވަން. ކޮންމެ ފިކުރެއްގެ ބޭފުޅަކާ އެކު ވެސް އަޅުގަނޑަށް މުއާމަލާތު ކުރެވޭނެ. ﷲ އިރާދަފުޅުން ހުރަހެއް ނެތް. މާލެ ސީޓީއަކީ އަޅުގަނޑުމެން އެންމެންގެ ކެޕިޓަލް ސިޓީ. ވަރަށް ގިނަ ފަރާތްތަކެއްގެ މިންނެތް ބުރަ މަސައްކަތުން މި ސިޓީ ﷲ އިރާދަކުރެއްވީތީ މިހާރު މި އޮތީ ވަރަށް ވައިބްރަންޓް އަދި އިގުތިސާދީ ވިންދު ބާރު މިނެއްގައި ޖަހާތަނަކަށް ހެދިފައި.

އަޅުގަނޑުގެ އުންމީދަކީ މި ސިޓީގައި ރަނގަޅު ކުރަން ހުރި ކަންކަން ބާރު ސްޕީޑެއްގައި ކުރިއަށް ގެންގޮސް ރައްޔިތުން އެދޭ ފަދަ ހެޔޮ ބަދަލުތަކެއް ގެނެސްދީ، ދުޅަހެޔޮ މާހައުލެއް އެ ރައްޔިތުންނާއި މާލެ ސިޓީ އަށް ޒިޔާރަތްކުރާ ކޮންމެ މީހަކަށް ހޯދައިދިނުން. މާލެ އިތުރަށް ފެހިކުރުމާއި ފަހިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ވިޝަންއަށް ދިރުން ގެނެވޭނީ އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތް ކޮށްގެން. އެއީ ކޮންމެ ފިކުރެއްގެ ބޭފުޅެއް ކަމުގައި ވިޔަސް އަޅުގަނޑު އިސްކުރާނީ އެންމެ ފުރަތަމަ ގައުމު.

ނޯޓް: މިއީ ލޯކަލް އިންތިހާބުގެ ކެމްޕެއިނަށް ޕީއެންސީ އަށް ވިޔަފާރި އުސޫލުން ހާއްސަ ކޮށްފައިވާ އިންޓަވިއުއެކެވެ.