އައްޑޫގެ ކުރިމަގަކީ އެ ސިޓީން ބޭރުގައި ހިނގާ ސިޔާސީ ކަންކަމުގެ މައްޗަށް ބިނާވެފައިވާ ކަމަކަށް ވެގެން ނުވާނެ ކަމަށާއި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަކީ ގާބިލް ލީޑަޝިޕެއް ހޮވުމަށް އޮތް ރަނގަޅު ފުރުސަތަކަށް ހަދަން ޖެހޭ ކަމަށް ޕީއެންސީގެ ޓިކެޓުގައި އައްޑޫގެ މޭޔަރަކަށް ވާދަކުރައްވާ މުޝްރިފް އަލީ ވިދާޅުވެއްޖެ އެވެ.
މާދަމާ ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ގުޅިގެން އައްޑޫގައި މިހާރު ކުރިއަށްދާ ސިޔާސީ ހަރަކާތްތަކަށް އިޝާރާތް ކުރައްވައި، މުޝްރިފް ވިދާޅުވީ އައްޑުއަކީ ސިޔާސީ ބޮޑެތި ވާދަވެރިކަންތަކުގެ ބައެއްގެ ގޮތުގައި ބޭނުން ކުރެވޭނެ ތަނެއް ނޫން ކަމަށެވެ.
އަދި މާދަމާ ބާއްވާ ލޯކަލް އިންތިހާބަކީ ސީދާ އައްޑު އާއި އެ ސިޓީގެ ރައްޔިތުންނާއި ސިޓީގެ ކުރިމަގު ގުޅިފައިވާ މުހިންމު ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
މުޝްރިފް އެހެން ވިދާޅުވީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އަމާޒުކޮށް، އިދިކޮޅު އެމްޑީޕީގެ އިސް ފަރާތްތަކުގެ މެދުގައި ސިޔާސީ ގޮތުން ނުފޫޒު ގަދަކުރުމުގެ ވާދަވެރިކަން އިތުރުވަމުންދާ ދަނޑިވަޅެއްގަ އެވެ. ވަކި ބޭފުޅެއްގެ ނަން ހާމަނުކުރައްވައި މުޝްރިފް ވިދާޅުވީ، ސިޔާސީ ޕާޓީތަކުން ކެންޑިޑޭޓުން ނެރޭއިރު، އެ މީހެއްގެ ގާބިލުކަމާއި ރައްޔިތުންގެ އިތުބާރަށް ބަލަން ޖެހޭނެ ކަމަށެވެ.
"ރަނގަޅު އަދި ގާބިލު މީހަކު ކުރިމަތިލެއްވުމަކީ ކޮންމެ ސިޔާސީ ޕާޓީއެއްގެ މައްޗަށް ލާޒިމުކުރާ ކަމެއް. އެއީ ރައްޔިތުންނަށް ލިބެންޖެހޭ ހައްގެއް،" މުޝްރިފް ވިދާޅުވި އެވެ.
އައްޑޫގެ ބައެއް މީހުން ވަނީ މިކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ރަށު ފެންވަރުގައި ނިންމާ ނިންމުންތަކަކީ ސިޔާސީ ބޮޑެތި ރޭވުންތަކުގެ ނުފޫޒު ފޯރާ ކަންކަމަށް ވެގެން ނުވާނެ ކަމަށް އެ މީހުން ދެކެ އެވެ. އެގޮތުން، ސަރުކާރާ މެދު އޮންނަ ހިތްހަމަނުޖެހުމެއްގެ ސަބަބުން އެކަނި ވަކި ގޮތަކަށް އަމަލުކުރަން ރައްޔިތުންނަށް މަޖުބޫރު ވެގެން ނުވާނެ ކަމަށާއި އައްޑުއަކީ އެހެން ކަމަކާ ގުޅޭ މެސެޖެއް ދިނުމަށް ބޭނުންކުރާ "ހަތިޔާރަކަށް" ހެދުމަށް ވުރެ މާ މުހިންމު ތަނެއް ކަމަށް އައްޑޫގެ ރައްޔިތަކު ބުންޏެވެ.
މީގެ އިތުރުން، އިންތިހާބުކުރާ ކައުންސިލަކީ ފަސް އަހަރުގެ ދައުރަކަށް އަންނަ ބަޔަކަށް ވާތީ، މިއީ އައްޑޫ އެންމެ ފުރިހަމަ ގޮތުގައި ހިންގޭނެ ފަރާތްތަކަށް އިސްކަންދީގެން ނިންމަންޖެހޭ ނިންމުމެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ފާހަގަކުރެ އެވެ.
ކެމްޕޭން ފޯރިއާ އެކު ކުރިއަށްދާއިރު، މުޝްރިފްގެ އިލްތިމާސަކީ ބޭރުގެ ސިޔާސީ އޮއިވަރުތަކަށް ބެލުމުގެ ބަދަލުގައި، ގާބިލުކަމާއި ޒިންމާދާރުކަމުގެ މައްޗަށް ބިނާކޮށް އައްޑޫގެ ކުރިމަގު ކަނޑައެޅުމެވެ. އޭނާ ބާރު އަޅުއްވަނީ މިއީ ދުރު މުސްތަގުބަލަށް އަމާޒުކޮށްގެން ސިޓީ ފެންވަރުގައި ނިންމަންޖެހޭ މުހިންމު ނިންމުމަކަށް ހަދައި ދިނުމަށެވެ.