ޝެރީނާ ސޯލިހު (ޝެރީ) އަކީ އައްޑޫ ސިޓީ އަށް އުފަން އައްޑޫގެ ރައްޔިތެއް، މައެއް، އަދި މުޖްތަމައުއަށް ހިދުމަތްކުރުމުގައި ހީވާގި ކަނބަލެކެވެ. ތައުލީމީ ދާއިރާ އާއި ވިޔަފާރީގެ ދާއިރާއިން ޝެރީ ހޯދާފައިވާ ކުރިއެރުންތަކަށް ބެލިކަމުގައި ވިޔަސް އޭނާއަކީ ދުރުގައި މަންޒަރު ބަލަން ހުރުމުގެ ބަދަލުގައި ކުރީ ސަފަށް ނުކުމެ މަސައްކަތް ކުރާނެ މީހެއްކަން އެނގެ އެވެ.
ޝެރީ ވަނީ ބެޗެލާ އޮފް އާޓްސް، މާކެޓިން އެންޑް މެނޭޖްމަންޓް ކޯސް ފުރިހަމަކޮށް، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން މާސްޓާސް ވެސް ހާސިލްކޮށްފަ އެވެ.
ތައުލީމު ހާސިލްކުރުމަށް ފަހު، ޝެރީ އަންނަނީ ވިޔަފާރީގެ ދާއިރާ އިން ވެސް ކުރިއެރުންތައް ހޯދަމުންނެވެ. އެގޮތުން 2020 ވަނަ އަހަރުން ފެށިގެން ކޭކް އަޅައި ޑިޒައިން ކުރުމާއި 2023 ވަނަ އަހަރުން ފެށިގެން ޑިޒައިން، މާކެޓިން އަދި ޑިޖިޓަލް ސްޓްރެޓެޖީގެ ހިދުމަތް ދޭ ކުންފުންޏެއް ހިންގުމުގެ އިތުރުން 2016 އިން 2018 އަށް ޝެރީ ވަނީ އޮންލައިން ފިހާރައެއް ވެސް ހިންގައިފަ އެވެ.
ކައުންސިލަށް ވާދަކުރަން ނިންމީ ރައްޔިތުން ބާކީ ވިޔަ ނުދޭން
އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޓިކެޓުގައި ހިތަދޫ ބޭރުމަތި ދާއިރާ އަށް ވާދަކުރަން ނިންމި ސަބަބު ހިއްސާ ކުރަމުން ޝެރީ ބުނި ގޮތުގައި، އޭނާގެ އަމާޒަކީ ސިޔާސީ ކޯޅުމުގެ ތެރެއިން އައްޑޫގެ ރައްޔިތުން ބޭނުންވާ ތަރައްގީ މިހާރު މަޑުޖެހިފައި އޮތް އޮތުން ބަދަލުކުރާށެވެ.
"ތައުލީމު ހާސިލުކުރުމަށް ފަހު ރާއްޖޭން ބޭރުގައި 15 އަހަރު ހޭދަކޮށްފައި އަނބުރާ ރަށަށް ބަދަލުވިއިރު، އެދެވޭ ބައެއް ބަދަލުތައް ފެންނަން ހުއްޓަސް އެހާ ދިގު މުއްދަތަކާ އަޅާބަލާއިރު، އަންނަންޖެހޭ ފެންވަރުގެ ތަރައްގީއެއް ފެންނާކަށް ނެތް،" ޝެރީ ބުންޏެވެ.
"މިކަމާ މެދު އަބަދުވެސް ސުވާލު އުފެދޭ. އަދި މި ރަށާއި މުޅި އައްޑު އަށް ވެސް މި އަށް ވުރެ މާ ފުރިހަމަ، ތަފާތު ބަދަލުތަކެއް ގެނެވިދާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ."
އޭނާ ބުނި ގޮތުގައި ތިން ކުދިންގެ މައެއްގެ ހައިސިއްޔަތުން އައްޑޫގެ މުސްތަގުބަލާ މެދު ވިސްނާލާއިރު މިހާރު ފެންނަނީ ކަންބޮޑުވާންޖެހޭ މަންޒަރެކެވެ. ސިޔާސީ ފިކުރުގެ ތަފާތުތަކުގައި އެއްބަޔަކު އަނެއްބަޔަކާ އަރައިރުންވުމުގައި ވަގުތުތައް ބޭކާރުވަމުން ދާއިރު، ރައްޔިތުންނަށް ލިބެންޖެހޭ ހަމަޖެހުމާއި ތަރައްގީ އޮތީ އަޅާނުލެވި ދޫކޮށްލެވިފައި ކަމަށް ޝެރީ ގަބޫލުކުރެ އެވެ.
"އަޅުގަނޑުގެ އުއްމީދަކީ ދަރިންނަށް އަމާން، ހަލަބޮލިކަމެއް ނެތް މާހައުލެއް ހޯދައިދިނުން. އެހެންކަމުން އަޅުގަނޑަށް ލިބިފައިވާ އިލްމާއި ތަޖުރިބާގެ ބޭނުން ހިފައިގެން އައްޑޫ ސިޓީ ހެޔޮ މިސްރާބަކަށް ގެންދިއުމުގައި މުހިންމު ދައުރެއް އަދާކުރެވޭނެ ކަމުގެ ފުރިހަމަ އިތުބާރު އޮތުމުން މި ފުރުސަތުގެ ބޭނުން ހިފަން ގަސްދުކުރީ،" ޝެރީ ބުންޏެވެ.
ޝެރީގެ ނަޒަރުގައި އައްޑޫގެ ތަރައްގީ ލަސްވާ ސަބަބުތައް
ޝެރީ ދެކޭގޮތުގައި، އައްޑޫގެ ތަރައްގީ އަށް އޮތް އެންމެ ބޮޑު ހުރަހަކީ ސިޔާސީ ގޮތުން ބައިބައިވެފައި އޮތުމެވެ. ސިޔާސީ ގޮތުން އެއް ޕާޓީއަށް ވުރެ އަނެއް ޕާޓީ މޮޅުވާން މަސައްކަތް ކުރާއިރު، ރައްޔިތުންގެ ހައްގުތަކާއި ތަރައްގީ އޮންނަނީ އަޅާނުލެވި ދޫކޮށްލެވިފައި ކަމަށް އޭނާ ބުންޏެވެ.
"ގިނަ ސިޔާސީ ބޭފުޅުންގެ ހޮވޭ ދުވަހުން ފެށިގެން ވެސް ފޯކަސް މި ކުރަނީ ދެން އަންނަ އިންތިހާބެއް ކާމިޔާބު ކުރުމަށް. މިކަމުގެ ނަތީޖާއަކީ ރައްޔިތުންގެ ލާބަ އަށް ވުރެ ސިޔާސީ މަންފާ ކުރިއަށް ނެރުން،" ޝެރީ ބުންޏެވެ.
ޝެރީ ތަފާތު ވަނީ ކީއްވެ؟
ކައުންސިލަށް ވާދަކުރަން ޝެރީ ނިންމީ ސިޔާސީ ޕާޓީއެއް ކުރިއަރުވައި ސިޔާސީ ގޮތުން މަންފާއެއް ހޯދާކަށް ނޫނެވެ. ކައުންސިލަށް ކުރިމަތިލާން ލިބުނު ފުރުސަތުގެ ބޭނުންހިފައި ވާދަކުރަން ނިންމީ ޝެރީ ބުނި ގޮތުގައި އޭނާގެ ތަޖުރިބާ އާއި އާ ހިޔާލުތަކުގެ ބޭނުން ހިފައިގެން އައްޑު އަށް މި އަށް ވުރެ ފާގަތި މާދަމާއެއް ހޯދައިދިނުމަށެވެ.
"އަޅުގަނޑަކީ ސިޔާސީ މަގާމަކަށް ކުރިމަތިލުމުގެ އެއްވެސް ރޭވުމެއް ކުރިން އޮތް މީހެއް ނޫން. އަބަދު ވެސް އަޅުގަނޑު އެދެނީ އަޅުގަނޑުގެ އާއިލާ އަށާއި އައްޑޫގެ ހުރިހާ އާއިލާތަކަށް ވެސް ފެންވަރު ރަނގަޅު، ހިތްހަމަޖެހޭ ދިރިއުޅުމެއް ލިބުން،" ޝެރީ ބުންޏެވެ.
ކައުންސިލަށް ހޮވިއްޖެ ނަމަ ދެވަނަ ދައުރެއް ހޯދަން މަސައްކަތް ފެށުމަކީ ޝެރީގެ ވިސްނުމެއް ނޫނެވެ. އޭނާއަކީ ސިޔާސީ މަންފާއެއް ނެތި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާނެ ކަނބަލެއްކަން ދެއްކުމަށް ޝެރީ ބޭނުންވަނީ އެންމެ ދައުރެކެވެ.
"އަޅުގަނޑުގެ އޮތީ އެންމެ ދައުރެއް. ދެވަނަ ދައުރަކަށް ނުވަތަ އިތުރު ސިޔާސީ މަގާމަކަށް ކުރިމަތިލުމުގެ އެއްވެސް ވިސްނުމެއް އަދި ނެތް. މިއީ ސިޔާސީ ދާއިރާގެ އެހެން ބޭފުޅުންނާ އަޅުގަނޑު މުޅިން ތަފާތުވާ ކަމަކީ. އަޅުގަނޑުގެ މަގްސަދަކީ މަގާމުގައި ދެމިހުރުމެއް ނޫން، ހަމައެކަނި އިހްލާސްތެރިކަމާ އެކު ހިދުމަތް ކުރުން،" ޝެރީ ބުންޏެވެ.
ކައުންސިލާ މެދު ރައްޔިތުންގެ ތަސައްވުރު ބަދަލުކޮށްލާނެ
ހިތަދޫ ބޭރުމަތީގެ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ޝެރީގެ ތަސައްވުރަކީ، އައްޑޫ ސިޓީގެ ކައުންސިލަކީ ދެފުށް ފެންނަ، ހަރުދަނާ ނިޒާމެއްގެ ދަށުން ހިނގާ އިދާރާއަކަށް ހެދުމެވެ. ވަކި ޕާޓީއެއް ކުރިއަރުވަން މަސައްކަތް ކުރުމުގެ ބަދަލުގައި ޝެރީ މަސައްކަތް ކުރާނީ ކައުންސިލް ތެރެއިން ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް ބޭނުންވާ ތަރައްގީ ގެނެސްދިނުމަށެވެ.
އަދި ލިބިފައިވާ ތައުލީމާއި ތަޖުރިބާގެ އަލީގައި ކައުންސިލްގެ ހިންގުން ހަރުދަނާކޮށް، އައްޑޫގެ ރައްޔިތުންނަށް ކައުންސިލުން ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަކީ ޝެރީގެ އަމާޒެވެ.
ހަރުދަނާ ހިންގުންތެރިކަން
ޝެރީ ބުނި ގޮތުގައި އޭނާގެ އެންމެ މުހިންމު އެއް ދައުރަކީ ބޭރުމަތި ދާއިރާގެ ރައްޔިތުންނާއި ކައުންސިލާ ދެމެދު އޮންނަ ގުޅުން ވަރުގަދަކޮށް، ދާއިރާގެ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދައިދިނުމަށް ކައުންސިލް މެދުވެރިކޮށް މަސައްކަތް ކުރުމެވެ.
ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުން
ކައުންސިލަށް ގެންނަން ޝެރީ ވިސްނާފައިވާ ބަދަލުތަކުގެ ތެރޭގައި، އައްޑޫގެ ރައްޔިތުންގެ ތަކުލީފުތައް ކުޑަކޮށް، އައްޑޫ ސިޓީ ކައުންސިލުން ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމައްޓަކައި ޒަމާނީ، ޑިޖިޓަލައިޒްޑް ކައުންސިލެއް ގާއިމްކުރުން ހިމެނެއެވެ. އައްޑޫ ސިޓީގެ ތަރައްގީއަކީ ޒަމާނީ އަދި ދެމެހެއްޓެނިވި ތަރައްގީއަކަށް ހެދުމަށް، ގްލޯބަލް ބެސްޓް ޕްރެކްޓިސްއަށް ކައުންސިލުން އަމަލުކުރުމަށް ޝެރީ ވަކާލާތުކުރާނެ އެވެ.
ކުދި ވިޔަފާރިތައް ތަރައްގީކޮށް ކުރިއެރުވުން
ޝެރީގެ ވިސްނުމަކީ އަމިއްލަ ތަޖުރިބާގެ އަލީގައި، ކުދި ވިޔަފާރިތަކާއި ގޭގައި ތިބެގެން މަސައްކަތްކުރާ މީހުން ވަކިން ހާއްސަކޮށް އަންހެނުންނަށް ހުރި ހުރަސްތައް ނައްތާލައި، ތަމްރީނު ޕްރޮގްރާމްތައް މެދުވެރިކޮށް އެފަރާތްތަކަށް އެހީތެރިވާނެ ކައުންސިލެއް ބިނާކުރުމެވެ.
ތަރައްގީ އާއި ނަތީޖާ ބޭނުން ނަމަ ހޮވަންވީ ޝެރީ
ޝެރީ ތަކުރާރުކޮށް ފާހަގަކުރި ގޮތުގައި އޭނާ ބޭނުންވަނީ ސިޔާސީ ކެރިއާއެއް ބިނާކޮށް ސަރުކާރުން ޖާގަ ހޯދުމެއް ނޫނެވެ. ހަމައެކަނި އަމާޒަކީ ބޭރުމަތި ދާއިރާއަށާއި އައްޑު އަށް ހިދުމަތްކޮށް ނަތީޖާ ނެރެދިނުމެވެ. ޕާޓީތަކުގެ ކޯޅުމުގެ ތެރެއިން، އައްޑޫގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަން އަޅާނުލެވި ދޫކޮށްލެވިފައި އޮތްއިރު، މިއީ، ސިޔާސީ ބާރުވެރިކަމާ މެދު ވިސްނުން ހުއްޓާލައި، އައްޑޫ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތް ކުރަންވީ ވަގުތު ކަމަށް އޭނާ ބުންޏެވެ.
"ހިތަދޫ ބޭރުމަތި ރައްޔިތުން އަޅުގަނޑު ހޮވަންވީ ސަބަބަކީ، އައްޑޫގެ މުސްތަގުބަލާ މެދު އަޅުގަނޑުގެ ހިތުގައި އޮތް އިހުލާސްތެރި ކަންބޮޑުވުން. މިއަދު އަޅުގަނޑުމެން އައްޑު އަށް ބޭނުންވަނީ ސިޔާސީ ހަލަބޮލިކަމުގެ ބަދަލުގައި، ރައްޔިތުންނަށް ހަމަޖެހުމާއި ނަތީޖާ ނެރެދޭނެ ފަދަ އާ ވިސްނުމެއް،" ޝެރީ ބުންޏެވެ.
އޭނާ ބުނީ ރައްޔިތުންގެ އެއްބާރުލުމާ އެކު، ކައުންސިލަށް އިންތިހާބުވެއްޖެ ނަމަ، ރަށުގެ ތަރައްގީ މަޑުޖެހިފައި އޮތް އޮތުން ބަދަލުކޮށް، އޭނާއަށް ލިބިފައިވާ އިލްމާއި ހުނަރުގެ ބޭނުން ހިފައިގެން ރައްޔިތުންނަށް އެންމެ ފުރިހަމައަށް ހިދުމަތް ކޮށްދޭނެ ކަމަށެވެ.
"އަޅުގަނޑުގެ އަމާޒަކީ އައްޑޫއަކީ އެންމެންނަށް ވެސް އަމާން، ފުރުސަތުތައް ތަނަވަސް ތަނަކަށް ހެދުން. އަޅުގަނޑު ބޭނުންވަނީ އަމަލީ ގޮތުން މަސައްކަތްކޮށް، މި ސިޓީ އަށް ހެޔޮ ބަދަލެއް ގެނެސްދޭން،" ޝެރީ ބުންޏެވެ.
"އަދި ވަކިން ހާއްސަކޮށް، އަޅުގަނޑު އަބަދުވެސް ބަލާނީ ރައްޔިތުންގެ މަސްލަހަތު އިސްކޮށް، ރައްޔިތުން ފަޚުރުވެރިވާ ފަދަ ކައުންސިލަރަކަށް ވެވޭތޯ."
ނޯޓް: މިއީ ލޯކަލް އިންތިހާބުގެ ކެމްޕެއިނަށް ޕީއެންސީ އަށް ވިޔަފާރި އުސޫލުން ހާއްސަ ކޮށްފައިވާ އިންޓަވިއުއެކެވެ.