ލާމަރުކަޒީ ނިޒާމަކީ އިދިކޮޅު އެމްޑީޕީގެ "ދަރިއެއް" ކަމަށް އެ ޕާޓީން ބުނަމުން އައި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށާއި "ލާމަރުކަޒީ" ގެ ނަން ވެސް ފުރަތަމަ އިވުނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން ކަމަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) ރޭ ވިދާޅުވެއްޖެ އެވެ. 

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ޕީއެންސީގެ ކެމްޕެއިން ޖަގަހައެއް މާލޭގައި ހުޅުވުމަށް ބޭއްވި ހަފުލާގައި ސަލީމް ވިދާޅުވީ ލާމަރުކަޒީ ނިޒާމާ ގުޅޭ ވާހަކަތައް ރާއްޖޭގައި އެންމެ ފުރަތަމަ ވެސް ފެއްޓެވީ މައުމޫންގެ ސަރުކާރުން ކަމަށެވެ. 

"ރައީސް މައުމޫންގެ ދުވަސްވަރުގައި ހަގީގަތުގައި މިކަން ފެށިގެން އައީ. ފުރަތަމަ ލާމަރުކަޒީ މި ނަން ވެސް އަޅުގަނޑުމެންނަށް އިވިގެން ދިޔައީ ވެސް ރައީސް މައުމޫންގެ ދޫފުޅުން،" މައުމޫންގެ ވެރިކަމުގައި އެޓޮލްސް މިނިސްޓްރީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ސަލީމް ވިދާޅުވި އެވެ. 

އޭނާ ވިދާޅުވި ގޮތުގައި ލާމަރުކަޒީ ނިޒާމާ ގުޅޭ މަސައްކަތްތައް އެންމެ ފުރަތަމަ ފެއްޓެވީ މައުމޫންގެ ވެރިކަމުގައި ގިނަ ދުވަސްތަކެއް ވަންދެން އެޓޮލްސް މިނިސްޓަރުކަން ކުރެއްވި އަބްދުﷲ ހަމީދެވެ. އޭގެ ފަހުން އެ މިނިސްޓްރީގެ މިނިސްޓަރުކަން ކުރެއްވި އިލްޔާސް އިބްރާހިމް ވެސް ލާމަރުކަޒީ ނިޒާމާ ގުޅޭ ކަންކަން ކުރެއްވި ކަމަށް ސަލީމް ވިދާޅުވި އެވެ.

"އޭގެ ފަހުގައި އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ވަހީދުއްދީން [އެޓޮލްސް މިނިސްޓަރު] ވަރަށް ބުރަ މަސައްްކަތްޕުޅެއް ކުރެއްވީ މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް ގާތްގަނޑަކަށް ވަޑައިގެން މި ނިޒާމު ގާއިމް ކުރުމަށްޓަކައި،" އޭނާ ވިދާޅުވި އެވެ. 

"އެހެންވީމާ މިހެން އޮތް އެއްޗެއް މިއީ. ތިމަންނަމެންގެ އެއްޗެކޭ ކިޔައިގެން ވާހަކަ ދައްކާއިރު މި މީހުން [އެމްޑީޕީ] ލަދުގަންނަން ޖެހޭނެ. މި މީހުންނަކީ އެއްވެސް ހާލެއްގައި މިކަހަލަ އެއްވެސް ނިޒާމެއް ގަބޫލުކުރާަ ބައެއް ނޫން." 

ޕީއެންސީގެ މައްޗަންގޮޅި އުތުރު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުވުމަށް ރޭ ބޭއްވި ރަސްމިއްޔާތަށް ފަހު ފަސްޓް ލޭޑީ ސާޖިދާ އެހެން ބޭފުޅުންނާ އެކު ފޮޓޯއެއް ނަންގަވަނީ.
ޕީއެންސީގެ މައްޗަންގޮޅި އުތުރު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުވުމަށް ރޭ ބޭއްވި ރަސްމިއްޔާތަށް ފަހު ފަސްޓް ލޭޑީ ސާޖިދާ އެހެން ބޭފުޅުންނާ އެކު ފޮޓޯއެއް ނަންގަވަނީ.

ސަލީމް ވިދާޅުވި ގޮތުގައި ލާމަރުކަޒީ ނިޒާމަކީ މިހާރު ވެރިކަންކުރާ ޕާޓީ، ޕީއެންސީގެ ނިޒާމެކެވެ.

އެމްޑީޕީގެ ޓިކެޓުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަން ކުރެއްވި ތިން އަހަރު ވެސް މަސައްކަތްޕުޅު ކުރެއްވީ ލާމަރުކަޒީ ނިޒާމު "ފުނޑާލަން" ކަމަށް ސަލީމް ވިދާޅުވި އެވެ.

ނަޝީދު އޭރު ކުރެއްވި ކަމަކީ ސަލީމް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ހިންގުމުގެ ނިޒާމު ހަތް ބަޔަކަށް ބަހާލައި، ޕްރޮވިންސް ނިޒާމު ގާއިމްކޮށް ކޮންމެ ޕްރޮވިންސެއް ހިންގަން ހާއްސަ މީހަކު ހަމަޖެއްސުމެވެ.

"އެހެންވީމާ އަޅުގަނޑުމެން މި ދަންނަވަނީ މި ކަމަކީ ހަގީގަތުގައި މި ޕާޓީގެ [ޕީއެންސީ] ކަމެކޭ. ލާމަރުކަޒީ ނިޒާމު ފުރިހަމަ ދެން ވެސް ކުރާނީ މި ޕާޓީންނޭ،" އޭނާ ވިދާޅުވި އެވެ. 

ސަލީމް ވިދާޅުވީ، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވުރެ ބޮޑަށް ލާމަރުކަޒީ ނިޒާމުގެ ތަޖުރިބާ ހުންނެވި ބޭފުޅަކު ނުހުންނަވާނެ ކަމަށެވެ. ހާއްސަކޮށް މިހާރު ވެރިކަމުގައި ހުންނެވީ މާލޭގެ ކުރީގެ މޭޔަރުކަން ވެސް ކުރެއްވި ރައީސް މުއިއްޒު ކަމަށް ވާތީ ލާމަރުކަޒީ ނިޒާމު ރަނގަޅަށް ހިންގޭނެ އެހެން ބޭފުޅަކު ނެތް ކަމަށް ވިދާޅުވި އެވެ. 

ޕީއެންސީގެ މައްޗަންގޮޅި އުތުރު ދާއިރާގެ ކެމްޕެއިން ޖަގަހަ ފަސްޓް ލޭޑީ ސާޖިދާ ރޭ ހުޅުއްވަްއި ދެއްވަނީ
ޕީއެންސީގެ މައްޗަންގޮޅި އުތުރު ދާއިރާގެ ކެމްޕެއިން ޖަގަހަ ފަސްޓް ލޭޑީ ސާޖިދާ ރޭ ހުޅުއްވަްއި ދެއްވަނީ

"އަޅުގަނޑު ވެސް ގާތްގަނޑަކަށް 45 އަހަރު ވީ މި ދާއިރާގައި މަސައްކަތް ކުރާތާ. ނާސިރުގެ ދައުރުން ފެށިގެން މިއަދާ ހަމައަށް އެތައް ވެރިންނެއް އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ. ނަމަވެސް އަޅުގަނޑުމެންނަކަށް މިއަދުގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒުހާ ރައްޔިތުންނާ ގާތުން އަދި ރައްޔިތުންނަށް ހެޔޮއެދޭ އަދި އަޅުގަނޑުމެން ވެސް ގަބޫލުކުރާ ހަމަތަކެއް ހުންނަ ބޭފުޅެއް ހަމަގައިމު ވެސް އަޅުގަނޑު ނުދެކެން،" ސަލީމް ވިދާޅުވި އެވެ. 

ސަލީމް ވިދާޅުވި ގޮތުގައި، އޭނާ ހުރިހާ ވެރިންނާ ވެސް ވަރަށް ގާތުގައި މަސައްކަތް ކުރެއްވި އެވެ. އެހެންވެ، ރައީސް މުއިއްޒުގެ ފަރާތްޕުޅުން ފެނިވަޑައިގަތީ ހުރިހާ ނިޒާމެއް ފުރިހަމަ ކޮށްދެއްވޭނެ ހަމައެކަނި ފަރާތުގެ ގޮތުގައި ކަމަށް ސަލީމް ވިދާޅުވި އެވެ.. 

ސަލީމް ރޭ ވަރަށް ޔަގީންކަމާ އެކު ވިދާޅުވީ، ރާއްޖޭގެ ތާރީހުގައި ޖެހިޖެހިގެން ރިޔާސީ ދެވަނަ ދައުރެއް އަދާކުރައްވާނެ ފުރަތަމަ ބޭފުޅަކަށް ވެސް ވާނީ ރައީސް މުއިއްޒު ކަމަށެވެ.