މި ރޯދަ މަހު ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ގޮވާމުގެ ބާވަތްތައް ބެހުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

ގޮވާން ނުވަތަ ހަނޑުލާއި ފުށުން ފިތުރު ޒަކާތް ބަލައިގަންނަން ފެށީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެންނެވެ.

އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގާ ޒަކާތު ހައުސް އިން ބުނީ ގޮވާމުގެ ބާވަތްތަކުން ޒަކާތް ބެހުމުގެ މަސައްކަތް މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް އެ ތަކެތި ބެހުން މާލޭގައި ހުންނަ ސީއެޗްއެސްއީގެ ހޯލުގައި ކުރިއަށްދާނެ ކަމަށެވެ.

އެ ތަކެތި ބެހުމަށް ނިންމާފައި ވަނީ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓަރވެފައިވާ ފަރާތްތަކުގެ ތެރެއިން މާލޭގައި ދިރިއުޅޭ މީހުންނަށެވެ.

ގޮވާމުން ފިތުރު ޒަކާތް ބަހާ ގަޑިތައް:

  • ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00އަށް 
  • މެންދުރު 13:00 އިން 15:00 އަށް

މި ރޯދަމަހުގެ ފުރަތަމަ 15 ގައި ފިތުރު ޒަކާތުގެ ގޮތުގައި 5،482،171ރ. ލިބިފައިވެ އެވެ.

އެއި މިދިޔަ އަހަރު އެ މުއްދަތުގައި ލިބުނު އަދަދާ އަޅާ ބަލާއިރު، 23 ޕަސެންޓް އިތުރު އަދަދެކެވެ. މިދިޔަ އަހަރު އެ މުއްދަތުގައި ލިިބިފައި ވަނީ 4,460,199ރ. އެވެ.