އިންތިހާބާ ބެހޭ މަރުކަޒާ ޖެހިގެން ހުރި އިމާރާތުގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ވޯޓާސް ފައިނަލް ލިސްޓުގައި ސޮއިކުރުން ހުއްޓާލުމަށް ފަހު، އަލުން އެ މަސައްކަތް ފަށައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ މައި މަރުކަޒު، ކުރީގެ ޑްރަގް ކޯޓާ ޖެހިގެން ހުރި ކެމިކަލް ގުދަނުގައި އަލިފާން ރޯވެ، އެ ސަރަހައްދުން މީހުން ހުސްކޮށް ވަގުތީ ހިޔާވަހިކަން ވަނީ ހަމަޖައްސައިފަ އެވެ. އެއާއެކު، މައި މަރުކަޒުގައި ކުރަމުން ދިޔަ ވޯޓާސް ފައިނަލް ލިސްޓުގައި ސޮއިކުރުމުގެ މަސައްކަތް ވެސް ވަގުތީގޮތުން މެދުކަނޑާލި އެވެ.

އެ ކޮމިޝަނުން ސޯޝަލް މީޑިއާގައި މިއަދު ކުރި ޕޯސްޓުގައި ބުނީ ލިސްޓުގައި ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުން ސޮއިކުރަން ސޯޝަލް ސެންޓަރުގައި ފަށާފައިވާ ކަމަށެވެ. 

އީސީގެ ރައީސް މުހައްމަދު ޒާހިދު ރޭ މީޑިއާތަކަށް ވިދާޅުވީ އެ ތިން އިންތިހާބަށް އެ ކޮމިޝަނުން ވަމުން އަންނަ ތައްޔާރީތަކަށް މި އަލިފާނުގެ ހާދިސާގެ ސަބަބުން އެއްވެސް ބުރުލެއް ނާރާނެ ކަމަށެވެ.

"އިންތިހާބީ މަރުކަޒުގައި ހުރި ހުރިހާ ލިޔެކިޔުންތަކާއި އިންތިހާބަށް ބޭނުންވާ ހުރިހާ ލިޔެކިޔުންތަކާއި އިކުއިޕްމަންޓްސް އާއި ހުރިހާ އެއްޗެއް މިހާރު އެ ހުރީ ސެކިޔޯކޮށް، އަޅުގަނޑުމެން ބޭރަށް ނެރެފައި،" ޒާހިދު ވިދާޅުވި އެވެ. 

"އެހެންވެ، އިންތިހާބުގެ އެއްވެސް ކަމަކަށް އެއްވެސް ބުރޫއެއް ނާރައި، އިރާދަކުރެއްވިއްޔާ ހަމަ ރޭވިފައި އޮތް ގޮތަށް އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އިންތިހާބު ކުރިއަށް ގެންދާނަން."