އިންތިހާބާ ބެހޭ މަރުކަޒާ ޖެހިގެން ހުރި އިމާރާތުގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ވޯޓާސް ފައިނަލް ލިސްޓުގައި ސޮއިކުރުން މެދުކަނޑައިލަންޖެހުމާ ގުޅިގެން، އެ ލިސްޓުގައި ސޮއި ކުރަން ދިން މުއްދަތު އިތުރުކޮށްދީފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ މައި މަރުކަޒު، ކުރީގެ ޑްރަގް ކޯޓާ ޖެހިގެން ހުރި ކެމިކަލް ގުދަނުގައި އަލިފާން ރޯވެ، އެ ސަރަހައްދުން މީހުން ހުސްކޮށް ވަގުތީ ހިޔާވަހިކަން ވަނީ ހަމަޖައްސައިފަ އެވެ.

އެއާ އެކު، އިންތިހާބީ މަރުކަޒުގެ މަސައްކަތްތައް ވަގުތީ ގޮތުން ސޯޝަލް ސެންޓަރަށް ބަދަލުކޮށް، ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުންގެ ފަރާތުން ވޯޓުލާ މީހުންގެ ލިސްޓުގެ  ސޮއިކުރުމުގެ މަސައްކަތް މިއަދު ހެނދުނު 10:00 ގައި ވަނީ ފަށާފަ އެވެ.

އީސީން މިއަދު ބުނީ، ވޯޓާސް ލިސްޓުގައި ސޮއި ކުރުމަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން މެންދުރު 1:00 ގެ ނިޔަލަށް ސޮއިކުރުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި މަސައްކަތަށް އެއްދުވަސް އިތުރު ކުރިނަމަވެސް، މި ރަޖިސްޓަރީގައި ސޮއިކުރުމުގެ މަސައްކަތް ކުރިއެކޭ އެއްގޮތަށް، މިއަދު ހެނދުނު 10:00 ހަވީރު 3:00 އަށް، އަދި ރޭގަނޑު 9:30 އިން 12:00 އަށް ސޯޝަލް ސެންޓަރުގައި ކުރިއަށްދާނެ ކަމަށް ވެސް އީސީން ބުންޏެވެ.

އިންތިހާބާ ބެހޭ މަރުކަޒު ހުރި ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އިންތިހާބާ ގުޅޭ އެއްވެސް ކަމަކަށް ބުރޫނާރާކަމުގެ ޔަގީންކަން އީސީން ވަނީ ދީފަ އެވެ.