އައްޑޫ ހިތަދޫގެ ހިއްކި ސަރަހައްދުގައި ބާރު ސްޕީޑުގައި ދުއްވި ކާރެއް ފުރޮޅާލައި އިއްޔެ ހަވީރު ހިނގި އެކްސިޑެންޓުގައި ހާލު ސީރިއަސްވި މީހާ އިތުރު ފަރުވާ އަށް މާލެ ގެނެސްފި އެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ އެ މީހާ އިތުރު ފަރުވާ އަށް މިއަދު ހެނދުނު މާލެ ގެނެސްފައިވާ ކަމަށެވެ. 

އުމުރުން 42 އަހަރުގެ އެ ފިރިހެން މީހާގެ ހާލު ސީރިއަސް ކަމަށާއި ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް ވެސް ޑޮކްޓަރުންނާ ހަވާލާދީ އައިޖީއެމްއެޗުގެ އޮފިޝަލް ވިދާޅުވި އެވެ.

އިއްޔެ ހަވީރު އެ ހާދިސާ ހިނގިއިރު ކާރުގައި ހަތަރު މީހަކު ތިއްބެވެ.

ފުލުހުން އިއްޔެ ބުނީ އެ އެންމެންނަށް ވެސް އެކި ވަރުގެ އަނިޔާ ވެފައި ވާއިރު އޭގެ ތެރެއިން ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ ޑްރައިވަރަށް ކަމަށެވެ.

އެ ހަތަރު މީހުންނށް ވެސް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ވަނީ ފަރުވާދިފަ އެވެ.

އާންމުވެފައިވާ ވީޑިއޯއެއްގައި ފެންނަ ގޮތުގައި އެކްސިޑެންޓުވި ކާރު ވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އެއީ ޓެކްސީއެއްގެ ގޮތުގައި ބޭނުންކުރާ ކާރެކެވެ.