ޓެކްސީލައިނަށް ޑްރައިވަރުން ހޯދަން އަނެއްކާވެސް ވޯކިން-އިންޓަވިއުއެއް މާދަމާ ކުރިއަށްގެންދަން އެމްޓީސީސީން ނިންމައިފި އެވެ.

މީގެ ކުރިން ވެސް ވޯކް-އިން އިންޓަވިއެއް ކުރިއަށް ގެންގޮސްފައިވާ އިރު، އެމްޓީސީސީން ކުރި އިއުލާނެއްގައިވާ ގޮތުގައި، 407 ޑްރައިވަރުން އެ ހިދުމަތަށް ބޭނުންވެ އެވެ. އޭގެ ތެރެއިން 122 ޑްރައިވަރުން ހޯދަނީ ޕާޓް ޓައިމްކޮށް މަސައްކަތްކުރާ ގޮތަށެވެ.

އެމްޓީސީސީން އިއްޔެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ އިންޓަވިއު އޮންނާނީ މާފަންނު ބަސް ޓާމިނަލުގައި ކަމަށެވެ. އެއީ ހެނދުނު 10 އިން ހަވީރު 4 ޖަހަންދެންނެވެ. 

އާއްމު ދަތުރުފަތުރުގައި މިހާރު ދިމާވާ ދަތިތައް ހައްލުކުރަން ޓެކްސީ ލައިނެއް ތައާރަފްކުރަން ސަރުކާރުން ވަނީ ތައްޔާރުވެފަ އެވެ. މި އީދާ ދިމާކޮށް އެކަން ފަށަން ވެސް ނިންމި އެވެ. 

ރައީސް އޮފީހުގައި މި މަހުގެ ކުރީކޮޅު ބޭއްވި ނިއުސް ކޮންފަރެންސްގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ދާޅުވީ ރޯދަ މަސް ނިމެންވާއިރަށް ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 

ނަމަވެސް ޓެކްސީ ލައިންގެ ހިދުމަތް އަދި ނުފަށަ އެވެ. 

އަމީން ވިދާޅުވެފައި ވަނީ ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށް ތިން މޮޑެލްއެއްގެ ކާރު، ދެ ބެޗަކަށް ބަހާލައިގެން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ފުރަތަމަ ބެޗު ގެންނަނީ ތައިލެންޑުން ކަމަށާއި އެ ގައުމުން އެ މޮޑެލްގެ 60 ކާރު ގެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބާކީ ދެ މޮޑެލްގެ ކާރުތައް ގެންނަނީ ޗައިނާ އިންނެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، އެ ހިދުމަތް އިފުތިތާހުކޮށް އަދި މަދު ޓެކްސީތަކާއެކު މި މަހުގެ 18 ވަނަ ދުވަހު ހިދުމަތް ފެށޭތޯ މަސައްކަތް ކުރާ ކަމަށެވެ.

ސަރުކާރުން ޓެކްސީ ވިޔަފާރީގެ ތެރެއަށް ނުކުންނަން ނިންމީ މިހާރު ވެސް ޓެކްސީގެ ހިދުމަތަށް 1،500 އެއްހާ ކާރު ރަޖިސްޓްރީކޮށްފައި އޮންނައިރު އެ މީހަކު ބޭނުންވާ ވަގުތެއްގައި ނުކުމެ، ބޭނުންވާ ތަނަކަށް އެކަނި ދަތުރު ނެގުމުގެ މައްސަލައާ ހެދި އާއްމުންނަށް ކުރިމަތިވާ އުނދަގޫތަކާ ހެދި އެވެ.