ފިނިކުރި ކަންނެލި ޕްރޮސެސްކޮށް އެކްސްޕޯޓުކުރާ ފެކްޓަރީއެއް އައްޑޫގައި ސިޓީގައި ހަދަން ސޮއިކޮށްފި އެވެ.
މި ފެކްޓްރީއަކީ މިފްކޯގެ އިންފްރާސްޓްރަކްޗާ އިތުރަށް ތަރައްގީކޮށް ހަރުދަނާކުރުމަށް، މިފްކޯ އާއި ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ އެކުވީ އެއްބަސްވުމެއްގެ ދަށުން ހަދާ ތަނެކެވެ.
މިފްކޯ އިން ވަނީ ސީއެމްއީސީއާ އެކު އިއްޔެ ތިން އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އޭގެ ތެރެއިން އެއް އެއްބަސްވުމަކީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސައަށް މަސްގަނެ، ރައްކާކުރުމުގެ ގާބިލްކަން ފުޅާކުރުމުގެ އިތުރުން ފިނިކުރި ކަންނެލި ޕްރޮސެސްކޮށް އެކްސްޕޯޓް ކުރުމަށް ބޭނުންވާ ފެކްޓަރީއެއް އައްޑޫގައި ގާއިމުކުރުމުގެ މަސައްކަތްތައް ފަށަންވީ އެއްބަސްވުމެކެވެ.
އޭގެއިތުރުން ތ.ހިރިލަންދޫގައި ކޯލްޑް ސްޓޯރޭޖް އަދި ބްލާސްޓް ފްރީޒް ކުރާނެ މަރުކަޒެއް ތަރައްގީކުރުމާއި، ގދ.ތިނަދޫގައި މިފްކޯ އިން ކުރިއަށްގެންދާ މަސްގަނެ، ފިނިކޮށް ރައްކާކުރުމަށް ފަށާފައިވާ ޕްރޮޖެކްޓް އިތުރަށް ފުރިހަމަކޮށް ފުޅާކުރަށް ވެސް ސީއެމްއީސީއާ އެކު ވަނީ އެއްބަސްވެފަ އެވެ.
މިފްކޯ އިން ބުނި ގޮތުގައި މި އެއްބަސްވުންތަކުގެ މަގުސަދަކީ މިފްކޯގެ ކޯލްޑް ސްޓޯރޭޖް އަދި މަސް ޕްރޮސެސްކޮށް އެކްސްޕޯޓް ކުރުމުގެ ގާބިލްކަން އިތުރުކުރުމެވެ.
މިފްކޯ އިން ބުނީ ސީއެމްއީސީ އާއި މިފްކޯ އާ ދެމެދު ސޮއި ކުރި މި ތިން އެއްބަސްވުމާ ގުޅިގެން ފެށިގެންދާ މަސައްކަތްތަކުގެ ސަބަބުން، ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ކޮށް ފުޅާކުރުމަށާއި، ރާއްޖޭގައި ވެލިއުއެޑްކޮށް އެކްސްޕޯޓް ކުރުމަށް މަގުފަހި ކުރުމަށް ސަރުކާރުން މިފްކޯ މެދުވެރިކޮށް ކުރަމުންގެންދަވާ މަސައްކަތްތައް އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށެވެ.