މިފްކޯއިން ކަންނެލި މަސްވެރިންނަށް އައިސް ވިއްކާ ވަރު ދޯންޏަކަށް ދެ ޓަނުގެ ރޭޓުން ލިމިޓްކޮށްފައިވާ ކަމަށް ބޮޑުކަންނެލި ޔޫނިއަން (ބީކޭއެމްޔޫ) އިން ބުނި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަނަސް މިއަދު ވިދާޅުވެއްޖެ އެވެ.
ބީކޭއެމްޔޫ އިން މިއަދު ނެރު ބަޔާނެއްގައި ބުނީ މިފްކޯގެ އައިސްޕްލާންޓް ތަކުން ދޯންޏަކަށް ދުވާލަކަށް ދެޓަނު އައިސް ވިއްކާ ގޮތަށް ގަވައިދު ބަދަލުކުރުމުން މަސްވެރިންނަށް މަހަށް ފުރަން ދަތިވެފައިވާ ކަމަށެވެ.
ބީކޭއެމްޔޫގެ އެ ބަޔާނާ ގުޅޭ ގޮތުން "މިހާރު" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަނަސް ވިދާޅުވީ މިފްކޯއަށް މަސްކިރާ ދޯނިފަހަރަށް ދެ ޓަނުގެ އައިސް ހިލޭ ދޫކުރުމުގެ އިތުރުން، އައިސްޕްލާންޓްތަކުގައި ގާބިލުކަން ހުރި ވަރަކުން އައިސް ވިއްކާ ކަމަށެވެ.
"މިފްކޯއިން އައިސް އަށް ގެނައި ބަދަލަކީ ހިލޭ އައިސް ދޭން ގެނައި ބަދަލެއް. ހިލޭ އައިސްގެ އިތުރަށް، ގަންނަން އައިސް ދޭނެ، ކަންނެލި މަސްވެރިންނަށް އައިސް ދޫކުރާނެ ވަކި ލިމިޓެއް ނޯވޭ. އެކަަމަކު ކެޕޭސިޓީއަށް ބަލާފައި ރިކުއެސްޓްކުރާ އަދަދަށް ނުލިބޭ ފަހަރު އައިސްދާނެ،" އަނަސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންއާ ވަރަށް ގާތް ގުޅުމެއް ބާއްވަވާ ނަމަވެސް މިފަހަރު އެ ޔޫނިއަނުން މިފަހަރު ބަޔާން ނެރުނީ ގުޅާ ވެސް ނުލަ އެވެ.
ބައެއް ވަކިވަކި ދޯނިފަހަރަށް 10 ޓަނާ ހަމައަށް އައިސް ދޫކުރަން ބައެއް ފަހަރު އެދޭ ކަމަށާއި އެގޮތަށް ދޫނުކުރެވޭ ފަހަރު އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބީކޭއެމްޔޫގެ ބަޔާނުގައި ބުނީ މިފްކޯއިން ގެނައި ބަދަލުގެ ސަބަބުން މަސްވެރިންނަށް މަހަށް ފުރަން ދަތިވެފައިވާ ކަމަށާއި މަސްވެރިންނަށް މަހަށް ފުރަން ދަތިނުވާ ވަރަށް އައިސް ވިއްކޭނެ އިންތިޒާމް ހަމަޖައްސައިދޭން އެދޭ ކަމަށެވެ.