އައްޑޫ ހިތަދޫގައި ސަރުކާރުން އިމާރާތް ކޮށްފައިވާ ފުލެޓު ތަކުގައި ދިރިއުޅޭ މީހުންނަށް ދިމާވެފައިވާ ދުވަސްވީ މައްސަލަތަކަށް ދާއިމީ އަދި ފުރިހަމަ ހައްލެއް ހޯދައި ދޭނެ ކަމަށް ޕީއެންސީގެ ޓިކެޓުގައި އައްޑޫގެ މޭޔަރު ކަމަށް ވާދަކުރައްވާ މުޝްރިފް އަލީ ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގާ ޕާޓީގެ މޭޔަރު ކެންޑިޑޭޓު މުޝްރިފް ވިދާޅުވީ، ހިތަދޫ ފްލެޓު ސަރަހައްދުގައި ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުން އަންނައިރު، އެއީ އެތައް މައްސަލައެއް ތަކުރާރުކޮށް ދިމާވަމުންދާ ތަނެއް ކަމަށެވެ.
އޭނާ ވެސް އެ ސަރަހައްދުގައި ދިރިއުޅުއްވާތީ، ހިތަދޫ ފްލެޓުތަކުގެ މީހުންގެ އިހުސާސްތައް ފުރިހަމައަށް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
ފްލެޓުތަކުން ފެން ލީކުވުމުގެ މައްސަލަ އާއި ސާފު ފެން ނުލިބުމުގެ މައްސަލަ އަދި ވިއްސާރަ ދުވަސްވަރު މުޅި ސަރަހައްދުގައި ފެންބޮޑުވެގެން ކުރިމަތިވާ ދަތިތައް މުޝްރިފް ހާއްސަކޮށް ފާހަގަކުރެއްވި އެވެ.
ފްލެޓުތައް އިމާރާތް ކޮށްފައި ވަނީ މޫދާ ކައިރި ސަރަހައްދެއްގައި ކަމުން ލޮނުގެ އަސަރުކޮށް، އާންމުންގެ އަގުބޮޑު މުދަލަށް އެތައް ގެއްލުމެއް ވެފައިވާކަން ވެސް އޭނާ އާންމުކުރި ވީޑިއޯގައި ވިދާޅުވި އެވެ.
"މި ސަރަހައްދުގައި އުޅޭ ރައްޔިތުން ކުދިންނާ އެކު ގޮސް ހިތް އުފާކޮށްލަން މަޑުކޮށްލާނެ އެއްވެސް ތަނެއް މި ސަރަހައްދަކު ނެތް. ކުރިން މި ތަނުގައި ޕާކެއް އޮތް. ނަމަވެސް އެ ތަން ވެސް މިއަދު އޮތީ ވަރަށް ބޮޑު މަރާމާތަކަށް ބޭނުންވެފައި،" މުޝްރިފު ވިދާޅުވި އެެ.
"މި އޮތް ބޮޑު ފުލެޓު ސަރަހައްދުގައި ގަސް ވަރަށް މަދުކަން ފާހަގަވޭ. މި ތަން ފެހި ކުރުމަކީ ހަގީގަތުގައި ވަރަށް މުހިންމު ކަމެއްކަން އެންމެން ވެސް ގަބޫލުކުރޭ."
މުޝްރިފު ވިދާޅުވި ގޮތުގައި، އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އޭނާ އަދި 'ދަ ގްރޭޓާ' އައްޑޫގެ ޓީމު އިންތިހާބު ކޮށްފި ނަމަ އެ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ހައްލު ކޮށްދޭނެ ކަމަށެވެ.
"މީގެ އިތުރުން، މި ތަނަކީ މި ތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ، ހިތްހަމަޖެހޭ ތަނަކަށް ހަދައިދޭނަން،" މުޝްރިފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އައްޑޫގެ ހުރިހާ އަވަށެއްގައި ހުރި ފުލެޓުތައް ވެސް ހުރީ މިފަދަ ހާލަތެއްގަ އެވެ. އެ ތަންތަން މި ހާލަތަށް ދިޔައީ އެތައް އަހަރެއްގެ އިހުމާލުން ކަމަށާއި އުންމީދަކީ އައްޑޫގެ ހުރިހާ ފުލެޓުތަކައް ދިމާވެފައިވާ މައްސަލަތަކަށް ފުރިހަމަ ހައްލެއް ހޯދުން ކަމަށް ވިދާޅުވި އެވެ.