ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުގެ އެންމެ އިސްވެރިޔާގެ މަގާމަށް މި ހަފުތާގައި އައްޔަން ކުރެއްވި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ރަޝީދުގެ އެއްވެސް މައްސަލައެއް ބަލަމުން ނުދާ ކަމަށާއި އޭނާއާ މެދު އެއްވެސް ފިޔަވަޅެއް ވެސް މިހާތަނަށް އަޅާފައި ނުވާ ކަމަށް ފުލުހުން ރޭ ބުނެފި އެވެ. 

ފުލުހުން މީޑިއާއާ ހިއްސާކުރި މެސެޖެއްގައި އެހެން ބުނީ ހުސައިން ރަޝީދުގެ މައްސަލައެއް މީގެ 10 އަހަރު ކުރިން ބަލައި ފިޔަވަޅު އަޅާފައިވާ ކަމަށް ބައެެއް މީޑިއާތަކުގައި ރިޕޯޓު ކުރުމުންނެވެ.

އެއީ ސައްހަ މައުލޫމާތަކަށް ނުވާތީ އެކަން ސާފުކޮށްދީ ފުލުހުން ބުނީ ހުސައިން ރަޝީދުގެ އެއްވެސް މައްސަލައެއް ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ބަލައި ނުވަތަ އެއްވެސް މައްސަލައެއްގައި ސުވާލުކޮށް އަދި އެއްވެސް އިރެއްގައި އޭނާއާ މެދު އެއްވެސް ބާވަތެއްގެ ފިޔަވަޅެއް އަޅާފައިނުވާކަން ރިކޯޑުތަކުން ސާފުވާ ކަމަށެވެ. 

ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުގެ ހެޑްގެ މަގާމަށް އޭނާ އައްޔަން ކުރެއްވީ އެކަމަށް ކަނޑައަޅާފއިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ފުލުހުން ބުންޏެވެ.