މި އަހަރު 12 ފުލުހަކު ވަޒީފާއިން ވަކިކުރި

ފުލުހުންނާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަތައް ތަހުގީގު ކުރުމަށް ފަހު، މި އަހަރުގެ މިހާތަނަށް 12 ފުލުހަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް، ޕްރޮފެޝަނަލް ސްޓޭޑަޑްސް ކޮމާންޑުން ބުނެފި އެވެ.


ފުލުހުންގެ އަހުލާގީ އަދި އިދާރީ ކުށްތައް ބެލުމަށް އުފައްދާފައިވާ އެ ކޮމާންޑުން މިރޭ އާއްމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފުލުހުންނާ ގުޅޭ 97 މައްސަލައެއް މި އަހަރު އެތަނަށް ވަނީ ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ގަވައިދާ ހިލާފުވުމުގެ މައްސަލަތަކާއި އިހުމާލުވުމާއި ބަދުއަހުލާގީ މައްސަލަތަކުގެ އިތުރުން މަގާމާއި ނުފޫޒުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ މައްސަލަތަކެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މީގެ ތެރެއިން 18 މީހަކާ މެދު ފިޔަވަޅު ވަނީ އަޅައިފަ އެވެ. އޭގެ ތެރެއިން ވަޒީފާއިން ވަކިކޮށްފައިވަނީ ބަދުއަހުލާގީ މައްސަލަތަކާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ކުރުމާއި ގަވައިދާ ހިލާފުވުމާއި ފުލުހެއްގެ ގައިގާ ހުންނަން ޖެހޭ އަހުލާގީ މިންގަނޑުތަކާ ހިލާފުވެފައިވާ މީހުންނެވެ.

ވަޒީފާއިން ވަކިކުރުމުގެ އިތުރުން، ވަޒީފާ އަދާކުރާތަން ބަދަލުކުރުމާއި ރޭންކު ދަށްކުރުމާއި ހާއްސަ ތަމްރީނު ފުރިހަމަކުރުވުމާއި ކައިރިން ސުޕަވައިޒް ކުރެވޭ ގޮތަށް ވަޒީފާ އަދާކުރަން ޖެހުން ފަދަ ފިޔަވަޅުތައް އަޅާފައި ވެ އެވެ.

ފުލުސް އޮޮފީހުން ބުނިގޮތުގައި ވޭތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި ފުލުހުންނާ ގުޅޭގޮތުން އެންމެ ގިނައިން މައްސަލަ ހުށަހަޅާފައިވަނީ 2017 ވަނަ އަހަރެވެ. އެ އަހަރު 141 މައްސަލަ ހުށަހަޅާފައިވާއިރު 58 ފުލުހަކަށް ވަނީ ފިޔަވަޅު އަޅާފަ އެވެ. މިދިޔަ އަހަރު ވެސް 40 ފުލުހުންނަށް ފިޔަވަޅު އަޅާފައިވާއިރު އޭގެ ތެރޭގައި ގިނައީ މަސައްކަތަށް ނުނިކުމެގެންނާއި މާރާމާރީ ހިންގައިގެން ފިޔަވަޅު އެޅި މީހުންނެވެ.

ޕްރޮފެޝަނަލް ސްޓޭޑަޑްސް ކޮމާންޑުން ބުނިގޮތުގައި އަހުލާގީ ކުދި ކުށްތަކަށް ދޭ އެންމެ ބޮޑު އަދަބެއްގެ ގޮތުގައި އާއި އަހުލާގީ ބޮޑެތި ކުށްތަކަށް ދެ އެންމެ ކުޑަ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ރޭންކު ދަށްކުރުމެވެ.