ފުލުހަކު ޖިންސީ ގޯނާކުރަން އުޅުނު މައްސަލައެއް ބަލަނީ

ފުލުހަކު ފިރިހެނަކަށް ޖިންސީ ގޯނާކުރަން އުޅުމުގެ ތެރެއިން މާރާމާރީއެއް ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.


ފުލުހުން ބުނީ 42 އަހަރުގެ ފުލުހަކު 18 އަހަރުގެ ފިރިހެނަކަށް ޖިންސީ ގޯނާ ކުރަން އުޅެ، އެކަމުގެ ތެރެއިން މާރާމާރީ ހިންގި މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. އޭގެ ތެރެއިން 42 އަހަރުގެ މީހާއަކީ ފުލުހެއް ކަމަށާއި އޭނާ ވަގުތުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކާ އެކު ކޯޓުން އޭނާ ވަނީ ދޫކޮށްލައިފަ އެވެ. އެކަމަކު އެ މައްސަލާގެ ޖިނާއީ ތަހުގީގެއް ހިންގަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ޖިނާއީ ތަހުގީގު ހިންގުމުގެ އިތުރުން އެ ފުލުސް މީހާ ސަސްޕެންޑްކޮށް، އޭނާގެ ޑިސިޕްލިނަރީ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭޑާޑްސް ކޮމާންޑުން ބަލަމުންދާ ކަމަށެވެ.