ހޮޅިކޮޅެއް ލިބުން ލަސްވެ، ހަ އަހަރުގެ ކުއްޖަކު ނިޔާވި މައްސަލާގައި ސިޔާސީ މަންފާއަށް އެ ކުއްޖާގެ ފޮޓޯ އާއި މައުލޫމާތު ބޭނުން ނުކުރަން ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން މިއަދު އެދިއްޖެ އެވެ.

އޮމްބަޑްސްޕާސަންގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އެ ފިރިހެން ކުއްޖާ ނިޔާވި މައްސަލާގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އެ އޮފީހުން ތަހުގީގު ފަށާފައިވާ ކަމަށެވެ.

އޭގެ އިތުރުން ކުއްޖާ ނިޔާވުމުން އާއްމުންނާއި ބައެއް ނޫސްތަކުގައި މައިންބަފައިންގެ ހުއްދަ ނެތި ކުއްޖާގެ ޒާތީ މައުލޫމާތާއި ފޮޓޯ ބޭނުންކޮށް، ތަފާތު ވާހަކަތައް ފަތުރަމުންދާ ކަމަށާއި އަދި ސިޔާސީ މަންފާއަށް އެ މައުލޫމާތާއި ފޮޓޯ ބޭނުންކުރަމުންދާ ވެސް ފާހަގަ ކުރެވޭ ކަމަށް އެ ބަޔާނުގައިވެ އެވެ.

ނަމަވެސް، ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަމާއި ހިމާޔަތް ލިބިދީފައިވާއިރު ކުއްޖާގެ ޒާތީ މައުލޫމާތު ނޭދެވޭ ގޮތުގައި ބޭނުންކުރުމަކީ ކުއްޖާގެ ކަރާމާތަށް އުނިކަން އަންނާނެ ފަދަ ކަމެއް ކަމަށް އެ އިދާރާއިން ބުންޏެވެ.

"މިއީ އިސްވެ ބަޔާންކުރެވުނު ގާނޫނުގެ މަގުސަދާއި ރޫހާއި ހިލާފު ކަމެއް ކަމަށާއި އެ ގާނޫނުން ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށް ފަހިކޮށްދީފައިވާ ފުރުސަތުތަކަށް ހުރަސްއެޅޭ ކަމެއް ކަމުގައި ދެކެމެވެ،" ބަޔާނުގައިވެ އެވެ.

"އެހެންކަމުން، ކުއްޖާގެ އާއިލާއަށް ދިމާވެފައިވާ ހިތާމައިގެ މި ދަނޑިވަޅުގައި ކުއްޖާގެ ކަރާމާތަށް އުނިކަން އަންނަ ފަދައަކުން ކުއްޖާގެ ޒާތީ މައުލޫމާތާއި ފޮޓޯ ކުއްޖާގެ އާއިލާގެ ހުއްދަ ނެތި ސޯޝަލް މީޑިއާގެ މަންސަތަކުގައި ބޭނުން ނުކުރުމަށް އިލްތިމާސް ކުރަމެވެ،" 

އާއިލާ އިން ފޭސްބުކްގައި ލިޔެފައިވާ ގޮތުގައި، ސްޕޭސްޓިކް ކުއަޑްރިޕްލެޖިކް ސެލެބްރަލް ޕަލްސީ ހުންނަ ހަ އެ ކުއްޖާއަށް ކާންދެވޭ ހަމައެކަނި މަގަކީ ހޮޅިކޮޅެއް ނުވަތަ ފީޑިން ޓިއުބެއް މެދުވެރިކޮށެވެ. އެ ހޮޅިކޮޅު އެސްޓީއޯ މެދުވެރިކޮށް ގެންނަން އާސަންދައިގައި އެދިގެން އަށް މަސްވިއިރު ވެސް ނުލިބުނު ކަމަށް އެ ޕޯސްޓުގައިވެ އެވެ.

އެއަށްފަހު، އައިޖީއެމްއެޗް މެދުވެރިކޮށް އެ ހޮޅިކޮޅު ލިބުނީ މިދިޔަ އާދިއްތަ ދުވަހެވެ. އަދި ނޭވާލާން އުނދަގޫވެގެން އެ ދުވަހު ޑޮކްޓަރަށް ދައްކަން ދިއުމުން ހޮސްޕިޓަލުގައި އެޑްމިޓުކުރި އެވެ. އަދި ކުއްޖާ އިއްޔެ ނިޔާވީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.