އަމިއްލަ ގޮތުން މޭ/ޖޫންގައި އޭ ލެވެލް ހަދަން ބޭނުންވާ ދަރިވަރުންނަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން އިތުރު ފުރުސަތެއް ދީފި އެވެ.
ޑީޕީއީން ވަނީ އެ ޓެސްޓުގައި ބައިވެރިވާން ބޭނުންވާ ކެންޑިޑޭޓުންނަށް އެޕްލިކޭޝަން ހުށަހެޅުމާއި ފައިސާ ބަލައިގަތުމަށް މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު ހުޅުވާލައިފަ އެވެ. އޭރު އެ ފުރުސަތު ދީފައި ވަނީ މާޗު 12 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެކަމަކު އެ މުއްދަތު ހަމަވެފައިވަނިކޮށް ޑީޕީއީން މިއަދު ކުރި އިއުލާނެއްގައި ބުނީ އޭލެވެލް އިމްތިހާނުގައި އަމިއްލަ ގޮތުން ބައިވެރިވާން ބޭނުންވާ ކެންޑިޑޭޓުންނަށް މިއަދުން ފެށިގެން މާޗު 29 ވާ އާދިއްތަ ދުވަހުގެ ރޭގަނޑު 12:00 އާ ހަމައަށް އިތުރު ފުރުސަތެއް ދޭން ނިންމާފައިވާ ކަމަށެވެ.
އޭ ލެވެލް އިމްތިހާނުގެ ކޮންމެ މާއްދާއެއްގެ ޔުނިޓަކަށް ނަގާ ފީގެ އިތުރުން އިދާރީ ފީއެއްގެ ގޮތުގައި ކޮންމެ ކެންޑިޑޭޓެއްގެ އަތުން 3،000ރ. ނަގަ އެވެ.
ފީ ބަލައިގަންނަނީ ބަނޑޭރި ޕޯޓަލް މެދުވެރިކޮށެވެ. ގޫގުލް ފޯމާ އެކު، ފައިސާ ދައްކާނެގޮތުގެ ޕްރޮސީޖާ ފޯމުގައި ވަނީ އެޓޭޗްކޮށްފަ އެވެ.
އިދާރީ ފީގެ އިތުރުން ޔުނިޓަކަށް ދައްކަންޖެހޭ އަގުގެ ތަފްސީލު:
- އެކައުންޓު
- އެއް ޔުނިޓަށް: 2080ރ.
- ދެ ޔުނިޓަށް: 4160ރ.
- ބަޔޮލޮޖީ، ކެމިސްޓްރީ، ހިސާބު އަދި ފިޒިކްސް
- އެއް ޔުނިޓް: 830ރ.
- ދެ ޔުނިޓް: 1660ރ.
- ތިން ޔުނިޓް: 2490ރ.
- ހަތަރު ޔުނިޓް: 3320ރ.
- ފަސް ޔުނިޓް: 4150ރ.
- ހަ ޔުނިޓް: 4980ރ.
- އިކޮނޮމިކްސް، ބިޒްނަސް، ހިސްޓްރީ، ޖިއޮގްރަފީ، އިންގްލިޝް ލިޓްރޭޗާ އަދި އިންގްލިޝް ލޭންގުއޭޖް
- އެއް ޔުނިޓް: 1160ރ.
- ދެ ޔުނިޓް: 2320ރ.
- ތިން ޔުނިޓް: 3480ރ.
- ހަތަރު ޔުނިޓް: 4640ރ.
މިއީ ރާއްޖޭގައި މެއި ޖޫންގައި އަމިއްލަ ގޮތުން އޭ ލެވެލް ހެދުމަށް ޑީޕީއީން ފުރުސަތު ހުޅުވާލި ފުރަތަމަ ފަހަރެވެ. މީގެ ހަ އަހަރު ކުރިން 2020ގައި ގެނައި ބަދަލާއެކު މީގެ ކުރިން އަމިއްލަ ގޮތުން އޭލެވެލްގެ މޭ/ޖޫން ޓެސްޓުގައި ބައިވެރިވާން ބޭނުންވާ ގިނަ ދަރިވަރުން އިމްތިހާނު ހެދީ ސްރީ ލަންކާއަށް ގޮސްގެންނެވެ.
މި ބަދަލު ގެނައީ އޭލެވެލްގައި ދަށް ނަތީޖާއެއް ލިބޭ ކުދިންނަށް އިމްތިހާނު އަލުން ހަދަން ފުރުސަތު ގެއްލުމުގެ ސަބަބުން ސްކޮލާޝިޕް ހޯދަން ދަރިވަރުންނަށް އޮންނަ ދަތިތަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީއަށް ދަރިވަރުންގެ ޕެޓިޝަނެއް ހުށަހަޅާފައިވަނިކޮށެވެ.
އެ ޕެޓިޝަނުގައި ވަނީ ލަންކާއަށް ދިއުމަށްދާ ހަރަދު ބޮޑުވުމާއި ކޮންމެ ދަރިވަރަކަށް އެވަރުގެ ހަރަދެއް ނުކުރެވޭނެ ކަމަށެވެ. އެކަމަކު ރާއްޖޭގައި އެ އިމްތިހާނު ބާއްވާއިރު ވެސް އިދާރީ ފީއަށް ބޮޑު އަދަދެއް ނަގާތީ ފާޑުކިޔުން އެބަ އޮތެވެ.