ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން، އެމްޑީޕީގެ ވެރިކަމުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަދި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ އަކްރަމް ކަމާލުއްދީން ތާއީދު ކުރައްވައިފި އެވެ.
އެ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް އެހުން އަންނަ މަހުގެ 4 ވަނަ ދުވަހަށް ތާވަލްކޮށްފައި ވާއިރު އެމްޑީޕީން ގެންދަނީ ދެ އިންތިހާބު އެއްކޮށް ބޭއްވުމާ ދެކޮޅަށް ކެމްޕެއިން ކުރަމުންނެވެ. އަދި ސަރުކާރުން ގެންދަނީ އޭގެ އަނެއްކޮޅަށް ކެމްޕޭން ކުރަމުންނެވެ.
އެމްޑީޕީގެ އާންމު ވިސްނުމާ ދެކޮޅަށް އެކްސްގައި ކުރެއްވި ޕޯސްޓުގައި އަކްރަމް ވަނީ އެ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގައި ބޮޑެތި ފައިދާތަކެއް ހުންނާނެ ކަމަށް ވިދާޅުވެ ހަ ކަމެއް ފާހަގަކުރައްވައިފަ އެވެ.
އަކްރަމް ލިޔުއްވާފައިވާ ގޮތުގައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން، ވެރިކަމަށް ކުރިމަތިލާ ފަރާތުން ނުވަތަ ވެރިކަމުގައި ހުރެ އިތުރު ދައުރަކަށް ކުރިމަތިލާ ފަރާތުން މަޖިލިސް ހޯދުމަށް ފޯކަސްކުރާ މިންވަރު ކުޑަވުމުން ނުފޫޒުން އެއްކިބާވެ ރައްޔިތުން ބޭނުންވާ މަޖިލީހެއް ނެގުމަށް މަގުފަހިވާނެ އެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން އިންތިހާބުގެ ފްރެޝަރަށް ސަރުކާރުގެ މެއިން ފޯކަސް އަބަދު ބަދަލުކުރަންޖެހޭ ޖެހުން ނިމުމަކަށް އަންނާނެ. އެކަމުގެ ސަބަބުން އެ ސަރުކާރެއްގެ މައިގަނޑު އަމާޒަށް މަސައްކަތްކުރެވޭނެ މާހުލެއް ވެސް ގާއިމުވާނެ
އަކްރަމް ވިދާޅުވީ މަޖިލިސް މެމްބަރުން ހޮވުމަށް ވޯޓުދޭ ފަރާތަށް، އެ ވޯޓު ދޭއިރު ވެރިކަމަށް އަންނާނީ ވޯޓު ދިން ކެންޑިޑޭޓު ނިސްބަތްވާ ޕާޓީކަން ނޭނގުމުން، ރައްޔިތުން ހިތްއެދޭ ކެންޑިޑޭޓެއް ހިޔާރުކުރަން ވެސް ފަސޭހަވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން އިންތިހާބުގެ ފްރެޝަރަށް ސަރުކާރުގެ މެއިން ފޯކަސް އަބަދު ބަދަލުކުރަންޖެހޭ ޖެހުން ނިމުމަކަށް އަންނާނެ ކަމަށާއި އެކަމުގެ ސަބަބުން އެ ސަރުކާރެއްގެ މައިގަނޑު އަމާޒަށް މަސައްކަތްކުރެވޭނެ މާހުލެއް ވެސް ގާއިމުވާނެ އެވެ.
ވެރިކަމުގެ ދައުރުގެ ތެރޭ ގިނަ އިންތިހާބުތައް ބޭއްވުމުން ދައުލަތުން ނުވަތަ އެއިރެއްގައި އޮންނަ ސަރުކާރަކުން ކުރާ ހޭދަ ބޮޑުވާއިރު އިންތިހާބު ބާއްވާ ދުވަހުގެ އަދަދު މަދުވުމުން ހޭދަ ކުޑަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަކްރަމް ވިދާޅުވީ އެއް ދުވަހެއްގައި އިންތިހާބު ބޭއްވުމުން އިލެކްޝަންސް ކޮމިޝަނުން ކުރާ ހޭދައިގެ އިތުރުން އިންތިހާބު ކާމިޔާބުކުރުމަށް ސަރުކާރުތަކުން ވަޒީފާ އިތުރުކުރާ ނިސްބަތް މަދުވެ، ޕާޓީތަކުން ކުރާ ހޭދަ ވެސް ކުޑަވާނެ ކަމަށެވެ. އަދި އަކްރަމް ވިދާޅުވި ގޮތުގައި، އެއް ދުވަހެއްގައި ދެ އިންތިހާބު ބޭއްވިއްޖެ ނަމަ، ވޯޓުލާ މީހުންގެ އަދަދު އެތައް ގުނައަކުން އިތުރުވާނެ އެވެ.
"އެހެންކަމުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދު ކުރެވޭ،" އަކްރަމް ލިޔުއްވާފައިވެ އެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ރަނގަޅު ކަމެއް ކަމަށް މީގެ ކުރިން އެމްޑީޕީގެ ބައެއް ވެރިން ވާހަކަ ދައްކަވާފައި ވިޔަސް މިހާރު އެމްޑީޕީން އެކަމާ ދެކޮޅެވެ.
އެ ޕާޓީން ވަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ބެހޭ ގޮތުން ނަގާ ވޯޓު ހުއްޓުވަން ކޯޓަށް ވެސް ހުށަހަޅައިފަ އެވެ. އެ މައްސަލައިގެ ޝަރީއަތް މިއަދު ވަނީ ފަށައިފަ އެވެ.
ދެ އިންތިހާބު އެއްކޮށް ބޭއްވުމާ ބެހޭ ގޮތުން ބާއްވާ ފެންނަ ނުފެންނަ ވޯޓުގައި ހުށަހަޅާ ސުވާލުގައި އޮތީ ދެ އިންތިހާބު އެއް ދުވަހެއްގެ ބޭއްވުމާއި މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ފާސްކޮށްފައިވާ، ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ކުރަން ފެނޭތޯ އެވެ.
އެ ސުވާލަކީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އިން ލާޒިމްކުރާ އުސޫލުތަކުގެ ތެރެެއިން ފަރުމާކޮށްފައިވާ ސުވާލެއް ނޫން ކަމަށައި އެހެންވެ، އޭޕްރީލް 4 ވަނަ ދުވަހު ބާއްވާ ފެންނަ ނުފެންނަ ވޯޓު ބާއްވައިގެން ނުވާނެ ކަމަށް ކަނޑައަޅައިދިނުމަށް އެމްޑީޕީން ވަނީ އެދިފަ އެވެ.