ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެންނަވަން ފެއްޓެވި ކަމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސެލިޓު ކުރައްވާ ކަމަށާއި ގައުމަށް ހެވާއިލާބަ އޮތީ އެފަދަ އިސްލާހުތައް ގެނައުން އަވަސް ކޮށްގެން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަކުރަން މިދިޔަ އެމްޑީޕީ ސަރުކާރުގައި އެ ޕާޓީގެ އިސްވެރިން ވިދާޅުވަމުން ގެންދެވިޔަސް އެ ފަސް އަހަރު ނިންމާލީ ވެސް އެކަން ކުރުމަށް އެއްވެސް ކަމެއް ނުކޮށް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އަދަދު އިތުރުވަމުން ދާތީ އެކަން ކޮންޓްރޯލް ކުރަން އެމްޑީޕީގެ ބާރު އޮތް ރައްޔިތުންގެ މަޖިލިހަށް ތަކުރާރުކޮށް ހުށަހެޅުމުން ވެސް އެ އިސްލާހުތައް ކޮށްލީ ބޭރު ކަމަށް ގާސިމް ވިދާޅުވި އެވެ.
"އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވިއިރު ވެސް ވިދާޅުވި ތިމަންނަ ޖޭއެސްސީ ބަދަލުކުރާނަމޭ. ޖޭއެސްސީ ބަދަކުކުރާނަމޭ ކިޔާފައި ފަސް އަހަރު ނިމިގެން ދިޔައިރު އެންމެ ފަހަރަކު ހުށަހެޅުނުތޯ،" މާމިގިިލި ދާއިރާގެ މެމްބަރު ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑު ވެސް ހުށަހެޅިން ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އަދަދު ލޮކްކުރަން 82 އަށް ވިޔަސް އަދި 97 އަށް ވިޔަސް އެކަން ކުރަން. އެކަމަކު އޭރު އެމްޑީޕީއަކުން ވޯޓެއް ނުދިން. އަޅުގަނޑު މިއީ ކޯލިޝަންގައި ހުރި މީހެކޯ އެކަމަކު. އަޅުގަނޑުގެ އިތުރުން އާމިރު، ކުޑަހުވަދޫ ދާއިރާގެ މެމްބަރު ވެސް ދެ ފަހަރަށް ހުށަހެޅި. އެ ވެސް ހަމަ [އެމްޑީޕީން] ބުރުވާލީ."
ގާސިމް ވިދާޅުވީ، އެކަމަކު މިހާރު ރައީސް މުއިއްޒު ފަހަރަކު ކަމެއް ނަމަވެސް އިސްލާހު ކުރައްވަން ފެއްޓެވީތީ އެ މަނިކުފާނަށް ސެލިިއުޓް ކުރައްވާ ކަމަށެވެ.
ރައީސް ވިދާޅުވެފައި ވަނީ މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގެ އިސްލާހާ އެކު، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އަދަދު ހިފެހެއްޓުމާއި ޖޭއެސްސީގެ ގާނޫނު އިސްލާހު ކުރުން ފަދަ މުހިންމު އެތައް އިސްލާހެއް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވާނެ ކަމަށެވެ. އެއީ އެކުއެކީގައި ކުރައްވާނެ ކަމެއް ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ވަނީ މިދިޔަ ހަފުތާގައި ދެއްވައިފަ އެވެ.
ގާސިމް ވިދާޅުވި ގޮތުގައި އިސްލާހުތައް އަވަހަށް ގެނައުމަކީ މުހިންމު ކަމެކެވެ. އެކަމަކު، އެއީ ދައުލަތުގެ ވެރިމީހާ އަށް ބާރުތައް ގެއްލޭ ގޮތަށް އިސްލާހު ކުރުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުރީގައި ދެންނެވިހެން ރަނގަޅަށް ކަމެއް ކުރަން ވެސް އަދި ނުބައިކޮށް ކަމެއް ކުރަން ވެސް ކުރެވޭނީ ބާރުވެރިކަން އޮވެގެން. ބާރުވެރިކަން ނެތިއްޔާ ނުކުރެވޭނެ އެއްކަމެއް ވެސް. ދުވަހެއް ދުވަހަކަށް ދާނީ ތަން ހަލާކުވަމުން،" ގާސިމް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގެ ފައިދާއާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ، މިހާތަނަށް ކޮންމެ ވެރިއަކު އިންތިހާބުވުމާ އެކު ހަ މަސް ވަންދެން ކުރަނީ ރައްޔިތުންގެ މަޖިލިހުގެ ބާރުވެރިކަން ހޯދުމުގެ މަސައްކަތް ކަމަށެވެ. ވެރިކަމުގެ ހުރިހާ އަމާޒެއް އެ ހަމަސް ތެރޭގައި އޮންނަނީ ރައްޔިތުންނަށް ހިދުމަތް ކުރަން ނޫން ކަަމަށް ގާސިމް ވިދާޅުވި އެވެ.
ނަމަވެސް ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން އެކަމުން އެއްކޮށް ސަލާމަތްވީ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އެއްކޮށްލައިގެން ބޭއްވީމާ ރައީސުލްޖުމްހޫރިއްޔާއަކަށް އަންނަ މީހާ އަށް ރައްޔިތުންގެ މަޖިލިސް ލިބުނިއްޔާ ލިބުނީ. ނުލިބުނިއްޔާ ނުލިބުނީ. ރައްޔިތުންގެ މަޖިލިސް ނުލިބިއްޖިއްޔާ އަނެއްކާ އޭނާ ކަންތައް ކުރަންވީ ގޮތަކަށް ކަންތައް ކުރާނެތާ ވެރިކަމަށް އަންނަ މީހަކު،" ގާސިމް ވިދާޅުވި އެވެ.